21 Nov 2012, 21:53
މަޖިލީހުގައި ނަގާ އިތުބާރު ނެތް ކަމުގެ ވޯޓުތައް ސިއްރުކުރަން އެމްޑީޕީން ވެއްދި މައްސަލަ މަޖިލީހުން ބޭރުކޮށްލާފައި ވަނިކޮށް އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރުކުރުމުގެ އިސްލާހެއް އެ ޕާޓީން އަނެއްކާވެސް މަޖިލީހަށް ވައްދައިފި އެވެ.
އެ އިސްލާހު މަޖިލީހަށް މިފަހަރު ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) އެވެ. މަޖިލީހުގެ ގަވާއިދުގެ 167 މާއްދާއަށް ގެންނަން އޭނާ ހުށަހެޅުއްވާފައިވާ އިސްލާހުގައި ބުނަނީ މަޖިލީހުގެ ތަޅުމުގައި އާއި ކޮމެޓީތަކުގައި ރައީސް އާއި ނައިބު ރައީސް އަދި މިނިވަން މުއައްސަސާތަކުގެ މެންބަރުން މަގާމުން ދުރުކުރުމަށް ނަގައި އިތުބާރު ނެތް ކަމުގެ ވޯޓުތައް ނަގަންވާނީ ސިއްރުކޮށްގެން ކަމަށެވެ. އެ އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް އޭނާ ވިދާޅުވެފައިވަނީ ރާއްޖޭގެ މިހާރުގެ ސިޔާސީ މާހައުލު އޮތްގޮތުން މެންބަރުން ވޯޓުދެއްވުމުގައި މިނިވަންކަމާއި ރައްކާތެރި ކަމާއި އެކު ވޯޓުދިނުމަށް އެކަށީގެންވާ މާހައުލެއް މެންބަރުންނަށް ކަށަވަރުކޮށްދިނުން ކަމަށެވެ.
އެމްޑީޕީއަށް ނިސްބަތްވާ ބާރަށު ދާއިރާގެ މެންބަރު މުހަންމަދު ޝިފާޒްވެސް ވަނީ ހަމަ އެ މައްސަލަ މީގެ ކުރިން މަޖިލީހަށް ވައްދާފަ އެވެ. އެ އިސްލާހު މަޖިލީހުގެ އާންމު ކޮމެޓީން ފާސްކޮށް ތަޅުމަށް ފޮނުވުމުން މި ހަފްތާ މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި އެ އިސްލާހަށް މެންބަރުންގެ ތާއީދެއް ނުލިބުނެވެ. ވޯޓު ސިއްރުކުރުމަށް އެމްޑީޕީން މަސައްކަތްކުރަނީ ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެ ޕާޓީން މަޖިލީހަށް ވައްދާފައިވާ ދަނޑިވަޅެއްގަ އެވެ.
ބޮންޑާ ހުށަހެޅުއްވި މައްސަލަ މަޖިލީހުގެ އިދާރާއިން ބަލައިގަތްކަމެއްވެސް ނުވަތަ ނޫންކަމެއްވެސް އަދި ސާފެއްނުވެ އެވެ.