ޖީއެމްއާރަށް މާލޭ އިންޓަނޭޝަނަލް އެއާޕޯޓު ދިނުމަށް ހަދާފައިވާ އެގްރިމަންޓް މިމަހުގެ 30 ގެ ނިޔަލަށް ބާތިލް ނުކޮށްފިނަމަ ސީދާ ހަރަކާތަށް ނިކުންނާނެ ކަމަށް ދިވެހި ރައްޔިތުންގެ ގައުމީ ހަރަކާތުން ބުނެފި އެވެ.

ދިވެހި ގައުމީ ހަރަކާތުން ޓްރޭޑާސް ހޮޓެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވީ މި މަހުގެ 30 ގެ ނިޔަލަށް ޖީއެމްއާރުގެ އެގްރިމަންޓް ބާތިލު ނުކޮށްފިނަމަ ސީދާ ހަރަކާތަށް ނިކުންނަން ހަރަކާތުގެ ބައިވެރިން މިހާރު ނިންމާފައިވާ ކަމަށެވެ. އެގޮތުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާވެސް ވަނީ އެ މުއްދަތުގެ ތެރޭގައި ޖީއެމްއާރު މައްސަލައަށް ހައްލެއް ގެންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށެވެ. އިމްރާން ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި ގޮތެއް ނުނިމިއްޖެ ނަމަ ސީދާ ހަރަކާތް ކުރިއަށް ގެންދާނީ މިހާތަނަށް ބޭއްވި ހަރަކާތްތަކާއި މުޅިން ތަފާތު ގޮތަކަށް ކަމަށެވެ.

އޭނާ ވިދާޅުވީ ޖީއެމްއާރުގެ އިސް ވަފުދެއް ރާއްޖޭގައި ފާއިތުވީ ދެ ދުވަހު ހިންގަމުން ގެންދިޔަ ހަރަކާތުގެ ސަބަބުން އެއާޕޯޓު މިނިވަންކުރުމަށް ކުރަމުންދާ މަސައްކަތަށް ބޮޑު ހަލަބޮލި ކަމެއް އައިސްފާ ވާކަމަށެވެ. އެއާޕޯޓު މިނިވަންކުރަން ހިންގި ކޮންމެ ހަރަކާތެއްވެސް މިހާތަނަށް ހިންގާފައިވާނީ ވަރަށް ސާބިތުކަމާއި އެކު ދެވަނަ ވިސްނުމަކަށް ދިއުމުގެ އެއްވެސް ފިކުރެއްނެތި ކަމަށް އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މަސައްކަތްކުރަމުން ގެންދަނީ ރައީސުލްޖުމްހޫރިއްޔާ މިކަމަށް ފުރިހަމައަށް އިޖާބަ ދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަމާއި އެކުގައި. އަޅުގަނޑުމެން އެންމެ ފުރަތަމަ ނުވަވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި މިމިހުގެ 15ގެ ކުރިން މިކަމަށް ގޮތެއް ނިންމުމަށް ސަރުކާރަށް ދެންނެވުމުން އެ މުއްދަތު ނިމުމުގެކުރިންވަނީ [ޕޮޒިޓިވް ރެސްޕޮންސް] ކުރައްވާފައި. ރައީސުލް ޖުމްހޫރިއްޔާގެ ތަރުޖަމާނުވަނީ ރައީސުލްޖުމްހޫރިއްޔާ އަޑު އައްސަވައިފި ކަމަށާއި އެކަމައިގެން ކުރިއަށް ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައި. އެހެންވީމަ އެހިސާބުން އަޅުގަނޑުމެން ގަބޫލު ކޮށްފިން ރައީސް އެމަސައްކަތް ކުރައްވާ ކަމަށް. އަޅުގަނޑުމެން މިހާރު ވާނީ މިމަހުގެ 30އާ ހަމައަށް ސީދާ ހަރަކާތަށް ދިއުމަށް ފުރުސަތު ހުޅުވާލާފައި. އެހެންވީމާ އެ ހިސާބަށް ނުނިމިއްޖެ ނަމަ މިހަރަކާތް ކުރިއަށް ގެންދާނީ ދިވެހިން ހީވެސް ނުކުރާ ގޮތަކަށް،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ޖީއެމްއާރު މައްސަލައިގައި ރައީސް ވަހީދުވެސް އަދި ސަރުކާރުގެ ކަމާއިބެހޭ މުއައްސަސާ ތަކުންވެސް ދެވަނަ ވިސްނުމަކަށް ދިއުމުގެ ފުރުސަތެއް ނެތް ކަމަށާއި ހަމައެކަނި އޮތް ހައްލަކީ ޖީއެމްއާރާއި އެކު ރައީސް ނަޝީދުގެ ސަރުކާރުން ހަދާފައިވާ އެގްރިމެންޓް ނިމުމަކަށް ގެނައުން ކަމަށެވެ. އަދި ވިދާޅުވީ ޖީއެމްއާރުން ހިންގަމުން އަންނަ ހަރަކާތް ތަކަކީވެސް އެއްވެސް ފައިދާއެއް އޮތް ކަމެއް ނޫން ކަމަށާއި އެ ހަރަކާތްތަކަކީ ފައިސާ އާއި ވަގުތު ބޭކާރުކުރުމެއް ކަމަށެވެ. އޭނާ ވިދާޅުވީ އެއާޕޯޓު މިނިވަންކުރަން ކުރަމުންދާ މަސައްކަތަށް ހުރަސް އަޅަން ބައެއް ސިޔާސީ ބޭފުޅުން މަސައްކަތް ކުރައްވާ ކަމަށާއި އެކަމުގެ ނޭދެވޭ ނަތީޖާއާ އެބޭފުޅުން ކުރިމަތި ލައްވަން ޖެހޭނެ ކަމަށެވެ.

ޖީއެމްއާރު އަތުން އެއާޕޯޓު މިނިވަންކުރަން ދިވެހި ރައްޔިތުންގެ ގައުމީ ހަރަކާތުގެ ފަރާތުން ބާއްވަމުން އަންނަ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން "އެއާޕޯޓު ސައްލާ"ގެ ނަމުގައި އިތުރު ހަރަކާތެއް އަންނަ ހުކުރު ދުވަހުގެ ރޭ 8:45ގައި އާޓިފިޝަލް ބީޗްގައި ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށްވެސް އެ ހަރަކާތް އިންތިޒާމްކުރާ ފަރާތްތަކުންބުނެ އެވެ. އަދި އެއާޕޯޓް އަތުލުމަށް ގޮވާލައި މަދަނީ އިއްތިހާދުން ތައްޔާރު ކުރި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާ އަށް އެރުވުމުގެ ރަސްމިއްޔާތުވެސް މާދަމާ ހަވީރު 3:45ގައި އާޓިފިޝަލް ބީޗްގައި ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.