21 Nov 2012, 17:16
ކުއްޔަށް ދޫކޮށްފައިވާ ރިސޯޓްތަކުގެ ތެރެއިން ކުލި ނުދައްކާ ރިސޯޓްތަކުގެ އެގްރިމެންޓް ބާތިލްކުރުމަށް ޓޫރިޒަމްމިނިސްޓުރީން ނިންމައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީ މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ސަރުކާރަށް ކުލި ނުދައްކައި ހުރި ރިސޯޓްތަކުގެ އެގްރިމެންޓް ބާތިލުކުރުމަށް ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ނިންމާފައިވާ ކަމަށާއި އެގޮތުން މާދަމާއިން ފެށިގެން މިމަހުގެ 30ގެ ނިޔަލަށް ސަރުކާރަށް ދައްކަން ޖެހޭ ކުލި ދައްކައި ހަލާސް ނުކޮށްފި ނަމަ އެ ރިސޯޓްތަކުގެ އެގްރިމެންޓްބާތިލްކޮށް އެ ރަށްތައް ސަރުކާރަށް ނަގާނެ ކަމަށެވެ.
"ކުލި ނުދައްކާ އެއްވެސް ރިސޯޓެއްގެ ކުއްޔަށްދިނުމާ ބެހޭ އެއްބަސްވުން މިއަދާހަމައަށް ވެސް ބާތިލްކޮށްފައިނުވަނީ ޓޫރިސްޓް ރިސޯޓްތަކަކީ ވަރަށް ގިނަ ފަރާތްތަކެއްގެ އާމްދަނީއާ އަދި ވިޔަފާރިއާ ގުޅިފައިވާ އޮންނަ ތަނަކަށްވާތީ،" ޓޫރިޒަމް މިނިސްޓުރީން ބުންޏެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މިހާތަނަށް އެއްބަސްވުން ބާތިލުކުރުމަށް ފޮނުވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ކުންފުއްޏެއްކަމަށްވާ ޔޮޓް ޓުއާސް އިން ހިންގާ އަލިދޫ ރިސޯޓާއި ކުޑަރަށް ރިސޯޓުގެ އިތުރުން ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާގެ އާއިލާ އިން ހިންގާ ރިސޯޓެއް ކަމަށްވާ ފިލިތެޔޮ ރިސޯޓާއި މެދުފުށި އަދި ޒިތާލީގެ ރިސޯޓެވެ.
ޓޫރިޒަމް މިނިސްޓްރީން އަދި ބުނީ މީގެ ފަހުން އެގްރިމެންޓްގައިވާ ގޮތުގެ މަތީން ސަރުކާރަށް ދައްކަން ޖެހޭ ކުލި ނުދައްކާ ރިސޯޓްތައް ކުއްޔަށް ދިނުމާބެހޭ އެގްރިމެންޓް ބާތިލް ކުރާނެ ކަމަށެވެ.
ރިސޯޓްތަކުން ކުލި ނުދައްކައިގެން އެގްރިމެންޓް ބާތިލްކުރުމަށް ނިންމާފައިވާ އިރު ރާއްޖޭގައި މިއަދާހަމައަށް 104 ރިސޯޓްހުޅުވާފައިވެ އެވެ. އަދި އޭގެތެރެ އިން ބައެއް ރިސޯޓްތަކުން ކުލިނުދައްކާ އިރު ސަރުކާރުން ހިންގުމަށް ބޭނުންވާ ހަރަދުތަކުގެ ތެރެއިން ބޮޑުބައެއް ބަރޯސާވެފައި އޮންނަނީ ޓޫރިޒަމަށެވެ.