ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނުތަކަށް ފައިސާ ނުދައްކައިގެން ހުށަހެޅިފައިވާ މައްސަލައެއްގެ ޝަރީއަތަށް މާދަމާ ހަޒިރުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒަށް ސިވިލް ކޯޓުން ޗިޓް ފޮނުވައިފި އެވެ.

ފުނައްޑޫ އިން ނަގާފައިވާ ލޯންތަކަށް ގެރެންޓީ ދީފައިވާ ފަރާތްތަކުގެ ތެރޭގައި އަލީ އާޒިމާއި ނާޝިޒު ހިމެނެއެވެ.

ސިވިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ދެ ބޭފުޅުނަށް ޗިޓް ފޮނުވާފައި ވަނީ މާދަމާ 2:45 އަށް ކޯޓަށް ހާޒިރުވުމަށް ކަމަށެވެ.


އެ ދެބޭފުޅުން ގެރެންޓީ ދީގެން ބީއެމްއެލް އިން ނަގާފައިވާ ލޯނުތަކަކަށް 117 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ފެބްރުއަރީ 7، 2010 ގައި ކުރި ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފައިވާ އިރު އެ ފައިސާ ވަނީ މިހާތަނަށް ނުދައްކަ އެވެ. އެ ދެ ބޭފުޅުން ކޯޓަށް ހާޒިރުކުރަނީ އެ ހުކުމާ އެއްގޮތަށް އެ ފައިސާ ދައްކާފައި ނުވާތީ ހުކުމް ތަންފީޒު ކުރުމަށް ބީއެމްއެލް އިން ސިވިލް ކޯޓަށް ވައްދާފައިވާ މައްސަލައާ ގުޅިގެންނެވެ.