21 Nov 2012, 16:26
އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރިސެސް އަށް ދިޔުމަށް ކްރިމިނަލް ކޯޓުގެ ގާޒީން ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ އަންނަ މަހު ފުރަތަމަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ރިސެސް އަށް ދިއުމަށް ނިންމާފައި ވަނީ މި މަމަހުގެ ތެރޭގައި ބޭއްވި އެ ކޯޓުގެ ގާޒީންގެ 17 ވަނަ ބައްދަލުވުމުގައި ކަމަށެވެ.
"މި ނޮވެމްބަރު މަހުގެ ތެރޭގައި ބޭއްވި ކްރިމިނަލް ކޯޓުގެ ގާޒީންގެ 17 ވަނަ ބައްދަލުވުމުގައި، 01 ޑިސެންބަރު އިން ފެށިގެން 15 ޑިސެންބަރުގެ ނިޔަލަށް މިކޯޓްގެ ގާޒީން ރިސެސް އަށް ދިއުމަށް ވަނީ ނިންމާފައި،" މަނިކު ވިދާޅުވި އެވެ.
މަނިކު ވިދާޅުވީ ރިސެސްގެ ތެރޭގައި ޝަރީއަތްތައް ނޯންނާނެ ކަމަށާއި ނަމަވެސް ކޯޓުން ކުރަމުން ގެންދާ އިދާރީ މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް ކުރަމުންގެންދާނެ ކަމަށެވެ.
ރިސެސްގެ މުއްދަތުގައި ޝަރީއަތްތައް ނެތްނަމަވެސް ޖިނާއީ ކުށެއް ކުރިކަމަށް ތުހުމަތު ކުރެވޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުން އޮންނާނެ އެވެ.