21 Nov 2012, 16:24
ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނަވާ އެމްޑީޕީގެ މެމްބަރުންތަކަށް ރާއްޖޭގެ ގައުމީ ސަލާމަތީ ބާރުތަކުން އަނިޔާކުރި ބުނެ ހުށަހަޅާފައިވާ މައްސަލަތައް އިތުރަށް ބެލުމަށްޓަކައި ރާއްޖޭ ވަޑައިގެން އުޅުއްވާ އިންޓާ-ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ ވަފުދާއި ރައީސުލްޖުމްހޫރިއްޔާއާ ޑރ. މުހައްމަދު ވަހީދު މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް އޮފީހުގައި މިއަދު ހެނދު ބޭއްވި ބައްދަލުވުމުގައި އައިޕީޔޫ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވަމުން އެ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މައްޗަށް ވާހަކަފުޅު ދެއްކެވި ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވި އެވެ. އަދި ރާއްޖެ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ޓަކައި އެޅެންހުރި ފިޔަވަޅުތަކާ ބެހޭ ގޮތުން ވެސް ވާހަކަފުޅު ދެއްކެވި އެވެ.
އެ ވަފުދުގެ ބޭފުޅުންގެ ވާހަކަފުޅުގައި ރާއްޖޭގައި ހެދިފައިވާ ބައެއް ގާނޫނުތައް އިސްލާހު ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ. އަދި ކަމުގައި އައިޕީޔޫގެ ފަރާތުން ވެދެވެން ހުރި އެހީތެރިކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އައިޕީޔޫގެ ވަފުދުގެ ބޭފުޅުން އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާ ވެސް ބައްދަލުކުރައްވައިފަ އެވެ. އެބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ދެކެވުނީ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒާއި މަސްތުވާތަކެއްޗާ ބަނގުރަލުގެ ތުހުމަތުގައި މިދިޔަ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހައްޔަރުކުރި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ގަފޫރު ހައްުޔަރުކުރި މައްސަލައާ ގުޅޭ ގޮތުންނެވެ.
އައިޕީޔޫގެ ވަފުދުގެ ބޭފުޅުން އިއްޔެގެ ހަވީރުގެ ވަގުތެއްގައި ވަނީ ކުުރީގެ ޖެންޑާ މިނިސްޓަރު ފާތުމަތު ދިޔާނާ ސަޢީދާ ވެސް ބައްދަލުކުރައްވައިފަ އެވެ. އެކަމަނާ މަގާމުން ވަކިވެވަޑައިގެންނެވުމުގެ ކުރިން އެވަފުދުގެ ބޭފުޅުންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައި އޮތް ކަމަށް ރައީސް އޮފީހުން ބުންޏެވެ. ނަމަވެސް އިއްޔެ ބޭއްވި އެބައްދަލުވުމުގައި ދިޔާނާ ބައިވެރިވެވަޑައިގެންނެވީ އަމިއްލަ ހައިސިއްޔަތުންނެވެ.