21 Nov 2012, 16:21
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އާ އެކު ޖީއެމްއާރުން ވެފައިވާ އެގްރިމަންޓްގެ މައްސަލައެއް ސިންގަޕޫރުގެ އާބިޓްރޭޝަންގައި ހިގަމުން ދަނިކޮށް ކޮންސެޝަންފީގެ ގޮތުގައި ދައްކަން އެންގި ފައިސާ ދެއްކެން ނެތް ކަމަށް ޖީއެމްއާރުން އެމްއޭސީއެލް އަށް އަންގައިފި އެވެ.
އެއާޕޯޓް ޑިވަލޮޕްމަންޓް ޗާޖް (އޭޑީސީ)ގެ 27 ޑޮލަރު ނުނެގޭތީ ޖީއެމްއާރުން އަންނަނީ ސަރުކާރަށް ދައްކާ ކޮންސެޝަންފީން އެ ފައިސާ ކަނޑަމުންނެވެ. އެއާ އެކު މިދިޔަ ހަ މަސް ދުވަހު ވެސް އެއާޕޯޓުން ސަރުކާރަށް އެއްވެސް އެއްޗެއް ލިބިފައެއްނުވެ އެވެ.
ސަރުކާރަށް މިހާތަނަށް ލިބެންޖެހޭ ނަމަވެސް ޖީއެމްއާރުން ނުދައްކާ ހުރި ފައިސާ ހޯދުމަށް އެމްއޭސީއެލް އިން ވަނީ ޖީއެމްއާރަށް އެ ފައިސާ ދައްކައި ހަލާސްކުރުމަށް އަންގައި މި މަހުގެ ކުރީކޮޅު ސިޓީއެއް ފޮނުވައިފަ އެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓާ މުހަންމަދު އިބްރާހިމް ވިދާޅުވީ އެމްއޭސީއެލްގެ އެ ސިޓީ އަށް މިދިޔަ އާދިއްތަ ދުވަހު ޖީއެމްއާރުން ޖަވާބު ފޮނުވާފައިވާ ކަމަށާއި އެ ކުންފުނިން ބުނެފައި ވަނީ އާބިޓްރޭޝަންގައި އެކަމާ ގުޅޭ މައްސަލައެއް ހިނގަމުން ދަނިކޮށް އެ ފައިސާ ދެއްކެން ނެތް ކަމަށް ބުނެ ކަމަށެވެ.
"އެ ފައިސާ ދެއްކުމާ މެދު އާބިޓްރޭޝަނުން ގޮތެއް ނިމޭނެތީ ކޮންސެޝަންފީގެ ގޮތުގައި ދައްކަން ޖީއެމްއާރަށް އެންގި ފައިސާ ދެއްކެންނެތޭ ބުނެ އެބޭފުޅުން ޖަވާބުދެއްވަނީ،" މުހަންމަދު ވިދާޅުވި އެވެ.
ކޮންސެޝަންފީން އޭޑީސީގެ ފައިސާ އުނިކުރަން އެމްއޭސީއެލްގެ ކުރީގެ ޗެއާމަން ހުއްދަދެވި ސިޓީ ވެސް އެމްއޭސީއެލް އިން ވަނީ މިއަހަރުގެ މެދުތެރޭގައި ބާތިލްކޮށް އެކަން ޖީއެމްއާރަށް އަންގައިފަ އެވެ. ނަމަވެސް ޖީއެމްއާރުން އަދިވެސް އަމަލުކުރަމުން ދަނީ ކުރީގެ ބޯޑުގެ ނިންމުމަށެވެ. އެ ސިޓީ ބާތިލްކުރަން ޖީއެމްއާރުން ވަނީ ސިވިލްކޯޓަށް ވެސް މައްސަލައެއް ހުށަހަޅައިފަ އެވެ.
މިދިޔަ ކުއާޓާގައި ވެސް ޖީއެމްއާރަށް އެމްއޭސީއެލް އަށް 5.2 މިލިއަން ޑޮލަރު ދޭންޖެހޭ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ. އަދި މި އަހަރުގެ ދެ ވަނަ ކުއާޓާގައި ވެސް 5.4 މިލިއަން ޑޮލަރު ޖީއެމްއާރުން އެ ކުންފުންޏަށް ދޭން ޖެހޭ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް އެ ދެ ކުއާޓާގައި ވެސް ފައިސާ ދައްކަން ޖެހޭކަމަށް ޖީއެމްއާރުން ބުނަނީ އެމްއޭސީއެލް އިން ކަމަށެވެ.
އެ މައްސަލަ ބޮޑުވެ އެންމެ ފަހުން އެ މައްސަލަ ޖީއެމްއާރުން ވައްދާފައި ވަނީ ސިންގަޕޫރުގެ އާބިޓްރޭޝަނަށެވެ. އަދި ޖީއެމްއާރުގެ އެގްރިމަންޓަށް ބުރޫއަރާ ފަދަ މައްސަލައެއް ކުރިއަށް ނުގެންދިޔުމަށް ޖީއެމްއާރުން އެދުމުން ސިންގަޕޫރުގެ ހައިކޯޓުން ވަނީ އެގޮތަށް އަމުރެއް ނެރެފަ އެވެ.