21 Nov 2012, 15:03
ޗެލްސީގެ ކޯޗުކަމުން ޑިމަޓިއޯ ވަކިކޮށްފި އެވެ.
ކޯޗުކަމުގައި އެންމެ 262 ދުވަސްވީތަނާ އޭނާ މަގާމުން ވަކިމިކުރީ ޔުވެންޓަސް އަތުން ރޭ 3-0 ބަލިވެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޗެލްސީ ކެޓުމުގެ ބިރު ހީވެފައިވަނިކޮށެވެ. ނަމަވެސް މި ނިންމުމަށް އިނގިރޭސި ގިނަ ތަޖުރިބާކާރުން ވަނީ އަބްރޮމޮވިޗަށް ފާޑުކިޔަން ފަށަައިފަ އެވެ.
އާ ކޯޗަކަށް ގެންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ އެވެ. އޭނާ ކޯޗުކަންދޭން ކުލަބުގެ ވެރިޔާ ރޯމަން އަބްރޮމޮވިޗް ބޭނުންވާކަމަށް ދުނިޔޭގެ ބޮޑެތި މީޑިޔާތަކުން ވެސް ވަނީ ބުނަން ފަށައިފި އެވެ. ގާޑިއޯލާ މިކަމަށް އެއްބަސްނުވާނަމަ ދެން ކޯޗުކަން ހަވާލުކުރާނެ ކަމަށް ބެލެވޭ އަނެއް ކޯޗަކީ ލިވަޕޫލްގެ ކުރީގެ ކޯޗު ރަފޭލް ބެނީޓޭޒެވެ.
ޑިމަޓިއޯ އަކީ ހުސްވި ސީޒަނުގެ އެފްއޭކަޕާއި ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިން ކޯޗެވެ. އޭނާ ޓީމާ ހަވާލުވީ މިހާރު ޓޮޓެމްހަމުގެ ކޯޗަކަށް ހުރި އަންދްރޭސް ވިޔާސް ބޯއަސްއާ ސީނިއާ ކުޅުންތެރިންނާ މައްސަލަޖެހި ނަތީޖާ ދަށްވާން ފެށުމުން ވިޔާސް ބޯއަސް މަގާމުން ވަކިކުރުމުން ވަގުތީ ގޮތުންނެވެ. ފުރަަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމުގެ އިތުރުން އެފްއޭކަޕް ހޯދުމުން މި ސީޒަނުން ފެށިގެން ޑިމަޓިއޯއަށް ޓީމު ހަވާލުކުރީ ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓަކާއެކުގަ އެވެ.
ގާޑިއޯލާ އަށް ކޯޗުކަން ދޭނެ ކަމަށް ޔަގީންކުރެވޭ އަނެއް ސަބަބަކީ ކުރު ޗުއްޓީއަކަށް ފަހު އަލުން ފީލްޑަށް ނުކުތުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށާއި އޭނާ ފެނިގެންދިއުން އެންމެ ގާތީ އިނގިރޭސި ލީގުން ކަމުގައި ގާޑިއޯލާ އޭނާގެ ގާތްރަހުމަތްތެރިންތަކެއްގެ ގާތު މި މަހުގެ ކުރީކޮޅު ބުނެފައިވުމުންނެވެ.
ޑިމަޓިއޯ އަކީ އަބްރޮމޮވިޗްގެ ވެރިކަމުގައި ޗެލްސީން ވަކިކުރި އަށް ވަނަ ކޯޗެވެ. ތިރީގައިމިވަނީ ކޯޗުން ވަކިކުރުމުން އައިގޮތުގެ ތަފްސީލެވެ.
1- ކްލައުޑިއޯ ރަނިއޭރީ، ސެޕްޓެމްބަރު 2000 އިން މޭ 2004 އަށް
2- ހޯސޭ މޮރީނިއޯ، ޖޫން 2004 އިން ސެޕްޓެމްބަރު 2007 އަށް
3- އަވްރަމް ގްރާންޓް، ސެޕްޓެމްބަރު 2007އިން މޭ 2008 އަށް
4- ލުއިޒް ފިލިޕް ސްކޮލާރީ، ޖުލައި 2008 އިން ފެބްރުއަރީ 2009 އަށް
5- ގުސް ހިޑިންކް، ފެބްރުއަރީ 2009 އިން، މޭ 2009 އަށް
6- ކާލޯ އެންޗެލޮއްޓީ، ޖޫން 2009 އިން މޭ 2011 އަށް
7- އަންދްރޭސް ވިއާސް ބާއޯސް، ޖޫން 2011 އިން މާޗް 2012 އަށް
8- ރޮބާޓޯ ޑިމަޓިއޯ މާޗް 2012 އިން ނޮވެމްބަރު 2012 އަށް