މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް އެ ކޮމިޝަންގެ ނައިބު ރައީސް ކަމުގައި ހުންނެވި މުހައްމަދު ޝަހީބް މިއަދު ހޮވައިފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ބަދުރުއްނަސީރު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ އެ މަގާމަށް ޝަހީބް ހޮވާފައި ވަނީ އެ ކޮމިޝަންގައި މިހާރު ހިމެނިވަޑައިގެންނަވާ ހަ މެމްބަރުން ބައިވެރިވެވަޑައިގެން މިއަދު ބޭއްވި ބައްދަލުވުމެއްގައި ހަތަރު މެމްބަރުން ޝަހީބް ރައީސަކަށް ހަމަޖެއްސެވުމަށް ފެންނަ ކަމަށް ވޯޓް ދެއްވައިގެންނެވެ. އެ މަގާމަށް ޝަހީބް ހޮވުމަށް ނުފެންނަ ކަމަށް ދެ މެމްބަރުން ވޯޓް ދެއްވި އެވެ.

އެ ކޮމިޝަންގެ ނައީބް ރައީސްގެ މަގާމަށް ވެސް މިއަދު ވަނީ ބޭފުޅަކު ހޮވައިފަ އެވެ. އެ މަގާމަށް ހޮވީ އެ ކޮމިޝަންގެ މެމްބަރު އަބްދުﷲ ސުޖާއު އެވެ. ސުޖާ އަށް ވެސް ލިބިވަޑައިގެންނެވީ ފެންނަ ކަމަށް ހަތަރު ވޯޓެވެ. ދެން ތިއްބެވި ދެ މެމްބަރުން ވޯޓް ދެއްވީ ނުފެންނަ ކަަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނި ގޮތުގައި އެކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލެއްވީ ޝަހީބް އެކަންޏެވެ. އަދި ނައިބް ރައީސް ކަމުގެ މަގާމަށް ކުރިމަތިލެއްވީ ސުޖާއު އެކަންޏެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްގެ މަގާމާއި ނައިބް ރައީސްގެ މަގާމަށް ބޭފުޅުން ހޮވައިފައި މި ވަނީ ކުރިން އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ބަދުރުއްނަސީރު 29 ޖުލައި 2012ގައި އިސްތިއުފާ ދެއްވުމުން ހުސްވި ގޮނޑިއަށް ރައްޔިތުންގެ މަޖިލީހުން ބޭފުޅަކު ހޮވުމުގެ ކުރިންނެވެ.

ބަދުރު އިސްތިއުފާ ދެއްވުމުން ހުސްވި ގޮނޑި އަށް 14 މީހަކު ވަނީ ކުރިމަތިލައިފަ އެވެ. އެ މީހުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ.

ބްރޯޑްކާސްޓް ކުރުމުގެ ގާނޫނު ބުނާ ގޮތުން ބްރޯޑްކާސްޓިން ކޮމިޝަނުން މެންބަރަކު ހުސްވެއްޖެ ނަމަ އެ މަގާމަށް 60 ދުވަހުގެ ތެރޭގައި މެންބަރަކު އައްޔަން ކުރަން ޖެހެ އެވެ.