ގ. ވޭރު އަބްދުލް މުހީތު މަރާލިކަމަށް ތުހުމަތު ކުރެވޭ ތިން ކުދިންގެ މައްޗަށްވެސް ދަައުލަތުން ކޮށްފައިވާ ގަސްތުގައި މީހަކު މަރާމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ނަމަ ބޭނުން ވަނީ މަރަށް މަރު ކަމަށް މުހީތުގެ އިތުރު ފަސް ވާރިސަކު ބުނެފި އެވެ.

މުހީތުގެ ވާރިސުންގެ ބަޔާން ނެގުމަށް ޖުވެނައިލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އޭނާގެ ފަސް ވާރިސަކު ބުނެފައި ވަނީ އެ ތިން ކުދިންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާ ސާބިތުވެެއްޖެނަމަ ބޭނުން ވަނީ މަރަށް މަރު ކަމަށެވެ. އެ ފަސް ވާރިސުންގެ ބަޔާނާއި އެކު މިހާތަނަށް އޭނާގެ އަށް ވާރިސެއްގެ ބަޔާން ވަނީ ނެގިފަ އެވެ.

މުހީތުގެ ވާރިސުންގެ ބަޔާން ނަގައި އަދިވެސް ނުނިމޭތީ ވާރިސުންގެ ބަޔާން ނެގުމަށް އިތުރު އަޑުއެހުމެއް މާދަމާ ބޭއްވުމަށް ޖުވެނައިލް ކޯޓުން ވަނީ ނިންމާފަ އެވެ.

މުހީތު މަރާލި ކަމަށް ތުހުމަތު ކުރެވޭ ތިން ކުދިންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނަގާފައިވާއިރު އެ މީހުންގެ ފޯންކޯލް ރިކޯޑިންވެސް ޝަރީއަތުގައި ވަނީ އިއްވާފަ އެވެ.

ނަމަވެސް މައްސަލައިގެ ބާވަތުން ހެކިބަސް ލިބުނުގޮތެއް ކޯޓުން ހާމަކޮށްފައެއް ނުވެ އެވެ.

ޖުވެނައިލް ކޯޓުން ބުނީ ހާދިސާ ހިނގިއިރު އެތިން ކުދިންގެ އުމުރަކީ 17 އަހަރު ކަމަށާއި އޭގެ ތެރެއިން އެކަކު ފިޔަވައި އެހެން އެންމެނަށް ވެސް މިހާރު 18 އަހަރު ފުރިފައިވާކަމަށެވެ.

މުހީތުގެ މަރުގެ މައްސަލައާ ގުޅިގެން ތިން މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ވެސް ދައުލަތުން ވަނީ ދައުވާ އުފުލާފަ އެވެ. އެ ތިން މީހުންނަކީ ގދ. ގައްދޫ އަބްލަޢީގޭ މުހުޖަތު އަހުމަދު ނާސިހު، 19، އާއި ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފައު، 19، ގެ އިތުރުން ޅ. ނައިފަރު ޒައިތޫނިގޭ، 19، މުހައްމަދު މައިމޫން، 19، ގެ މައްޗަށެވެ.

އެ ތިން މީހުންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ވެސް މިހާރު ވަނީ ނަގާފަ އެވެ. ނަމަވެސް އޭގެ ފަހުން އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް ކްރިމިނަލް ކޯޓުން ބާއްވާފައެއް ނުވެ އެވެ.