ބޯހިޔާވަހިކަން ދިނުމުގެ އާ ފިޔަވައްސެއް އަންނަ އަހަރު ކުރީ ކޮޅު ފަށާނެ ކަމަށް ހައުސިން މިނިސްޓަރު އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވެލާނާގޭ ޕްރެސްރޫމްގައި މިއަދު ބޭއްވެވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ އާ ފިޔަވައްސެއް އަންނަ އަހަރުގެ ކުރީ ކޮޅު ފައްޓަވާނެ ކަމަށާއި އެކަމާ ބެހޭ އިދާރީ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ 2013ގެ ކުރީކޮޅު އަޅުގަނޑުމެން އިތުރު ފިޔަވައްސެއް ފެއްޓުމަށް މަސައްކަތް މިކުރަނީ، ޔަގީންކޮށް އެކަން ފެއްޓޭނެ ތާރީހެއް ދަންނަވާލަން ދަތި ވަނީ އަދި ކުރިއަށް ދަނީ އިދާރީ މަސައްކަތްތައް ކަމަށް ވާތީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަލަށް ފަށާ ފިޔަވައްސަކީ ވެސް ގެދޮރުގެ ދަތިކަން ކުރިމަތިވެފައިވާ މާލޭގެ ފަރާތްތަކަށް އެމައްސަލަ ހައްލުކޮށްދިނުމަށް ފަށާ ސުކީމެއް ކަމަށާއި އެ ސްކީމްގެ ދަށުން ފްލެޓް އަޅާނީ ހުޅުމާލޭގައި ކަމަށެވެ. އަދި ވިދާޅުވީ މާލެ މިހާ ބޮޑަށް ތޮއްޖެހިފައި އޮތުމުން ބޯހިޔާވަހިކަމުގެ އެއްވެސް އާ މަޝްރޫއެއް މާލޭގައި ހިންގަން ގަސްދުކޮށްފައި ނުވާ ކަމަށެވެ.

މިހާރު ކުރިއަށްދާ ވެށިފަހިމާލެ ޕްރޮގްރާމްގެ ކެޓަގަރީ ބީއިން ފްލެޓްލިބޭ ފަރާތްތަކުގެ ލިސްޓެއް އިއުލާންކޮށްފާވައި ކަމަށާއި އެހެން ނަމަވެސް އެއީ ވަގުތީ ލިސްޓެއް ކަމަށާއި އެގޮތަށް އިއުލާންކޮށްފައި އެވަނީ ޝަކުވާއެއް އޮތް ފަރާތެއް ނަމަ އެ ޝަކުވާއެއް ހުށައެޅުމުން އެކަން ބެލުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެގޮތަށް އިއުލާން ކުރުމުން ވަރަށް ގިނަ ފަރާތްތަކުން ވަރަށް ގިނަ ޝަކުވާ ހުށައަޅާފައިވާ ކަމަށެވެ.

"އެންމެ ގިނައިން ހުށައަޅާފައި ވަނީ ގޭބިސީގެ އާމްދަނީ ހުށައަޅަން ފުރުސަތު ދީފައި ނުވާ ކަމުގެ ޝަކުވާ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެފަދަ ޝަކުވާތައް ހުރި ނަމަވެސް ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ކޮރަޕްޝަންގެ އެއްވެސް ކަމެއް ހިނގާފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހުންނަށް ދިނުން ފަދަ ކަމެއް ވެސް ކޮށްފައިނުވާކަން ފާހަގަ ކުރެވުނު ކަމަށެވެ.

"... ދެން މިކަހަލަ ކަންތައްތައް ފާހަގަކުރެވުނީމާ އަޅުގަނޑުމެން ކޮންމެ ގޮތެއް ވިޔަސް ބޭނުންވީ އިތުރަސް ވެސް ބަލާލަން، ލިބިފައި ހުރި ފަރާތްތަށް ކުޑަކޮށް ކެޓަގަރައިޒްކޮށްލަން، އެގޮތުން ދެން މި ބަލާލީ ޕާޓީތަކަށް ކިހިނެތްތޯ މިމީހުން އެފިލިއޭޓް ވެފައި ހުރީ. އެކަހަލަ އެއްވެސް ކަމެއް ވެސް ހިނގާފައި އޮތްތޯ، ބެލި އިރުގައި 471 ފަރާތުގެ ތެރެއިން ގާތްގަނޑަކަށް 300 ބޭފުޅުންނަކީ އެއްވެސް ޕާޓީއެއްގެ ބޭފުޅުންނެއް ނޫން." މިނިސްޓަރު ވިދާޅުވި އެވެ.