21 Nov 2012, 14:03
ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ވަޒީފާ އަދާ ކުރާ މީހުންގެ އަތުން ޕެންޝަނަށް ފައިސާ ނެގުމަށް މަޖުބޫރުނުކޮށް، ޕެންޝަނަށް ފައިސާ ނެގުން އިހްތިޔާރީ ގޮތަކަށް ހެދުމަށް ހުށަހެޅި އިސްލާހު ފާސް ކުރަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން ފޮރުވި ރިޕޯޓް މިއަދު ފާސްކޮށްފި އެވެ.
ފެންޝަނާ ބެހޭ ގާނޫނަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު މިދިޔަ އަހަރު ހުށަހެޅި އިސްލާހު ކޮމެޓީން ދިރާސާކޮށް ނިންމާފައި ވަނީ ޕެންޝަނާ ބެހޭ ގާނޫނު މިހާރު އޮތީ ރަނގަޅަށް ކަމަށާއި މުއްތަލިބު ހުށަހެޅުއްވި އިސްލާހުތައް އެ ގާނޫނަށް ގެންނަން ނުފެންނަ ކަމަށެވެ. އަދި އެ ގޮތަށް ކޮމެޓީން ނިންމާފައި ވަނީ ތަފާތު އެކި މުއައްސަސާތަކާ މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް އެ ކޮމެޓީން ނެރެފައިވާ ރިޕޯޓްގައި ބުނެފައިވެ އެވެ.
އެ ރިޕޯޓް ފާސްކުރުމަށް މިއަދު ނެގި ވޯޓްގައި ބައިވެރިވި 60 މެންބަރުންގެ ތެރެއިން 51 މެންބަރުން ވޯޓް ދެއްވާފައިވެ އެވެ. އަދި ރިޕޯޓް ފާސް ނުކުރުމަށް ހަ މެންބަރުން ވޯޓް ދެއްވި އެވެ. އަދި ވަކިކޮޅަކަށް ވޯޓް ނުދެއްވާ ތިން މެންބަރަކު އިންނެވި އެވެ.
މުއްތަލިބު ހުށަހެޅުއްވި އިސްލާހާ އަމަލުކޮށްފި ނަމަ، ޕެންޝަން ސުކީމަށް އައިސްދާނެ ބަދަލުތަކާ ބެހޭ ގޮތުން އެޓާނީ ޖެނަރަލްގެ އޮފީހާއި ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާ މޯލްޑިވްސް ނެޝަނަލް ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުންނާ ކޮމެޓީން ވަނީ މަޝްވަރާކޮށްފައިވެ އެވެ.
ޕެންޝަނާ ބެހޭ ގާނޫނަށް މުއްދަލިބު ހުށަހެޅުއްވި އިސްލާހުގައި ބުނަނީ ޕެންޝަން ސުކީމްގައި ބައިވެރިވެވޭނީ މުވައްޒަފުންގެ ރުހުމާއެކުގައި ކަމަށެވެ. ނަމަވެސް މިހާރު ގާނޫނުގައި ބުނެފައިވާ ގޮތުން ޕެންޝަން ސުކީމްގައި ބައިވެރިވުމަކީ މަޖުބޫރު ކަމެކެވެ.
ފެންޝަން ވޭޖްގެ ގޮތުގައި ޕެންޝަން އޮފީހަށް ދައްކަން ޖެހޭނީ މުސާރައިގެ 3.5 ޕަސެންޓް ކަމަށް ވެސް އިސްލާހުގައިވެ އެވެ. ނަމަވެސް މިހާރު އަމަލު ކުރަމުންދާ ގާނޫނުގެ ދަށުން ޕެންޝަން ވޭޖްގެ ގޮތުގައި މުވައްޒަފުންގެ ވަޒީފާ އަދާ ކުރާ ތަނުން ކޮންމެ މުވައްޒަފެއްގެ މައްޗަށް ދައްކަންޖެހެނީ މުސާރައިގެ ހަތް ޕަސެންޓެވެ.