15:04


ރަށްތައް ގުޅުވާލުމުގެ ފެންނަ ނުފެންނަ ވޯޓު ނަގާ އޮނިގަނޑާ މެދު ޝައްކު އުފެދިގެންނުވާނެ ކަމަށާއި، އެފަދަ ވޯޓެއް ނަގާނީ ކިހިނެއް ކަމާއި، ކޮން އޮނިގަނޑެއްގެ ތެރެއިންތޯ އެއީ އުފެދޭ ސުވާލެއް ކަމަށް މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ވެސް މެންބަރު މުހައްމަދު ނަޝީދު އޭނާގެ ބްލޮގްގައި މިއަދު ވިދާޅުވެފައި ވަނީ، އަތޮޅެއްގެ ނުވަތަ އިދާރީ ދާއިރާއެއްގެ ރަށެއް، އެ އަތޮޅުގެ އެހެން ރަށަކާ އިދާރީ ގޮތުން ގުޅާލަން ރަށްވެހިންގެ އަޣްލަބިއްޔަތު ލިބިއްޖެނަމަ، ލާމަރުކަޒީ ޤާނޫނުގެ 136 ވަނަ މާއްދާގެ ދަށުން އެކަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށެވެ. އަދި މުހިންމު ކަންކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ބާރު ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ އަށް، ލިބިގެންވާ ކަމަށާއި، ޤާނޫނު އަސާސީގެ 70 ވަނަ މާއްދާގެ ދަށުން އެބާރު ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. މީގެ އިތުރުން އެފަދަ ވޯޓު ނަގައިދިނުމުގެ ބާރު ޤާނޫނު އަސާސީގެ 170 ވަނަ މާއްދާގެ ދަށުން އިލެކްޝަން ކޮމިޝަނަށް ލިބިގެންވާ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. ނަމަވެސް އެއްވެސް ޤާނޫނެއްގައި، ފެންނަ ނުފެންނަ ވޯޓުގެ މަފްހޫމެއް، އުސޫލެއް އޮނިގަނޑެއް ބަޔާންވެފައި ނުވާހިނދު، އެ އަޣްލަބިއްޔަތު އޮތްކަން ބަލާނީ ކިހިނެއް ކަމާއި، ވޯޓު ނަގާނީ ކޮން އުސޫލަކުން، ކޮން އޮނިގަނޑެއްގެ ތެރެއިން ކަމާމެދު ސުވާކު އުފެދޭކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.


ނަޝީދު އަދި ވިދާޅުވެފައި ވަނީ އެކަން ކުރެވޭނީ ޢާންމުކުރެވިފައިވާ ޞައްޙަވެގެންވާ ޤާނޫނީ އުސޫލުތަކެއްގެ ދަށުން ނުވަތަ އޮނިގަނޑެއްގެ ތެރެއިން ކަމަށެވެ. އަދި ފެންނަނުފެންނަ ވޯޓަކީ، އިންތިޚާބަކާ އަޅާބަލާއިރު މަފްހޫމުގެ ގޮތުން ތަފާތު ކަމެއް ކަމަށާއި، އިންތިޚާބެއްގައި މީހަކު ހޮވިނަމަވެސް، ފެންނަ ނުފެންނަ ވޯޓެއްގައި ހޯދަނީ، ރައްޔިތުންގެ އާނ ބަސް ނުވަތަ ނޫން ބަސް ނުވަތަ ސުވާލެއްގެ ޖަވާބު ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އަދި ރާއްޖޭގައި އިންތިޚާބާ ގުޅޭ ތިން ޤާނޫނެއް އޮތް ނަމަވެސް ފެންނަނުފެންނަ ވޯޓު ނެގުމުގެ ޤާނޫނަކީ، އާ ޤާނޫނު އަސާސީގެ ދަށުން ހަދަންޖެހޭ ކަމަށް ލިސްޓުކުރެވި، އަހަރުތެރޭ ހަދަންޖެހޭ ޤާނޫނުތައް ކަމަށް ސަރުކާރުން އަހަރަކު އެއްފަހަރު އިޢްލާނުކުރައްވާ ޤާނޫނުތަކުގެ އެޖެންޑާގައި ހިމަނުއްވާފައިވާ ޤާނޫނެއް ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.


ރެފަރެންޑަމްގައި، ސުވާލު ފަރުމާކުރެވޭ ގޮތަކީ ވެސް، ވޯޓުގެ ނަތީޖާ ބަދަލުކުރެވިދާނެ ކަމަކަށް ވާއިރު، އެކަމުގައި، ރައްޔިތުންނަށް ހުށަހަޅާ ސުވާލު ރަސްމީކޮށް އެކުލަވާލަނީ ކާކު ކަމާއި، މައްސަލައަށް ރައްޔިތުންގެ ހޭލުންތެރިކަން އުފައްދައިދޭނީ ކާކު ކިހިނެއް ކަމާއި، ކުރެވޭ ސުވާލަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ދޭނީ ކިހާ މުއްދަތެއް ކަމާމެދު ސުވާލު އުފެދޭ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. އަދި ވޯޓުގެ ނަތީޖާއަކީ ޚިޔާލެއް ނުވަތަ ޙުކުމެއް ކަމާއި، އެއީ އެއަށް ތަބާވުން ލާޒިމު އެއްޗެއް ކަމާއި، ނުވަތަ އެއީ ރައްޔިތުން ކަމަކާ ދޭތެރޭ ދެކޭގޮތް ހަމައެކަނި އަންގައިދޭ މިންގަނޑެއްތޯ އެއީ އުފެދޭ ސުވާލުތަކެއް ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި އެ ވޯޓުގެ ނަތީޖާއާ އެއްގޮތަށް އެކަމެއް ނުކޮށް ދޫކޮށްލެވިދާނެތޯ އާއި އެގޮތަށް ދޫކޮށްލެވޭނީ، ނުވަތަ ދޫކޮށްނުލެވޭނީ ކޮންކަހަލަ މައްސަލަތަކެއްގައި ނަގާ ވޯޓެއްތޯ ވެސް ސުވާލު އުފެދޭ ކަމަށާއި، މިއީ ހަމަޖެހިނިމި އިޢްލާނުކުރެވިފައިވާ އުސޫލުތަކެއްގެ ތެރެއިން ނޫނީ ހޯދޭނެ ޖަވާބެއް ނޫން ކަމަށް ވެސް ނަޝީދު އޭނާގެ ބްލޮގްގައި ވިދާޅުވެފައިވެ އެވެ.


އިދާރީ ގޮތުން ގުޅާލުމަށް 99 ރަށެއް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަށް ހުށަހެޅޭނެ ކަމަށް ބުނެ އެރަށްތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ވަނީ އިއްލާން ކުރައްވައިފަ އެވެ. އެވޯޓު ނެގުމަށް ރައީސް އޮފީހުން އަންގާފައިވާކަމަށް އިލެކްޝަނުން ބުނި ނަމަވެސް ވޯޓު ނަގާނެ ދުވަހަކާއި، ވޯޓާއިބެހޭ އެއްވެސް އިތުރު ތަފްސީލެއް އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ހާމަ ކުރައްވާފައެއްނުވެ އެވެ.


އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، ހިޔާލު ހޯދުމުގެ ވޯޓު ނަގަނީ، ލާމަރުކަޒީ ޤާނޫނުގެ 136 ވަނަ މާއްދާގެ ދަށުން ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އެ ވޯޓު ނެންގެވުމަށް އަންގަވައިގެން ކަމަށެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގައި ވޯޓު ނަގައި ނިންމެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.