21 Nov 2012, 13:58
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި އޮޑިޓަރު ޖެނެރަލްގެ އޮފީހަށް 57.8 މިލިއަން ރުފިޔާ ކަނޑައަޅަން ރައްޔިތުން މަޖިލީހުން ފާސްކޮށްފި އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން އެދިފައިވާ އަދަށް ބަޖެޓް ދޫކުރަން މާލިއްޔަތު ކޮމެޓީން ނިންމާފައިވާ ނިންމުން މަޖިލީހުން ފާސްކޮށްފައި ވަނީ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި 59 ވޯޓު ދެއްވައިގެންނެވެ. އެ ބަޖެޓް ފާސްކުރުމާ ދެކޮޅަށް ދެ މެންބަރުން ވޯޓް ދެއްވާފައިވާ އިރު ވަކި ކޮޅަކަށް ވޯޓް ނުދެއްވާ އެއްވެސް މެންބަރަކު ނެތެވެ.
މި އަހަރަށް ކަނޑައެޅި ބަޖެޓަށް ވުރެ 14 މިލިއަން ރުފިޔާ އިތުރުކޮށް އަންނަ އަހަރަށް ބަޖެޓް ފާސްކޮށްދިނުމަށް އޮޑިޓާ ޖެނަރަލް އޮފީހުން މާލިއްޔަތު ކޮމެޓީގައި އެދުމުން އެ މައްސަލަ ދިރާސާ ކުރި އެ ކޮމެޓީގެ މުގައްރިރު، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ކޮމެޓީގެ ރިޕޯޓް އިއްވަވަމުން ވިދާޅުވީ އޮޑިޓާ ޖެނަރަލް އޮފީހުގެ ބަޖެޓް އިތުރުކުރަން ޖެހުނީ އެ އޮފީހުގެ މުވައްޒަފުން އިތުރުކުރަން ޖެހުމުން ކަމަށް އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެފައިވާ ކަމަށެވެ.
"އޮޑިޓާ ޖެނަރަލް އޮފީހުގައި މިވަގުތު ތިބީ 99 މުވައްޒަފުން. އެއީ އޮޑިޓާ ޖެނަރަލާއި އެސިސްޓެންޓް އޮޑިޓާ ޖެނަރަލް ވެސް ހިމެނިގެން. އެހެން ނަމަވެސް އިތުރަށް ބޭނުންވާ 40 މުވައްޒަފުނަށް ބޭނުންވާ ބަޖެޓް މިވަނީ ހުށަހަޅުއްވާފައި. އެހެންކަމުން އެ ސަބަބާ ހެދި މި ބަޖެޓް މިވަނީ އިތުރުވެގެން ގޮސްފައި،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އޮޑިޓާ ޖެނަރަލް އޮފީހުން އެދުނު އަދަަދަށް، މި އަހަރަށް ބަޖެޓް ފާސްކޮށްދީފައިވީ ނަމަވެސް، އަދި އެ ފައިސާ ދެ ފަހަރަކަށް ބަހައިގެން ދޫކުރުމަށް މަޖިލީހުން ފާސްކުރިއަަސް، ފިނޭސް މިނިސްޓްރީ އިން ފައިސާ ދޫކޮށްފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ އަންނަ އަހަރަށް ފާސްކުރާ ބަޖެޓްގައި ކަނޑައަޅާ ފައިސާ އަހަރު ފެށޭ އިރު އެއްފަރާ އޮޑިޓާ ޖެނަރަލް އޮފީހަށް ދޫކުރުމަށް އޮޑިޓާ ޖެނަރަލް އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި އެގޮތަށް އެ ފައިސާ ދިނުމަށް ވެސް މަޖިލީހުން ފާސްކޮފައިވެ އެވެ.
"ވޭތުވެ ދިޔަ އަހަރު ވެސް އޮޑިޓާ ޖެނަރަލް ފާސްކޮށްދިނުމަށް އެދުނު ވަރަށް އަޅުގަނޑުމެން [ބަޖެޓް] ފާސްކޮށްދިނީމު. އަޅުގަނޑުމެން ފާސްކޮށްދިނީ ދެ ފަހަރެއްގެ މަތީން އެ ފައިސާދޭ ގޮތަށް. އެހެންނަމަވެސް ފިނޭސް މިނިސްޓްރީން އޭގެ ފަހުބައި 12 މިލިއަން ރުފިޔާ ދޫކޮށްފައެއް ނުވޭ. އެހެން ކަމުން އޮޑިޓާ ޖެނަރަލް މި ވިދާޅުވަނީ ޖުމްލަ އަދަދު އަހަރު ފެށޭ އިރު ދެއްވުމުން ނޫނީ މަސައްކަތް ހިންގާ ރާވާކަށް ނޭނގޭނެ އޭ،" ނާޒިމް ވިދާޅުވި އެވެ.
އޮޑިޓާ ޖެނަރަލް އޮފީހަށް ކަނޑައަޅާފައިވާ ބަޖެޓް ފައިސާ ދޫކުރުމަށް ނިންމައި މާލިޔަތު ކޮމެޓީ އިން ތައްޔާރު ކުރި ރިޕޯޓަށް ގިނަ މެންބަރުން ތާއީދު ކުރައްވައި ވާހަހަކަފުޅު ދައްކަވާފައިވެ އެވެ. އަދި ގިނަ މެންބަރުން ވަނީ އޮޑިޓާ ޖެނަރަލްގެ މަސަކަތްތަށް ތައުރީފް ކުރައްވައިފަ އެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ކުޅުދުއްފުށީ އުތުރު ދާއިރާ މެންބަރު، އަބްދުލްޣަފޫރު މޫސަ ވިދާޅުވީ އޮޑިޓާ ޖެނަރަލްގެ މަސައްކަތް ބަލައިގަންނަން ޖެހޭ ކަމަށާއި އޮޑިޓް ކުރުމަށް ފަހު ފައިސާއާ މެދު ހިޔާނަތްވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. ޕީޕިއެމް ޕާލަމެންޓްރީ ގްރޫޕްގެ ހިމެނިވަޑައިގަންނަވާ ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ އަންނަ އަހަރަށް އޮޑިޓް އޮފީހަށް ކަނޑައެޅި 57 މިލިއަން ރުފިޔާގެ ބަޖެޓަކީ ވެސް ކުޑަ ބަޖެޓެެއް ކަމަށާއި އޮޑިޓާ ޖެނަރަލް ކުރައްވަން ޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ.
އޮޑިޓް އޮފީހަށް ކަނޑައަޅާފައިވާ ބަޖެޓާ ދެކޮޅަށް ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވީ އޮޑިޓާ ޖެނަރަލް މަސައްކަތްތައް ރަނގަޅު ކަމަށް ވިދާޅުވެ، ދައުލަތުން ބޮޑު ބަޖެޓެއް ދިނުމަކީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ފައިސާ އެހެނިހެން އަސާސީ ހިދުމަތްތަކަށް ދިނުމަށް ކަނޑައެޅުން ރަނގަޅު ކަމަށް ބައެއް މެންބަރުން ވިދާޅުވި އެވެ.
"އަޅުގަނޑުމެނަަށް އަބަދު އިވެނީ ދިވެހި ގައުމު ދަރާ ވިކެއްޖެޔޭ. ދައުލަތުގެ ފައިސާއެއް ނެތޭ. ފިނޭސް މިނިސްޓާރު ވިދާޅުވާ އަޑު އެބަ އިވޭ، މި އަހަރުގެ ބަޖެޓަށް ވުރެ މި އަންނަ އަހަރުގެ ބަޖެޓް ބޮޑު ކުރެވޭކަށް ނެތޭ. އައިއެމްއެފް އިން އަނގާފައި އެބައޮތޯ ކަންތައްތަކެއް ކުރަން ހަރަދު ކުޑަ ކުރަން. އެހެން ނަމަވެސް އެއް ފަރާތެއްގެ ބަޖެޓް މީނަ އަދާކުރަން ޖެހޭ ވާޖިބު އަދާކުރީތީވެ އިނާމެއްގެ ގޮތުން 30 ޕަސެންޓް، 40 ޕަސެންޓް [ބަޖެޓް ފައިސާ] ބޮޑު ކުރަން އެބަޖެހޭ. މީނާ އެބަ ލާރި ހޯދައޭ ކިޔާ ބަހައްޓާފައި ކިޔާފައި 30، 40 ޕަސެންޓް [ބަޖެޓް ފައިސާ] ބޮޑު ކުރަން މިއީ ކޮން އުސޫލެއްތޯ،" އޮޑިޓާ ޖެނަރަލް އޮފީހަށް ދިނުމަށް ފާސްކުރި ބަޖެޓާ ދެކޮޅަށް ވާހަކަ ދެއްކެވި ޑީއާރުޕީ ޕާލަމެންޓްރީ ގްރޫޕްގެ، މަތިވެރި ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ވިދާޅުވި އެވެ.
ބައެއް މެންބަރުން ވިދާޅުވީ އޮޮޑިޓާ ޖެނަރަލް އޮފީހުން ބޭނުންވާ ވަރަށް ފައިސާ ދޫކޮށްގެން ރައްޔިތުންގެ ފައިސާ އާއި މުދަލަށް ހިޔާނަތްތެރިވާ ފަރާތްތައް ހޯދައި އެ ފަރާތްތަކަށް ދޭން ޖެހޭ އަދަބު ދިނުމަކީ މާބޮޑަށް ވެސް ދައުލަތައް ކުރަންޖެހޭ ކަމެއް ކަމަށާއި އެކަން ކުރުމަށް ފަސްޖެހެވެން ނެތް ކަމަށެވެ.
އޮޑިޓާ ޖެނަރަލް އޮފީހުން އެދުނު ބަޖެޓް މިއަދު މަޖިލީހުން ފާސްކުރުމާ ގުޅިގެން އަންނަ އަހަރުގެ ބެޖެޓްގައި އެ އަދަދު ހިމަނަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެ އެވެ.