21 Nov 2012, 13:55
ރާއްޖޭގައި ތިބި ހާއްސައެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން ރަސްމީ ތައުލީމުގެ ތެރޭ ހިމެނިފައިވަނީ އޭގެތެރެއިން އެންމެ 10 ޕަސެންޓް ކުދިން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން އިލްހާމް ހުސެއިން ވިދާޅުވެއްޖެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުތައް ފޯރުކޮށްދެނީ ކިހާމިންވަރަކަށްތޯ ބެލުމަށް އެޗްއާރުސީއެމުން ހިންގާ ނެޝަނަލް އިންކްއަރީ އިފްތިތާހް ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވަމުން އިލްހާމް ވިދާޅުވީ ދުނިޔޭގައި އުޅޭ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން ތައުލީމުން މަހުރޫމް ވެފައިތިބި ކުދިންގެ އަދަދު 23 މިލިއަނަށް ވުރެ ގިނަކަން ދިރާސާތަކުން ދައްކާ ކަމަށެވެ. އަދި ތައުލީމީ ހަޔާތުން އެއްކިބާވެފައި ތިބި ކުޑަކުދިންގެ ތެރެއިން ކޮންމެ ތިން ކުއްޖަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ކަމަށާއި ރާއްޖޭގައި ތިބި ހާއްސައެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން ރަސްމީ ތައުލީމްގެ ތެރޭ ހިމެނިފައިވަނީ އެންމެ 10 ޕަސެންޓް ކުދިން ކަމަށެވެ.
"އަޅުގަނޑު މިދަންނަވާލި ތަފްސްހިސާބުތަކުން މައްސަލައިގެ ނުރައްކާތެރިކަން އޮތް މިންވަރު އަންގައިދޭ މިންގަނޑުތަކެއް. މިދަންނަވާލި ތަފާސް ހިސާބުތަކުން އިވެމުންދަނީ ހިތާމަ އާއި ނުރައްކަލުގެ އަޑު،" އިލްހާމް ވިދާޅުވި އެވެ.
އދ.ގެ ސާސްކަފްގެ ލަނޑުދަޑިތަކުގެ ތެރެއިން ހާސިލުކުރަން އެންމެ އުނދަގޫވެފައިވާ އެއް ލަނޑުދަޑިއަކީ 2015 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގެ ހުރިހާ ކުޑަކުދިނަކީ އަސާސީ ތައުލީމު ލިބޭ ކުދިންނަށް ހެނދުންކަމަށެވެ.
އަދި ރާއްޖޭގެ ވަކިވަކި ރަށްތަކުގައި މީހުން ދިރިއުޅެމަކީ ތަރައްގީއަށް އެޅިފައިވާ ވަރަށް ބޮޑު ހުރަހެއް ކަން ފާހަގަ ކުރައްވައި އިލްހާމް ވިދާޅުވީ ޚާއްސަގޮތެއްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ އުމްރާނީ ތަރައްގީއާއި އިންސާނީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހިފައިވާ ކަމަށެވެ.
ނަމަވެސް އެ ގޮންޖެހުންތަކާއެކު ވެސް ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް މާލެ އާއި އަތޮޅުތެރޭގައި ސްކޫލްތައް ގާއިމްކޮށްފައި ހުރިކަން ފާހަގަ ކުރެއްވި އެވެ.
ރައީސްގެ އަނބިކަބަލުން އަދި ވިދާޅުވީ ސިޔާސީ ކަންކަމާހެދި ގައުމުގެ އިޖްތިމާއީ ބަދަހިކަން ނެތިގޮސްފައިވާއިރު، އެފަދަ ދިރާސާއެއް ކުރެވޭނެ އެއް ފަރާތަކީ އެޗްއާރުސީއެމް ކަމަށެވެ.
އެކަމަނާ ވަނީ އެ ދިރާސާ ނިމޭއިރު، ހާއްސައެހީއަށް ބޭނުންވާ ކުދިން ތައުލީމުން މަހުރޫމްވެފައިވާ ހަގީގީ ސަބަބުން ސާފުވެ ސަރުކާރުގެ މަސްއޫލުވެރި ފަރާތްތަކަށާއި އާންމުންނަށް އެކަން އަންގައިދިނުމަށް ކޮމިޝަންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ރޭގެ ރަސްމިއްޔާތުގައި އެޗްއާރުސީއެމްގެ ރައީސް މަރިޔަމް އަޒްރާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސްކޫލްތަކުގައި ކިޔަވައިދިން ނަމަވެސް އެފަދަ ކުދިންނަށް ހާއްސަކޮށްފައިވާ ސިލަބަހަކަށް ކިޔަވައިދެނީ މާލޭގެ އެންމެ ސްކޫލެއްގައި ކަމަށެވެ.
އަދި އެފަދަ އިންކްއަރީ އެއް ފެށުމުގެ ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ލިބޭ ތައުލީމްގު ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު އެއްކުރުމާއި އެކަމުގައި ހުރި ގޮންޖެހުންތައް ދެނެގަތުން ކަމަށާއި ނުކުޅެދުންތެރިކަމުގެ ތަފާތު ހިސާބުތައް ނެތުމުން އެ މައުލޫމާތު އެއްކުރުން ހިމެނޭ ކަމަށް އަޒުރާ ވިދާޅުވި އެވެ.
އަޒްރާ ވިދާޅުވީ އިންކްއަރީގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ދައުލަތަށް ހުށަހެޅުންތަކެއް ހުށަހަޅައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެސް ތައުލީމުގެ ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.