އެކި ދުވަސް ވަރުގެ މަތިން ދިވެހި ސަރުކާރުން އިންޑިއާ އިން ނަގާފައިވާ ޓްރެޝަރީ ބޮންޑްތަކަށް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ދައްކައި ހަލާސް ކުރަން ޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވީ ކުރީގެ ސަރުކާރަށް އިންޑިއާ އިން ނަގާފައިވާ ޓްރެޝަރީ ބޮންޑްތަކަށް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ދައްކަން ޖެހޭ ކަމަށާއި އަދި ފެބުރުއަރީ މަހުގެ ތެރޭގައި ވެސް އިންޑިއާ އަށް 50 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ. އެ ފައިސާ ދައްކަން ޖެހުމުން ދައުލަތުގެ ރިޒާވުން 100މިލިއަން ޑޮލަރު މަދުވާނެ ކަމަށާއި އޭގެ ނޭދެވޭ އަސަރުތައް އިގްތިސޯދަށް ފޯރުމުގެ ބިރު އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރިޒާވް މަދުވާ ނަމަ ނުކުންނަ މައްސަލަތައް ނުކުންނާނެ. އައިއެމްއެފްއިން ވެސް އެކަން ވަނީ ފާހަގަ ކުރައްވާފައި. އިންޑިއާ އިން ބުނެފައި އޮތީ އިތުރަށް ރޯލްއޯވާއެއް ނުކުރެވޭނޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ފައިސާ ދައްކަން ޖެހޭ އިރު އެއަށް ކައުންޓާ ކުރުމަށް "އެހެން ދިމާލަކުން ފައިސާ ހޯދޭތޯ" މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ރިޒާވް ހުރީ 5.4 ބިލިއަން ރުފިޔާގަ އެވެ. މިދިޔަ މަހުގެ ފަހުކޮޅު ރާއްޖެ ޒިޔާރަތްކުރި އައިއެމްއެފްގެ ވަފުދުން ބުނެފައިވަނީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓް ހާލަތު ދަށްވެ ދައުލަތުގެ ރިޒާވް ވެއްޓެމުން އަންނަ ކަމަށާއި ރިޒާވްގައި ހުރީ އެއްމަހާއި ބައި ރާއްޖެ އަށް މުދާ އެތެރެ ކުރެވޭނެ ވަރު ކަމަށެވެ.

ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވީ އިންޑިއާ ސަރުކާރުން ދޭން އެއްބަސްވެފައިވާ 25 މިލިއަން ޑޮލަރުގެ ލޯނުގެ ކަންތައްތައް ވެސް މިހާރު ކުރިއަށް ނުދާ ކަމަށާއި އެކަން މަޑުޖެހިފައިވާ ކަމަށެވެ.

އިއްޔެ ބޭއްވި ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވެސް ބައެއް މެންބަރުން ވިދާޅުވީ ދައުލަތުގެ މާލީ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށާއި އިންޑިއާ ސަރުކާރަށް ފައިސާ ދެއްކުމުން ދައުލަތުގެ ރިޒާވް 140 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ތިރިވެދާނެ ކަމުގެ ބިރުއޮތްކަމަށް އައިއެމްއެފްއިން ބުނެފައިވާ ކަމަށެވެ.

ނަމަވެސް ޖިހާދު ވިދާޅުވީ ރިޒާވަކީ ގިނަވެ މަދުވާ އެއްޗަކަށްވުމުން އެ އަދަދަށް ދައުލަތުގެ ރިޒާވް ދަށަށް ގޮސްފާނެ ކަމަށް ބުނަން ދަތިކަމަށާއި އެކަން އަންދާޒާ ކުރެވޭނީ އެއިރެއްގައި ރިޒާވް ހުންނަ ވަރަކަށް ބަލާފައި ކަމަށް ވިދާޅުވި އެވެ.