21 Nov 2012, 12:27
ކައުންސިލްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެގޮތުން ކޮންމެ އަތޮޅު ކައުންސިލަކާއި އަދި ސިޓީ ކައުންސިލަކަށް ސަރުކާރުގެ ފަރާތުން ކޮންމެވެސް ހަރުމުދަލެއް ދިނުމަށް ނިންމާފައިވާ ކަމަށް ނައިބު ރައީސް މުހަންމަދު ވަހީދުއްދީން، (ޑީން) ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމާބެހޭ ގޮތުން ބާއްވާ މަޝްވަރާ ބައްދަލުވުން ފެށުމުގެގޮތުން ޓްރޭޑާސް ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް މުހަންމަދު ވަހީދުއްދީން ވިދާޅުވީ ކައުންސިލްތަށް ބާރުވެރިކުރުވަން ތަފާތު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެގޮތުން ކައުންސިލްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އަތޮޅު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށް ފައިސާހޯދޭނެ މަގެއް ފަހިކޮށްދިނުމުގެ ގޮތުން ދައުލަތުގެ ހަރުމުދަލެއް ކައުންސިލްތަކަށް ދިނުމަށް އިއްޔެގެ ކެބިނެޓްގެ ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވަނީ އަތޮޅު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށް ހަރު މުދަލެއް ދޭން ނިންމާފައި، އެ ހަރުމުދާ ބޭނުންކޮށްގެން ކައުންސިލްތަކަށް ބޭނުންވާ ފައިސާ ހޯދައިގެން ރަށު ކައުންސިލް ތަކާއި ކައުންސިލްތަކުގެ ކަންކަން ރަނގަޅު ކުރުމަށް އިތުރު ފައިދާވެގެންދާނެ،" ނައިބް ރައީސް ވިދާޅުވި އެވެ.
ނަމަވެސް ކައުންސިލްތަކާ ހަވާލުކުރަނީ ކޮން ހަރުމުދަލެއްކަމެއް ނައިބު ރައީސް ވިދާޅެއްނުވެ އެވެ. ނައިބް ރައީސް ވިދާޅުވީ ކޮންމެ ކައުންސިލަކަށްވެސް އެކަށީގެންވާ ހަރުމުދަލެއް ވަރަށް ކައިރި މުސްތަގުބަލެއްގައި ހަވާލު ކުރާނެކަމަށެވެ.
ކުރީގެ ސަރުކާރުން ޕްރޮވިންސްތަކަށް ސުޓޭޓް މިނިސްޓަރުން އައްޔަންކުރެއްވި ކުރެއްވުމަކީ ވަރަށް ގޯސް ނިންމެމުމެއްކަމަށް ވިދާޅުވެ އެކަންހުއްޓުވަން މަސައްކަތްކުރިކަމަށް ޑީން ވިދާޅުވި އެވެ.
ލޯކަލްގަވަމެންޓް އެއޮތޯރިޓީން އިސްނަގައިގެން ޔޫއެންޑީޕީ އާއި ކޮމެންވެލްތާއި ކޮމަންވެލްތް ލޯކަލް ގަވަންމަންޓް ފޯރަމް އާއި ގުޅިގެން ކުރިއަށްގެންދާ އެމަޝްވަރާ ބައްދަލުވުމުގައި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާ މެދު ލާމަރުކަޒީ ނިޒާމާއި މާލީގޮތުން ލާމަރުކަޒީކުރުމާ ބެހޭގޮތުން މަޝްވަރާކޮށް އެއްބަސްވުމަށް އެ ބައްދަލުވުމުގައި މަޝްވަރާކުރާނެ އެވެ. އަދި އެބައްދަލުވުމުގައި ލާމަރުކަޒީ އޮނިގަނޑު ހަރުދަނަކުރުމާއި މާލީގޮތުން ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމާ ބެހޭގޮތުން މަޝްވަރާކުރެވޭނެ ކަމަށެވެ.
އެބައްދަލުވުމުގައި ސަރުކާރުގެ އިސްވެރިންގެ އިތުރުން ޔޫއެންޑީޕީ އާއި ކޮމެންވެލްތުގެ އިތުރުން ކޮމަންވެލްތް ލޯކަލް ގަވަންމަންޓް ފޯރަމްގެ އިސްވެރިން ބައިވެރިވެ އެވެ.