އެމްޑީޕީގެ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ އިމްތިޔާޒާ ދިޓީވީން ބެހުނު ކަމަށް ބުނެ، ހުށަހެޅި މައްސަލާގައި ދި ޓީވީގެ އެޑިޓަރު ކޮމެޓީ އަށް ހާޒިރުކުރުމުން މެންބަރުންގެ ބަހުގެ ހޫނު ހަމަލާތައް ދިޓީވީގެ އެޑިޓަރަށް އަމާޒުކޮށްފި އެވެ.

ދިޓީވީގެ އެޑިޓަރު އަދި ނިއުސް ހެޑް މިދުހަތު އާދަމް އިމްތިޔާޒް ކޮމެޓީގެ މިއަދު ބޭއްވި ޖަލްސާ އަށް ހާޒިރު ކުރުމުން ދިޓީވީ އަށް އެންމެ ގިނައިން ބަހުގެ ހަމަލާތަކެއް ދެއްވީ ކާށިދޫ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ޖާބިރެވެ. އޭނާ ވިދާޅުވީ ބޮޑަތި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ ޗަމްޕާ މުހަންމަދު މޫސާ (އުއްޗު)ގެ ބޮޑު ހިއްސާއެއް އޮންނަ ދިޓީވީން އޭނާއާ ޒާތީ ގޮތުން ޖައްސާލައި ހަބަރު ފަތުރަމުންދާ ކަމަށާއި މަޖިލީހުގައި ދައްކާ ވާހަކަތައް ވަކި ގޮތަކަށް ޓުވިސްޓުކޮށްގެން ހަބަރު ފަތުރާ ކަމަށެވެ.

ޖާބިރު ތުހުމަތު ކުރެއްވި ގޮތުގައި ދި ޓީވީން އެފަދަ ހަބަރުތަކެއް ފަތުރަމުން ދަނީ ސަރުކާރުގެ ރުހުން ހޯދުމަށް ކަމަށާއި ސަރުކާރުގެ ރުހުން ހޯދައިގެން ޗަމްޕާ އާއިލާގެ ވިޔަފާރި ފުޅާ ކުރުމަށް ދިޓީވީގެ ނަހަމަ ބޭނުން ކުރަމުންދާ ކަމަށެވެ.

ދިޓީވީގެ އެޑިޓަރަށް ސުވާލު ކުރެއްވުމަށް ދެއްވި ފުރުސަތުގައި ޖާބިރު ދެއްކި ވާހަކަތަކަށް ޖަވާބުދާރީ ވެވަޑައިގަންނަވަމުން ދިޓީވީގެ އެޑިޓަރު ވިދާޅުވީ އޭނާ ކޮމެޓީ އަށް ހާޒިރުވެވަޑައިގެން އިންނެވީ ވަކި އާއިލާއަކުން ފޮނުވައިގެން ނޫން ކަމަށާއި ދިޓީވީގެ އެޑިޓަރެއްގެ ހައިސިއްޔަތުން ކަމަށެވެ. އަދި ވިދާޅުވީ ދިޓީވީން އެއްވެސް އިރެއްގައި ހަބަރު ފޮނުވުމުގައި މަޖިލީހުގެ މެންބަރަކު ދެއްކެވި ވާހަކަފުޅެއް ސްޕިން ކޮށްގެން ހަބަރެއް އަދި ރިޕޯޓެއް ފޮނުވާފައި ނުވާނެ ކަމަށެވެ.

މިއަދުގެ ބައްދަލުވުގައި ޖާބިރު ހުށަހަޅުއްވާފައި ވަނީ ދިޓީވީން އެކަން ކުރަމުންދަނީ ޗަމްޕާގެ ނުފޫޒުން ކަމަށްވާތީ ދިޓީވީގެ ބޯޑް ކޮމެޓީ އަށް ހާޒިރު ކުރެއްވުމަށް ހުށަހަޅުއްވާފަ އެވެ. ނަމަވެސް ކޮމެޓީގެ މުގައްރިރު އެ ހުށަހެޅުމަކަށް މިއަދުގެ ބައްދަލުވުމުގައި ވޯޓަކަށް ނާއްސަވަ އެވެ. މުގައްރިރު ވިދާޅުވީ އެ ހުށަހެޅުމަށް ދެން ބާއްވާ ބައްދަލުވުމެއްގައި ވޯޓަށް އައްސަވާނެ ކަމަށެވެ.

މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ކުބޭ) ވިދާޅުވީ މަޖިލީހާ ޖައްސާލައިގެން ދިޓީވީން މީޑިއާގެ އުސޫލުތަކުގެ ބޭރުން އަމަލު ކުރަމުންދާ ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަޖިލީހަށް ރިޔާސީ ބަޔާން އިއްވަން ވަޑައިގެންނެވި ދުވަހު އެމްޑީޕީގެ މެންބަރުން އަމަލުފުޅު ކުރެއްވި ގޮތުގެ ވީޑިއޯއަށް ހިންދީ ލަވައެއްގެ އޯޑިއޯ ލައްވައިގެން ދިޓީވީން ދައްކަމުންދާ ކަމަށެވެ.

މިދުހަތު ވިދާޅުވީ ދިޓީވީން އޮންއެއާ ޓައިމް ވަކި ބަޔަކަށް ދީފައިވާ ވަގުތެއްގައި އެފަދަ އެއްޗެއް ފޮނުވަފާނެ ކަމަށެވެ. ނަމަވެސް އެއީ ދިޓީވީން ތައްޔާރުކޮށްގެން ގެނެސްދޭ އެއްޗެއް ނޫން ކަމަށެވެ.

ދަންވަރު 12:00ގެ ޚަބަރަށް ފަހު، ދިޓީވީގެ ޓްރާސްމިޝަން ދޫކުރަނީ ދިއެފްއެމްއަށެވެ. އަދި ދިޓީވީއާ ދޫކޮށްފައިވާ އޮންއެއާގެ ޓްރާސްމިޝަން ދިޓީވީ އަށް ބަދަލު ކުރަނީ މެންދުރު ފަހު 2:00 ހަބަރަށެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ މަޖިލީހުގައި މެންބަރަކު ދައްކާ ވާހަކައެއްގެ ވަކި ބައެއް އެޑިޓްކޮށްގެން ބްރޯޑްކާސްޓް ކުރުމަކީ މަޖިލީހާއި ބްރޯޑްކާސްޓިން ސްޓޭޝަންތަކާ ވެފައިވާ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މެންބަރުން ދައްކާ ވާހަކައެއްގެ ވަކި ޖުމްލަތަކެއް ގުޅުވައިގެން، ވަކި މާނައެއް ދޭހަވާ ގޮތަށް އެޑިޓްކޮށްގެން ދިޓީވީން ފޮނުވަމުންދާ ކަމަށެވެ. އެއީ މީޑިއާ އިން އަމަލު ކުރަން ޖެހޭނެ ޒިންމާދާރު ގޮތެއް ނޫން ކަމަށް ވެސް އިމްތިޔާޒު ވިދާޅުވި އެވެ.

ކޮމެޓީގެ މުގައްރިރު މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދިޓީވީގެ އެޑިޓަރަށް ސުވާލު ކުރެއްވީ ދިޓީން ވަކިކޮޅަކަށް ބުރަވެގެން ހަބަރު ފޮނުވާ އުސޫލެއް ހަމަޖެހިފައިވޭތޯ އެވެ. އަދި ހަބަރު ލިޔުއްވުމުގައި "ސްލާންޓް" އަދި "ސްޕިން"ކޮންގެން ހަބަރު ގެނެސްދީފައިވާނެތޯ މުގައްރިރު ސުވާލު ކުރެއްވެވި އެވެ.

މިދުހަތު ވިދާޅުވީ ދިޓީވީން ހަބަރު ފެތުރުމުގައި ސްލާންޓްކޮށްގެން އަދި ސުޕިންކޮށްގެން އެއްވެސް ހަބަރު ގެނެސް ދިނުމުގެ އުސޫލެއް ނުގެންގުޅުއްވާ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރަކު ދެއްކެވި ވާހަކައަކަށް އަޑުއަޅައިގެން ނުވަތަ ޑަބްކޮށްގެން، ބްރޯޑްކާސްޓްކޮށްފައި ނުވާނެ ކަމަށް މިދުހަތު ވިދާޅުވި އެވެ.

ރީކޯ މޫސާ މަނިކުގެ އިމްތިޔާޒާ ބެހުނު ކަމަށް ބުނެ، ދިޓީވީން ފެތުރި ހަބަރުތަކުގެ ރެކޯޑިން ކޮމެޓިއަށް ހޯދުމަށް އިމްތިޔާޒް ހުށަހެޅުއްވި އެވެ. ނަމަވެސް މިދުހަތު ވިދާޅުވީ އެ ހަބަރުތަކުގެ ރެކޯޑިން ނުހުރެދާނެ ކަމަށާއި އެބުނާ ހަބަރަކީ 2010 ވަނަ އަހަރުގެ ހަބަރެއް ކަމަށެވެ. އަދި ބްރޯޑްކާސްޓިން މީޑިއާތަކުގައި އޮންއެއާ ރެކޯޑިން ބަހައްޓަންޖެހޭނީ ދެ މަސް ދުވަހަށް ކަމަށް ގަވާއިދުތަކުގައި ބުނާ ކަމަށާއި އެއަށް ފަހު އެ ރެކޯޑިންތަކުގެ ތެރެއިން ބައެއް މުހިއްމު ރެކޯޑިންތައް އާކައިވް ކުރާ ކަމަށް މިދުހަތު ވިދާޅުވި އެވެ.

ރީކޯ މޫސާ މަނިކު އިމްތިޔާޒް ކޮމެޓީ އަށް ހުށަހަޅުއްވާފައިވާ މައްސަލާގައި ބުނަނީ އޭނާ ކާންބޯން ކުރައްވާ މަސައްކަތައް ދިޓީވީން ގެއްލުންދީ އޭނާ އާއި އޭނާގެ ވިޔަފާރި ބަދުނާމުކޮށްފައިވާއި ކަމަށެވެ. އަދި އޭނާގެ އާއިލާގެ އަބުރާއި އިއްޒަތައް އަރައިގެންފައިވާ ކަމަށް މޫސަ ހުށަހެޅުއްވި މައްސަލާގައިބުނެފައިވެ އެވެ.

ރީކޯ މޫސާއަކާ ބެހޭ ގޮތުން 2010 ވަނަ އަހަރުގެ ނޮވެންބަރު މަހު ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު މަޖިލީހުގައި ދެއްކި ވާހަކަ އެޑިޓްކޮށްގެން އެކި ފަހަރުމަތިން ދިޓީވިން ފޮނުވާ ކަމަށް ވެސް އެ މައްސަލާގައިބުނެފައިވެ އެވެ.