އދ. ދިއްދޫ އިޖުތިމާއީ މަރުކަޒު މަރާމާތު ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލު ކުރުމުގައި އެ ރަށު ކުރީގެ ކަތީބު އިބްރާހިމް ހަސަން މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ވަކިފަރާތަކަށް ޖާނާއިޒު ފައިދާއެއް ހޯދައިދީފައިވާ ކަން ތަހުގީގަށް ސާބިތުވާތީ ކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން މިއަދު އާންމުކުރި ބަޔާނެއްގައި ބުނަނީ ދިއްދޫ އިޖުތިމާއީ މަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ފެބްރުއަރީ 15، 2009ގައި އެ ރަށު އޮފީހުން ކުރި އިއުލާނާ ގުޅިގެން އެ މަސައްކަތް ހަވާލު ކުރި ފަރާތާ މަސައްކަތް ހަވާލުކޮށްފައި ވަނީ މާލިއްޔަތު ގަވާއިދާއި ޚިލާފަށް ކަމަށެވެ.

އެ މަސައްކަތް މާލިއްޔަތު ގަވާއިދާ ޚިލާފަށް ހަވާލުކޮށްފައި ވަނީ އެ ގަވާއިދު އެ އިރު ލިބިފައި ނުވާތީ ކަމަށް އިބްރާހިމް ހަސަން ވިދާޅުވި ނަމަވެސް މަސައްކަތް ހަވާލުކޮށްފައި ވަނީ މާލިއްޔަތު ގަވާއިދަށް އަމަލު ކުރަން ފެށުމަށް ފަހުގައި ކަމަށް އޭސީސީގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނަނީ ގާނޫނެއް ނުވަތަ ގަވާއިދެއް ނޭނގެއޭ ބުނުމަކީ އެ ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން އުފުލަން ޖެހޭ ޒިންމާ އިން ބަރީއަވެވޭނެ ކަމަކަށް ނުވާތިއާއި ފެބްރުއަރީ 11، 2009ގައި މާލިއްޔަތުގެ ގަވާއިދަށް އަމަލު ކުރަން ފެށުމުގެ ކުރިން ވެސް ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި ހޭދަކުރުމާ ބެހޭ ގަވާއިދެއް އޮންނަކަމާއި މާލިއްޔަތު ގަވާއިދެކޭ އެއްފަދަ އިން އެ ގަވާއިދުގައި ވެސް ވަނީ އެއް ވާހަކަތެއް ކަމަށެވެ.

އެހެންކަމުން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާ ބެހޭ ގާނޫނުގެ 12 (ހ)ގެ ދަށުން އދ. ދިއްދޫ ނޫވިލާގޭ އިބްރާހިމް ހަސަންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފަ އެވެ.