21 Nov 2012, 10:28
ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނަގާފައިވާ "ބޮޑު ތިން ލޯނަކަ"ށް ފައިސާ ނުލިބި ގިނަ ދުވަސްތަކެއްވެފައިވާ އިރު އެ ލޯނުތަކުގެ އިންޓަރެސްޓަށް އެކަނި ވެސް މިހާތަނަށް 790.76 މިލިއަން ރުފިޔާ އަރާފައިވާ ކަން ހާމަވެއްޖެ އެވެ.
ބީއެމްއެލްގެ 2007 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ދިރާސާކުރުމަށް ފަހު މާލިއްޔަތު ކޮމެޓީގެ ސަބް ކޮމެޓީން އެކުލަވާލާފައިވާ ރިޕޯޓްގައި ބީއެމްއެލް އިން ފޮނުވި ސިޓީތަކާ ހަވާލާދީ ބުނެފައި ވަނީ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ "އެންމެ ބޮޑު ތިން ލޯނުގެ" މައްސަލައިގައި ބީއެމްއެލް އާއި އެ ބޭންކްގެ ހިއްސާދާރުންނަށް ގެއްލުމާ ކުރިމަތިވަނީ އެ ލޯނުތަކާ ގުޅޭ މައްސަލަތައް ޝަރުއީ ދާއިރާގައި ލަސްވަމުންދާތީ ކަމަށެވެ.
އެގޮތުން ޑީއާރުޕީގެ ލީޑަރު އަދި ކެންދޫ ދާއިރާގެ މެންބަރު ތަސްމީން އަލީގެ އާއިލީ މަސްލަހަތު އޮންނަ ސަލްޓަންސް އޮފް ދަ ސީސް އިން ނަގާފައިވާ 654 މިލިއަން ރުފިޔާގެ ލޯނު ނުދައްކާ މައްސަލަ 2009 ވަނަ އަހަރު ކޯޓަށް ހުށަހެޅުނު ނަމަވެސް އެ މައްސަލަ ދިގުލައިގެން ދިޔުމުން އެ ލޯނުގެ އިންޓަރެސްޓަށް އެކަނިވެސް 383.49 މިލިއަން ރުފިޔާ އަރާފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ. އަދި ހަމަ އެބޭފުޅުންނާ ގުޅުން އޮންނަ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް އިން ނަގާފައިވާ ތަފާތު ލޯނުތަކުގެ މައްސަލަ މާޗް 2009ގައި ކޯޓަށް ވެއްދި ނަމަވެސް އެ މައްސަލަ ވެސް ނުނިމި ވުމުން އިންޓަރެސްޓްގެ ގޮތުގައި އެކަނިވެސް 406.27 މިލިއަން ރުފިޔާ އަށް އަރާކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
"ފުރަތަމަ ހުކުމަށް ވާސިލްވާން ދިގު މުއްދަތެއް ނެގުމުގެ އިތުރުން، ވަރަށް ސާފު ސީދާ މައްސަލަތަކާއި ހުކުމްތަކާ ގުޅިގެން ވެސް އިސްތިއުނާފަށް ހުށެހެޅުމުން އެ މައްސަލަތައް ހައިކޯޓް އަދި ސުޕްރީމް ކޯޓުން ބަލައިގަނެވި، އެތައް އަހަރެއް ވަންދެން މައްސަލަތައް ދިގުދެމިގެންދާ ކަމަށް ބީއެމްއެލްގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ،" ރިޕޯޓްގައިވެ އެވެ.
މިފަދަ ލޯނުތަކާ ގުޅޭ މައްސަލަތައް ކޯޓުތަކުގައި ލަސްވަމުންދާތީ އެ މައްސަލަތައް ނިންމާނެ އަވަސް ނިޒާމެއް ގާއިމްކުރުމަށް އުއްތަމަ ފަޑިޔާރަށް ދެންނެވުމަށް ކޮމެޓީން ވަނީ ނިންމައިފަ އެވެ.
ބީއެމްއެލްގެ 2007 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ދިރާސާ ކުރި މަރުހަލާގައި ކޮމެޓީން ވަނީ ރިޕޯޓްގައި ފާހަގަކޮށްފައި ހުރި ހަތަރު މައްސަލައަކަށް ފޯކަސްކޮށްފަ އެވެ. އެގޮތުން ބީއެމްއެލް އިން ލޯނު ދޫކުރުމުގައި ސިޔާސީ ކުލަވަރު ޖެހި ބާރާއި ނުފޫޒު ބޭނުންކުރެވި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުރެވިފައިވާ ކަންކަމާއި އެމްއެމްއޭ އިން ހުއްދަ ކުރާ މިންގަނޑަށް ވުރެ އިތުރަށް ބައެއް ފަރާތްތަކަށް ލޯނު ދޫކޮށްފައިވާ މައްސަލަ އާއި ބަރާބަރަށް ނުދައްކާ ލޯނުތަކުގެ މުއްދަތު އިތުރުކޮށްދިނުން އާންމުވެފައިވާ މައްސަލަ އަދި ލޯނު ދޫކުރުމުގައި އެކަށީގެންވާ ވަރަށް ރަހުނު ނުބަހައްޓާ މައްސަލައާ މެދު ކޮމެޓީން ވަނީ މަޝްވަރާކޮށްފަ އެވެ.
އެ މައްސަލަތައް ބެލުމަށް ފަހު ކޮމެޓީން ނިންމާފައިވާ ނިންމުންތަކުގައިވާ ގޮތުން އެ ބޭންކުން ވަނީ އޯވަރޯލްކޮށް ގިނަ މައްސަލަތައް ހައްލުކޮށްފަ އެވެ. އެގޮތުން ލޯނު ދޫކުރުމުގައި ހުރި މައްސަލަތައް ހައްލުކުރަން ބީއެމްއެލް އާއި ރެގިއުލޭޓަރީ އޮތޯރިޓީ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި ލޯނު ދޫކުރުމުގައި ސިޔާސީ ކުލަވަރު ޖެހި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ކޮށްފައިވާ މައްސަލަތައް އޭސީސީ އިން ބަލަމުން އަންނަކަން ވަނީ ފާހަގަކޮށްފަ އެވެ.
އަދި ހުއްދަކުރާ މިންގަނޑުތަކަށް ވުރެ އިތުރަށް ލޯނު ދޫކޮށްފައިވާ މައްސަލަ ހައްލުކުރުމަށް އެމްއެމްއޭ އިން އަލަށް އެކުލަވާލި ގަވާއިދުތަކުގެ ސަބަބުން ހައްލެއް އައިސްފައިވާ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. އަދި ބަރާބަރަށް އަދާކުރަމުން ނުދާ ލޯނުތަކަށް މުއްދަތު އިތުރުކުރުމުގެ މައްސަލަ ހައްލުކުރަން ބޭންކުން ކްރިޑިޓް ކޮމެޓީއެއް އެކުލަވާލައި އެ ކޮމެޓީން ދިރާސާކޮށް އެ މަސައްކަތް ކުރަމުންދާކަން ވަނީ ފާހަގަކޮށްފަ އެވެ.
އަދި ބީއެމްއެލްގެ ބޯޑަށް މެންބަރުން އައްޔަންކުރުމާއި އަދި އެ ބޭންކްގެ މެނޭޖްމަންޓް ޓީމް ހަރުދަނާކުރުމަށް ވެސް އެބޭންކުން މަސައްކަތްކޮށްފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި ލޯނަށް ރަހުނު ކުރާތަކެތި އަގު ކުރެވޭނެ ރަނގަޅު މެކޭނިޒަމެއް ގާއިމްކުރުމަށް އެކަމަށް ހާއްސަ ޔުނިޓެއް އެ ބޭންކުން ގާއިމް ކުރަން މަސައްކަތް ކުރާކަން ވަނީ ފާހަގަކޮށްފަ އެވެ.
"އޮޑިޓާ ޖެނެރަލް ފާހަގަކުރައްވާފައިވާ ކަންތައްތައް އިސްލާހުކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް ބީއެމްއެލް އާއި މަނިޓަރީ އޮތޯރިޓީ އިން ވަނީ އަޅުއްވައިފަ އެވެ،" މާލިއްޔަތު ކޮމެޓީގެ ރިޕޯޓުގައިވެ އެވެ.
މާލިއްޔަތު ކޮމެޓީން ބަޔާން ކުރާ ތިން ވަނަ ލޯންގެ ތަފްސީލު ރިޕޯޓްގައި އާންމުކޮށްފައެއް ނުވެ އެވެ. ބީއެމްއެލް އަށް މިދިޔަ އަހަރުވެސް 519 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިފައިވީ ނަމަވެސް، ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް ލޯނުތަކަށް ސާފު ފައިދާ އިން ބޮޑު އަދަދެއް ޕްރޮވިޝަންގެ ގޮތުގައި ކަނޑައެޅުމާ އެކު މިދިޔަ އަހަރުގެ ފައިދާ އިންވެސް ހިއްސާދާރުންނަށް އެއްވެސް އެއްޗެއް ނުލިބުނެވެ.