20 Sep 2010, 09:53
15:03
އަގު ނުހޯދައި، އުފުލި ކުއްޔަށް ހިފައިފައިވާ ކަމަށް ބުނެ، ޕަބްލިކް ވޯކްސްގެ ހަތަރު މުވައްޒަފެއްގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީ އޮފީހަށް އޭސީސީން ފޮނުވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން ބުނީ ޕަބްލިކް ވޯކްސް ސާވިސްގެ ބޭނުންތަކަށް އުފުލިތައް ކުއްޔަށް ހިފާއިރު އަގު ނުހޯދައި، ބޭނުން ތަނަކުން އުފުލިތައް ކުއްޔަށް ހިފާ ކަމަށާއި ބައެއް ފަހަރު އެތަނުގެ އުފުލިތައް ބޭނުން ކުރެވޭ ގޮތަށް ހުންނައިރު ވެސް ތަންތަނުން އުފުލިތައް ކުއްޔަށް ހިފާ ކަމަށާއި އެކަން ކުރަނީ އެ މަސައްކަތް ކުރާ މުވައްޒަފުންނަށް ފައިދާ ލިބޭ ގޮތަށް ކަމަށް ބުނެ އެކޮމިޝަނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން އެމައްސަލަ ބެލިބެލުމުން އުޅަނދުފަހަރު ކުއްޔަށް ހިފުމަށް ދީފައިވާ ހ.ވައްތީނިގަސްދޮށުގޭ، އަބުދުﷲ ޝަކީބާއި، މ. ޕަރުވާނާގޭ، އަބުދުﷲ ނާފިއު އާއި، މއ. ހިޒާރު، ނާހިދު ރަޝީދާއި، ގ.ރަނައުރާގެ އާގޭ، އިބްރާހިމް ނާޒިލް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށް އޭސީސީން ބުނެ އެވެ.
އޭސީސީން ބުނީ ޕަބްލިކް ވޯކް ސާވިސް އަށް 2007 ވަނަ އަހަރާއި 2008 ވަނަ އަހަރު، އެތަނުގެ ފަރާތުން އެކި ރަށްރަށުގައި ހިންގި ޕްރޮޖެކްޓްތަކަށް ބޭނުންވާ ތަކެތި އެ ރަށްރަށަށް ފޮނުވުމަށް އުޅަނދުތައް ކުއްޔަށް ހިފައިފައި ވަނީ ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ގަވާއިދުގައިވާ ގޮތަށް އިޢުލާންކޮށް އަންދާސީ ހިސާބު ހޯދައިގެން ނޫން ކަމަށެވެ. އަދި ގަވާއިދުގައިވާ ގޮތުގެ މަތިން އެއްބަސްވުމެއް ވެސް ނުހަދައި ކަމަށް ވެސް އޭސީސީން ބުނެ އެވެ. އޭސީން ބުނީ އެގޮތަށް އުޅަނދުފަހަރު ކުއްޔަށް ހިފުމުގައި 2007 ވަނަ އަހަރު ހަތަރު ސަތޭކަ ނުވަދިހަ ހަތް ހާސް ތިން ސަތޭކަ ފަންސާސް ރުފިޔާ އާއި 2008 ވަނަ އަހަރު ހަސަތޭކަ ސާދަ ހާސް ރުފިޔާ އާ އެކު ޖުމްލަ އެއް މިލިއަން ސަތޭކަ އެގާރަ ހާސް ތިން ސަތޭކަ ފަންސާސް ރުފިޔާ ޚަރަދުކޮށްފައިވާކަން ތަހުގީގަށް ސާބިތު ވެފައި ވާތީ ދަޢުވާ ކުރުމަށް މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.