ޣައްޒާ (ނޮވެމްބަރ 21): އިސްރާއީލުގެ ޢުދުވާނުގެ ޝިކާރައަކަށް ވެފައިވާ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް ހަމްދަރްދީ ފާޅުކުރުމުގެ ގޮތުން ޣައްޒާ އަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ ޢަރަބި އަދި އިސްލާމީ ޚާރިޖީ ވަޒީރުން ޣައްޒާގައި ވެރިކަންކުރާ ޙަމާސް ސަރުކާރުގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ އާ ބައްދަލުކުރައްވައިފި އެވެ.

ހަނިއްޔާއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަތަކުގައި ޢަރަބި އަދި އިސްލާމީ ޚާރިޖީ ވަޒީރުންގެ ވަފްދުގެ ބޭފުޅުންވަނީ އިސްރާއީލުގެ ޙަމަލާތަކުގައި ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ ރައްޔިތުންގެ ޢާއިލާތަކަށް ތަޢްޒިޔާ ދަންނަވާފަ އެވެ. އަދި އިސްރާއީލުގެ ޢުދުވާން ހުއްޓުވުމަށް މިސްރު އިސްކޮށް އޮވެގެން ކުރަމުންގެންދާ މަސައްކަތްތަކުގެ ތަފްސީލް ވެސް މިވަފްދުގެ ބޭފުޅުން ހަނިއްޔާ އަށް ދެއްވި އެވެ. މިވަފްދުގެ ބޭފުޅުން ރޭގެ ވަގުތެއްގައިވަނީ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އައްޝިފާ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާފައި އިސްރާއީލުގެ ޢުދުވާނުގައި ޒަޚަމްވެފައިވާ ބައެއްމީހުންގެ ޙާލުބައްލަވާފަ އެވެ.
އައްޝިފާ ހޮސްޕިޓަލަކީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ދެމުންގެންދާ ކަނޑާއި ވައިގެ ޙަމަލާތަކުގައި ޒަޚަމްވެފައިވާ މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު އެޑްމިޓްކޮށްފައިވާ ހޮސްޕިޓަލެވެ. އިސްރާއީލުގެ ޙަމަލާތަކުގައި ޒަޚަމްވެފައިވާ މީހުންގެ ޢަދަދު ހާހަކަށް ވުރެ މައްޗަށް ގޮސްފައިވާ އިރު މީގެތެރެއިން ދެބައިކުޅަ އެއްބައަށްވުރެ ވެސް ގިނަ މީހުންނަށް ފަރުވާދެމުން ގެންދަނީ އައްޝިފާ ހޮސްޕިޓަލުގައި ކަމުން އެހޮސްޕިޓަލް ފުރި ޚިދްމަތްތަކަށް ބާރުބޮޑުވެ ބޭހާއި ސިއްޙީ ބައެއް ސާމާނު ހުސްވުމުގެ ސަބަބުން ފަރުވާދިނުމަށް ދަތިވެފައިވާ ކަމަށް ޣައްޒާގެ ސިއްޙީ ދާއިރާތަކުން ކުރިން ވަނީ ހާމަކޮށްފަ އެވެ.
ޣައްޒާ އަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ ޢަރަބި، އިސްލާމީ ޚާރިޖީ ވަޒީރުންގެ ވަފްދުގައި ހިމެނެނީ މިސްރުގެ ޚާރިޖީ ވަޒީރު މުޙައްމަދު ކާމިލް ޢަމްރޫ، ސޫދާނުގެ ޚާރިޖީ ވަޒީރު ޢަލީ ކުރްތީ، ތޫނިސްގެ ޚާރިޖީ ވަޒީރު ރަފީޤް ޢަބްދުއްސަލާމް، ލުބްނާނުގެ ޚާރިޖީ ވަޒީރު ޢަދްނާން މަންސޫރު، ޢިރާޤުގެ ޚާރިޖީ ވަޒީރު ހޫޝިޔާރު ޒީބާރީ، އުރުދުންގެ ޚާރިޖީ ވަޒީރު ނާސިރު ޖަވްދާ، ޤަތަރުގެ ޚާރިޖީ ކަންތައްތަކާ ބެހޭ ދައުލަތުގެ ވަޒީރު ޚާލިދް މުޙައްމަދު ޢަތިއްޔާ އާއި ސަޢޫދީ ޚާރިޖީ ކަންތައްތަކާބެހޭ ދައުލަތުގެ ވަޒީރެވެ. މީގެއިތުރުން ޢަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް ނަބީލުލްޢަރަބީ އާއި ތުރުކީގެ ޚާރިޖީ ވަޒީރު އަހްމަދު ދާއޫދު އޮގްލޯ ވެސް މިވަފްދުގައި ހިމެނިވަޑައިގަންނަވަ އެވެ. މިވަފްދުގެ ބޭފުޅުންނާ އެކު ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާޒް އަލްމާލިކީ ވެސް ޣައްޒާއަށް ވަޑައިގެންނެވި އެވެ.

ޢަރަބި، އިސްލާމީ ވަފްދުގެ ބޭފުޅުން ޣައްޒާއަށް ވަޑައިގެންފައި ވަނީ މިސްރާއި ޣައްޒާ ގުޅިފައިވާ ރަފްޙު ސަރަޙައްދީ ރޮނގު ހުރަސްކޮށް އިއްޔެގެ ހަވީރުގެ ވަގުތެއްގަ އެވެ. މި ވަފްދުގެ ބޭފުޅުން، އިސްރާއީލުގެ ޢުދުވާނުގެ ސަބަބުން ޙާލުގައި ޖެހިފައިވާ ޣައްޒާގެ އާންމު ރައްޔިތުންގެ ޙާލުއަހްވާލު ބެއްލެވުމާއި އިސްރާއީލުން ބޮންއަޅައި ހަލާކުކޮށް ސުންނާފަތި ކޮށްލާފައިވާ ޣައްޒާގެ ޢިމާރާތްތަކާއި ގެދޮރު ފަދަ ތަންތަން މިއަދު ހެނދުނުން ފެށިގެން ބައްލަވަމުން ގެންދަވާ ކަމަށް އަލްޖަޒީރާ ޚަބަރުދެ އެވެ.

މީގެއިތުރުން އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ ފަލަސްތީނު ރައްޔިތުންގެ ބައެއް ޢާއިލާތަކާ މިވަފްދުގެ ބޭފުޅުން ބައްދަލުކުރައްވައި އެޢާއިލާތަކަށް ތަޢުޒިޔާ ރައްދުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މިގޮތުން އެންމެ އިސްކަމެއް ދިނުމަށް ހަމަޖެހިފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އިސްރާއީލުން ޙަމަލާދީ ޝަހީދުކޮށްލި ޣައްޒާގެ "އައްދަލްވު" ޢާއިލާގެ ތިމާގެ މީހުންނާ އެވެ. އިސްރާއީލުގެ ޙަމަލާގައި "އައްދަލްވު" ޢާއިލާގެ އެންމެން (12 މެންބަރުން) އެއްފަހަރާ ޝަހީދުކޮށްލައި އެޢައިލާ ވަނީ ވުޖޫދުން ވެސް ފުހެލާފަ އެވެ. މިވަފްދު ޣައްޒާއަށް ޒިޔާރަތް ކުރައްވަމުން ގެންދަވަނިކޮށް ވެސް އިސްރާއީލުން ވަނީ ޣައްޒާ އަށް ޙަމަލާތަކެއް ދީފަ އެވެ. (އަލްޖަޒީރާ)