ކުއާލަލަންޕޫރު (ނޮވެމްބަރު 21): ފަލަސްތީނުގެ ބިންތައް ހިފައިގެން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޤަތްލުޢާންމުތައް ހިންގަމުން ގެންދާ އިސްރާއީލަކީ ނާޒީ ސްޓައިލްގެ ޓެރަރިސްޓް ޤައުމެއް ކަމަށް މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު ބިން މުޙައްމަދު ސިފަކުރައްވައި ވާހަކަ ދައްކަވައިފި އެވެ.

އިސްރާއީލުގެ ޢުދުވާނާއި އަނިޔާވެރި ކަމުގެ ޝިކާރައަކަށް ވެފައިވާ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޓަކައި މެލޭޝިޔާގައި ޚާއްސަ ފަންޑެއް އިފްތިތާޙު ކުރުމުގެ ގޮތުން ކުއާލަލަންޕޫރުގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން މަހާތީރު ވިދާޅުވީ އެޑޮލްފް ހިޓްލަރުގެ ނާޒީ ޖަރުމަނުގެ ސްޓައިލްގެ އަނިޔާވެރި ނިޒާމެއް މިހާރު ވެސް އެބައޮތް ކަމަށާއި އެ ނިޒާމަކީ ފަލަސްތީނުގެ ބިންތައް ހިފައި ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށް އަދި ފަލަސްތީނުގެ ރައްޔިތުންނަށް ކޮންމެ ދުވަހަކު ޙަމަލާދީ ޤަތްލު އާންމުތައް ހިންގަމުންގެންދާ އިސްރާއީލެވެ ކިޔާ ޒަޔަނިސްޓް ޔަހޫދީ ނިޒާމް ކަމުގަ އެވެ. މިނިޒާމުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް މިޖަރީމާތައް ހިންގަމުން ގެންދާތާ މިހާރު 50 އަށް ވުރެ ގިނަ އަހަރު ވެފައިވާ ކަމަށް ވެސް މަހާތީރު ވިދާޅުވި އެވެ.

މަހާތީރު ވިދާޅުވީ އިސްރާއީލަކީ ހުރިހާ މާނައެއްގައި ވެސް ޓެރަރިސްޓް ޤައުމެއް ކަމަށާއި ނަމަވެސް އިސްރާއީލަކީ އެޤައުމުން ހިންގާ ޖަރީމާތަކަށް އެއްވެސް އަދަބު ނުލިބޭ ޤައުމެއް ކަމުގަ އެވެ. މަހާތީރުގެ ވާހަކާގައި އިސްރާއީލުގެ އަނިޔާވެރިކަން ހިމާޔަތްކުރުމުގައި ޙަރަކާތްތެރިވާ އެމެރިކާ އާއި ޔޫރަޕްގެ ބާރުތަކަށް ވެސް ބަހުގެ ޙަމަލާތައް ދެއްވި އެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ހުޅަނގުގެ ބާރުތަކުގެ ނަޒަރުގައި އަމިއްލަ ނަފްސުގެ ދިފާއުކުރުމުގެ ޙައްޤު ވެސް މިނިވަންކަމުގެ ޙައްޤު ވެސް އަދި އަމާންކަމާ އެކު ދިރިއުޅުމުގެ ހައްޤު ވެސް ލިބިގެންވާ ޤައުމަކީ އިސްރާއީލު ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނަކީ މިހުރިހާ ޙައްޤުތަކަކުން މަޙްރޫމްވެފައިވާ ބައެއްކަމަށް އެޤައުމުތަކުން ދެކޭކަމަށް މަހާތީރު ވިދާޅުވި އެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުންގެ ޖަމާއަތްތަކުން އިސްރާއީލުގެ އިސްތިޢްމާރާއި އަނިޔާވެރިކަމާ ދެކޮޅަށް ދޭ ރޮކެޓް ޙަމަލާތަކަކަށް އިޝާރާތް ކުރައްވަމުން މަހާތީރު ވަނީ ފަލަސްތީނުގެ ބިންތައްގޮތަށް ހުޅަނގުގެ ޤައުމުތަކުގެ ބިންތައް ބަޔަކު ހިފައިގެންއުޅޭ ނަމަ އެބަޔަކާ ދެކޮޅަށް ހުޅަނގުގެ ޤައުމުތަކުގެ ރައްތިޔުން މިފަދަ ޙަމަލާތައް ނުދޭނެތޯ ސުވާލުކުރައްވާފަ އެވެ. މިގޮތުން ނާޒީ ޖަރުމަނުގެ ކިބައިން މިނިވަންވުމަށް ޔޫރަޕްގެ ގައުމުތަކުން ހަނގުރާމަކޮށް ޖަރުމަނުގެ ސިފައިންނަށް ޙަމާލާނުދޭތޯ ނޫނީ އިނގިރޭސި އިސްތިޢްމާރުން މިނިވަން ވުމަށް އެމެރިކާގެ ރައްޔިތުން އިނގިރޭސީންނާ ދެކޮޅަށް މިނިވަންކަމުގެ ހަނގުރާމަކޮށްފައިނުވޭތޯ މަހާތީރު ސުވާލު ކުރެއްވި އެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން އިސްރާއީލަށް ރޮކެޓް ޙަމަލާ ވެސް އަދި އެހެން ޙަމަލާތައް ވެސް ދިނުމުގެ ހައްޤު ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ ކަމަށާއި އެއީ އަމިއްލަ ނަފްސުގެ ދިފާޢުގައި ދެވޭ ވަރަށް އާދައިގެ ޙަމަލާތަކެއް ކަމަށް މަހާތީރު ވިދާޅުވި އެވެ. އަދި މިޙަމަލާތައް ފަލަސްތީނުގެ ޖަމާއަތްތަކުން ދެމުން ގެންދަނީ ފަލަސްތީނުގެ ބިންތައް މިނިވަންކޮށް އެބިންތަކުން ސުލްޙަވެރިކަމާ އެކު އިސްރާއީލު ފައިބާތޯ އިސްރާއީލާ އެކު 18 އަހަރުވަންދެން ދައްކަމުން ގެންދިޔަ ސުލްޙައިގެ ވާހަކަތަކުން އެއްވެސް ނަތީޖާއެއް ނުކުމެފައި ނެތުމުގެ ސަބަބުން ކަމަށް ވެސް މަހާތީރު ވިދާޅުވި އެވެ. އަށާރަ އަހަރުވަންދެން ސުލްޙައިގެ ވާހަކަތައް ކުރިޔަށް ގެންދިޔައިރު ވެސް ފަލަސްތީނުގެ ބިންތަކުން ފޭބުމަށާއި ފަލަސްތީނުގެ ޙައްޤުތައް ދިނުމަށް ގޮވާލާ އދ.ގެ ގަރާރުތައް ތަންފީޒުކުރުމަށް އިސްރާއީލު ދެކޮޅު ހަދާފައިވާ ކަމަށް މަހާތީރު ވިދާޅުވި އެވެ.

ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި އިސްރާއީލަށް ޙަމަލާދިނުމުގެ ހައްޤު ފަލަސްތީނުގެ ރައްޔިތުންނަށް ބައިނަލްއަޤްވާމީ ޤާނޫނުން ވެސް ލިބިދީފައިވާ ކަމަށާއި އިސްރާއީލުގެ އަނިޔާވެރިކަމާއި ރަހުމު ކުޑަކަމާ އަޅާބަލާ އިރު އިސްރާއީލަށް ފަލަސްތީނުގެ މުޖާހިދުން ޙަމަލާދޭ މިންވަރު ވަރަށް ކުޑަ ކަމަށް ވެސް މަހާތީރު ވިދާޅުވި އެވެ. ނަމަވެސް ހުޅަނގުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން މިޙަޤީޤަތް އޮޅުވާލައި އިސްރާއީލު ކުށްވެރިކުރުމުގެ ބަދަލުގައި އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުން ކުށްވެރިކޮށް އިސްރާއީލަކީ އަނިޔާވެރި ޤައުމެއްގެ ބަދަލުގައި އަނިޔާ ލިބޭ ފަރާތެއް ކަމަށް ސިފަކުރަމުން ގެންދާކަމަށްވެސް މަހާތީރު ވިދާޅުވި އެވެ. މަހާތީރުގެ ވާހަކަފުޅުގައި ޔަހޫދީ ހަރުކަށި ޒަޔަނިސްޓް ޖަމާއަތްތަކުގެ ބާރާއި ނުފޫޒު ހުޅަނގުގެ ޤައުމުތަކަށް ހިނގާ މިންވަރާއި ޒަޔަނިސްޓުންގެ ނުފޫޒު ހުޅަނގުގެ މީޑޔާ އަށް ފޯރާފައިވާ މިންވަރުގެ މައްޗަށް ވެސް އަލިއަޅުވާލެއްވި އެވެ.

އިސްރާއީލަކީ މިހާތަނަށް ތާރީޚު ދުށް އެންމެ އަނިޔާވެރި އިސްތިއްމާރީ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއް ކަން ހާމަކުރައްވަމުން އިސްރާއީލުގެ އަނިޔާވެރިކަން ދިފާއުކުރާ އެމެރިކާއަކީ ވެސް އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުން ނައްތާލަމުންދާގޮތަށް އެމެރިކާގެ އަސްލު ވަޒަންވެރިން ކަމަށްވާ ރެޑްއިންޑިޔަން ދަރިކޮޅުގެ ގިނަބައެއްގެ ނަސްލު ނައްތާލައި އެމީހުން ވުޖޫދުން ފުހެލުމަށް މަސައްކަތްކޮށްފައިވާ އަނިޔާވެރި ތާރީޚެއް އޮތް ގައުމެއް ކަމަށް މަހާތީރު ވިދާޅުވި އެވެ. (އަލްޖަޒީރާ)