ކައިވެނި ކުރަން ތައްޔާރުވަމުންދާ ފަރާތް ތަކަށް އަމާޒު ކޮށްގެން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ބްރައިޑް ފެއާ މިދިޔަ ހޯމަ ދުވަހު ހުޅުވައިފި އެވެ.

މިއީ މި ފެއާ ބޭއްވޭ ތިން ވަނަ ފަހަރެވެ. މިފަހަރުގެ ފެއާ ސްޕޮންސަކޮށްފައިވަނީ އެސްޓީއޯގެ ބްރޭންޑް، "ފިލިޕްސް" އެވެ.

އެފެއާ މިދިޔަ ހޯމަ ދުވަހު ރަސްމީކޮށް ހުޅުއްވާ ދެއްވީ ޔޫތު މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އެވެ. އެ ފެއާގައި ރާއްޖޭގެ ފެޝަން ޑިޒައިނަރުންގެ އުފެއްދުންތަށް ދައްކާލާފައި ވެއެވެ. އޭގެ ތެރޭގައި ސަގާފީ ހެދުންތަކާއި، ދިގު ހެދުމާއި، ހެދުންބުރި އަދި ކުޑަކުދިންގެ އެންމެ މިޒަމާނުގެ ހެދުންތަށް ފެނިގެން ދިޔަ އެވެ. މި ފަހަރުގެ ފެއާގައި 29 ސްޓޯލް ހުރިއިރު އެ ސްޓޯލްތަކުގައިވެސް ކައިވެނީގެ ހަފްލާއަކަށް ބޭނުންވާނެ ހުރިހާ މައުލޫމާތެއް ހިލޭ ފޯރުކޮށްދެ އެވެ. އޭގެ ތެރޭގައި ވެޑިން ކޭކާއި، ވެޑިން ސެޓް ހަދާ މީހުންނާއި، ފޮޓޯ ގްރާފަރުންނާއި، ވެޑިން ކާޑު ހަދައިދޭ މީހުން ހިމެނެ އެވެ.

އަލަތު ކައިވެންޏަށް ތައްޔާރުވަމުންދާ ފަރާތްތަކަށް ޚާއްސަކޮށްގެން ތައްޔާރު ކޮށްފައިހުރި އެކި އަގު ތަކުގެ ވެޑިން ޕެކޭޖްތައް އެ ފެއާގެ ތެރެއިން ޗޫސް ކުރުމުގެ ފުރުސަތު އޮތީ ހުޅުވާލާފަ އެވެ. ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ކޮންމެ ރެއަކު މުނިފޫހި ފިލުވުމުގެ ކުޅިވަރުތަށްވެސް އަންނަނީ ބާއްވަމުންނެވެ. އެ ފެއާގައި ނެރޭ މެގަޒިން ބްރައިޑް މެގަޒިންވެސް ހޯމަ ދުވަހުގެ ހަފްލާގައި ވަނީ ބާޒާރަށް ނެރެފަ އެވެ.

ބްރައިޑް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝާފިއު ސަން އޮންލައިންއަށް ވިދާޅުވީ ބްރައިޑް ފެއާގެ މަގުސަދަކީ ރާއްޖޭގައި މަސައްކަތްކުރާ ޑިޒައިނަރުންނަށާއި ހަފްލާތަށް އިންތިޒާމްކުރާ ފަރާތްތަކާއި، ފޮޓޯ ގްރާފަރުންގެ އިތުރުން ކޭކު ތައްޔާރުކުރާ ފަރާތްތަކަށް އެއްފުރާޅެއްގެ ދަށުން އާއްމުންނަށް ފެނިލުމުގެ ފުރުސަތު ފަހި ކޮށްދިނުން ކަމަށެވެ. ޝާފިއު ވިދާޅުވީ ރާއްޖެއިން ބޭރުގެ ފަރާތްތަކުންވެސް މިހާރު ރާއްޖޭގައި އެފަދަ މަސައްކަތްތަށް ކުރަމުން ގެންދާ ކަމަށާއި އެފަރާތްތަކަށް ރާއްޖެއިން ފުރުސަތު ހަނިކުރުމަކީވެސް އެ ފެއާގެ ބޭނުމެއް ކަމަށެވެ. އޭނާ ވިދާޅުވީ ސްޓޯލްތަކުގައި ހުރި ތަކެއްޗަކީ އަލަތު ކައިވެންޏަށް ހާއްސަ ޑިސްޕްލޭ ޕެކޭޖްތަށް ކަމަށެވެ. އަދި ވިދާޅުވީ އެތަނުން އެއްޗެއް ގަންނަން ބޭނުންވާ ފަރާތްތަކަށް އެޑްވާންސްކޮށް ބުކިންސް ހަދައިގެން އެތަކެތި ލިބޭނެ ކަމަށެވެ. އެކަމާއި ގުޅޭ މައުލޫމާތުވެސް ސްޓޯލްތަކުން ފޯރުކޮށްދެ އެވެ.

"ސްޓޯލްތަކުގައި ހުރި ތަކެއްޗަކީ ވިއްކަން ބަހައްޓާފައި ހުރި ތަކެއްޗެއް ނޫން. އޭރުން ކުރިއަށް ޕްލޭން ކުރުމުގެ ފުރުސަތު ލިބިގެންދާނެ. ހަމަ ޑިސްޕްލޭ އެއީ. އަލަތު ކައިވެންޏަށް ބޭނުންވާނެ ބަޖެޓް ހަދާލައި، އަގުތަކާ އެއްޗެތި ބަލާލުމުގެ ފަސޭހަކަން ލިބިގެންދާނެ. ދެން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ކޮންމެ ރެއަކު ޒިޔާރަތްކުރޭ ކުރީގެ ދެ ފެއާގައިވެސް. މިފަހަރުވެސް ހަމަ އެވަރުވާނެ. މިތަނަށްވެސް ރެއަކު ތިންހާހަށްވުރެ ގިނަ މީހުން ޒިޔާރަތް ކުރާނެ ކަމަށް މި ބަލަނީ،" ޝާފިއު ވިދާޅުވި އެވެ.

އެ ފެއާ އޮންނާނީ އަންނަ ބުދަ ދުވަހުގެ ރޭގެ ނިޔަލަށް ކޮންމެ ރެއަކު 8:00ން 11:00 ށް ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމްގަ އެވެ.

ބްރައިޑް ފެއާ އެންމެ ފުރަތަ ބާއްވާފައިވަނީ 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ. އޭގެ ފަހުން ދެވަނަ ފެއާ ބާއްވާފައިވަނީ 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.