21 Nov 2012, 08:26
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހައްގުތައް ފޯރުކޮށްދެނީ ކިހާމިންވަރަކަށްތޯ ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ހިންގާ ނޭޝަނަލް އިންކުއަރީ އިފްތިތާހްކޮށްފި އެވެ.
"އެކްސެސް ޓު އެޑިއުކޭޝަން ފޯ ޗިލްޑްރަން ވިތު ޑިސްއެބިލިޓީސް"ގެ ނަމުގައި އެޗްއާރުސީއެމްއިން އާންމުކޮށް ހުޅުވާލައިގެން ހިންގާ އެ ތަހުގީގުގައި އެއްކުރާ މައުލޫމާތު މައްޗަށް ބިނާކޮށް ރިޕޯޓެއް ތައްޔާރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ނޭޝަނަލް އިންކްއަރީ އަކީ އާންމުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ދައުލަތުން ގާއިމުކޮށްފައިވާ ނިޒާމުގެ ތެރޭގައި ހުރި ބޮޑެތި މައްސަލަތައް ދެނެގަނެ އެކަން ނިޒާމު ހިނގަމުން އަންނަ ގޮތް ބަލައި، އެކަންތައްތައް ރަނގަޅުކުރުމަށް ކަމުގެ ތަޖުރިބާ ކާރުންނާ ދައުލަތާއި އަދި އާންމުންގެ ބައިވެރިވުމާއެކު އާންމުކޮށް ހުޅުވާލައިގެން ހިންގާ ތަހުގީގެކެވެ.
އިންކްއަރީ ހިންގުމަށް ހަމަޖެހިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ލިބިގެންވާ އުނގެނުމުގެ ހައްގު، ދައުލަތުގެ ފަރާތުން އެކުދިންނަށް ފޯރުކޮށްދެނީ ކިހާމިންވަރަކަށްތޯ ބަލައި އެފަދަ ކުދިންނަށް ތައުލީމް ލިބުމުގެ ހައްގު ހޯދައިދިނުމުގެ ނިޒާމުގައި ހުރި ގޮންޖެހުންތަކާއި އެގޮންޖެހުންތަކުގެ ސަބަބުން އާއިލާތަކަށް ދިމާވާ ދަތިތަކުގެ މައްޗަށެވެ.
ނެޝެނަލް އިންކްއަރީ ހިންގުމަށް ހަމަޖެހިފައިވަނީ ނުކުޅެދުންތެރިކަން ހުރި މީހުންގެ ދަފްތަރަށް ބެލުމަށް ފަހު 12 އަތޮޅެއްގައި ކަމަށް އެޗްއާރުސީއެމުން ވަނީ ބުނެފަ އެވެ..
ރާއްޖޭގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އުނގެނުމުގެ ފުރުސަތު ހޯދައިދިނުމުގެ މިހާތަނަށް މާލެ އާއި އަތޮޅުތެރެ ހިމެނޭ ގޮތަށް ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން)ގެ 10 ކްލާސް އުފައްދާ އެފަދަ ކުދިންނަށް ހިދުމަތް ދެމުންދެ އެވެ. އޭގެތެރެއިން ދެ ސްކޫލް މާލޭގައި ހުރިއިރު، އަށް ސްކޫލް ގާއިމުކޮށްފައިވަނީ އަތޮޅުތެރޭގަ އެވެ. ދެހާސްނުވަވަނަ އަހަރުގެ ތަފާސް ހިސާބުން ދައްކާ ގޮތުން ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ރަޖިސްޓްރީގައި 2،250 ކުއްޖަކު ރަޖިސްޓްރީ ކޮށްފައިވެ އެވެ. އަދި އޭގެ ތެރެއިން ސްކޫލަށް ދަނީ އެންމެ 250 ކުދިން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެޗްއާރުސީއެމުން ބުނެ އެވެ.
އެޗްއާރުސީއެމުން ބުނީ ރާއްޖޭގެ މިހާރުގެ ހާލަތައް ބަލާއިރު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އުނގެނުމުގެ ފުރުސަތު ވަރަށް މަދު ކަމަށާއި އަތޮޅުތަކުގައި އުޅޭ ލޯފަން ކުދިންނަށް އުނގަންނައިދޭނެ ގޮތެއް މިހާތަނަށް ހަމަޖެހިފައިނުވާ ކަމަށެވެ. އަދި ތަފާތު ވައްތަރުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިން ތިބީއިރު، އެކަން ދެނެގަނެ ރެކޯޑް ކުރެވިފައިނުވާ ކަމަށް ވެސް އެޗްއާރުސީއެމުން ބުނެ އެވެ. ތަފާތު ބާވަތްތަކުގެ ނުކުޅެދުންތެރިކަން ހުރިއިރު، އެފަދަ ކުދިންނަށް ކިޔަވައިދޭ މުދައްރިއްސުންނަށް ދެނީ އެއްބާވަތެއްގެ ތަމްރީނު ތަކެއް ކަމަށް ކޮމިޝަނުން ފާހަގަކުރެ އެވެ. އަދި ތަމްރީނު ލިބިފައި ތިބި މުދައްރިއްސުންގެ ތެރެއިން ވެސް އަތޮޅެއްގައި ހުންނަނީ އެންމެ ޓީޗަރެއް ކަމަށް ވެސް އެޗްއާރުސީއެމުން ބުނެ އެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ ނެޝެނަލް އިންކްއަރީގެ ލޯގޯ ވެސް އިފްތިތާހު ކޮށްފަ އެވެ. ލޯގޯ އިފްތިތާހު ކޮށްދެއްވީ ޝަރަފްވެރި މެހެމާން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން އިލްހާމް ހުސެއިން އެވެ.
ރަސްމިއްޔާތު ފެށުމުގެ ގޮތުން ގުރުއާން ކިޔަވާފައިވަނީ އިމާދުއްދީން ސްކޫލްގައި ކިޔަވަމުން އަންނަ، ހާއްސައެހީއަށް ބޭނުންވާ ކުލާހުގައި ކިޔަވަމުން އަންނަ ގުރުއާން ހިތުދަސް ދަރިވަރެކެވެ.