މެންޗެސްޓާ ސިޓީގެ އިޓަލީ ފޯވަޑް މާރިއޯ ބަލެޓޮލީ އަށް ކޯޗުކޮށްދިނުމަކީ ފަސޭހަ ކަމެއް ނޫންކަމަށް ސިޓީގެ ކޯޗު ރޮބާޓޯ މަންޗީނީ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރަށް ދިއުމުގެ އުއްމީދު އާކުރަން ކޮންމެހެން ވެސް ރެއާލް މެޑްރިޑް ބަލިކުރަން ޖެހޭ މިރޭގެ މެޗުގެ ކުރިން ވާހަކަ ދައްކަމުން މަންޗީނީ ބުނީ އަހުލާގު ރަނގަޅުކޮށްފިނަމަ ބަލެޓޮލީ އަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލަޔޮނަލް މެސީ ފަދަ ކުޅުންތެރިއެއް ކަމަށެވެ.

"ކޮންމެ ދުވަހަކު އޭނާ އަށް ކޯޗުކޮށްދިނުމަކީ ވަރަށް ބުރަކަމެއް. އެއީ ކޯޗަކު 22 ކުޅުންތެރިން ކޮންޓްރޯލް ކުރަން ޖެހޭތީވެ. އޭނާ އަކީ ދަނޑުން ބޭރުގައި އެވަރެއްނެތްހާ ބަރާބަރު މީހެއް. އެކަމަކު މައްސަލައަކީ ބައެއް ފަހަރު އޭނާ އަށް އޭނާގެ ވަޒީފާގެ މުހިންމުކަން ނޭނގޭތީވެ. އެކަމަކު އަހަރެން އުއްމީދުކުރަން ވަރަށް އަވަހަށް އޭނާ އަށް އެކަން އެނގޭނެ ކަމަށް،" އިޓަލީގެ އިންޓަމިލާނުގައި ވެސް ބަލެޓޮލީ އަށް ކޯޗުކޮށްދިން މަންޗީނީ ބުންޏެވެ.

އޭނާ އަދި ބުނީ އިންޓަމިލާނުން 24 މިލިއަން ޕައުންޑަށް ގެނައި ފޯވަޑާ މެދު ހިތާމަ ކުރާ ކަމަށެވެ.

"އޭނާ އަށް އެންމެ 22 އަހަރު. އެކަމަކު ދުވަސްތައް ވަރަށް އަވަހަށް ހިނގައިދާނެ. އޭނާ އަށް މެސީމެން ރޮނާލްޑޯމެންގެ ކަންކަން އެނގެންވެއްޖެ. ބޭކާރު ކަންކަމަށް އިސްކަން ދިނުމުގެ ބަދަލުގައި އޭނާގެ ވިސްނުން ވަޒީފާ އަށް ސަމާލުކޮށްފައި ބަހައްޓަންވެއްޖެ،" މަންޗީނީ ބުންޏެވެ.

ހުސްވި މާޗު މަހު މަންޗީނީ ބުނީ މަލޮޓޮލީ އަށް އިތުބާރު ނުކުރެވޭ ކަމަށެވެ.

"އޭނާގެ އެބަހުރި ދުނިޔޭގެ މޮޅު ކުޅުންތެރިއަކަށް ވުމަށް ބޭނުންވާ ހުރިހާ ހުނަރެއް. އޭނާ އަށް ރޮނާލްޑޯ އާއި މެސީ ފަދަ މީހަކަށް ވެވިދާނެ. އެއީ ރަނގަޅަށް މަސައްކަތްކޮށްފިނަމަ. އެކަމަކު އޭނާ އަށް އިތުބާރު ނުކުރެވޭ. އޭނާ އަންނަ ހަފުތާގައި ޖަހާފާނެ ދެ ގޯލު ވެސް. ހަމައެއާއެކު ރަތްކާޑެއް ވެސް ހޯދަފާނެ،" މަންޗީނީ ބުންޏެވެ.

މިފަދަ ސަބަބުތަކާހުރެ އޭނާ ވިއްކާލަން ސިޓީން ބޭނުންވާ ކަމަށް ވެސް އިނގިރޭސި މީޑިއާއިން ވަނީ ބުނެފަ އެވެ. ބަލޮޓޮލީ މިހާތަނަށް ކުޅުނު 66 މެޗުގައި ވަނީ 29 ގޯލު ޖަހާފަ އެވެ. މީގެ ތެރެއިން 17 ގޯލަކީ ހުސްވި ސީޒަނުގައި ޖެހި ގޯލުތަކެވެ.