މިހާރުގެ ކޯޗު ރޮބާޓޯ ޑިމަޓިއޯ ވަކިކޮށް، ކުރިއަށް އޮތް ޖެނުއަރީގެ ކުރިން ޗެލްސީގެ ކޯޗުކަން ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ދޭން ކުލަބުގެ ވެރިޔާ ރޯމަން އަބްރޮމޮވިޗް ބޭނުންވާކަމަށް ދުނިޔޭގެ ބޮޑެތި މީޑިޔާތަކުން ބުނަން ފަށައިފި އެވެ.

މިކަމުގެ އަޑުތައް މާބޮޑަށް ގަދަވެފައިވަނީ ޔުވެންޓަސް އަތުން ރޭ 3-0 ބަލިވެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޗެލްސީ ކެޓުމުގެ ބިރު ހީވުމުންނެވެ.

އަނެއްކޮޅުން އަބްރޮމޮވިޗް މިހާރު ވަނީ ހުސްވި ސީޒަނުގެ އެފްއޭކަޕާއި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ޑިމަޓިއޯ އަށް ނަތީޖާ ރަނގަޅު ކުރަން މުހުލަތެއް ދީފައި ކަމަށް ވެސް ތަޖުރިބާކާރުން ވަނީ ބުނަން ފަށައިފަ އެވެ.

ގާޑިއޯލާ އަށް ކޯޗުކަން ދޭނެ ކަމަށް ޔަގީންކުރެވޭ އަނެއް ސަބަބަކީ ކުރު ޗުއްޓީއަކަށް ފަހު އަލުން ފީލްޑަށް ނުކުތުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށާއި އޭނާ ފެނިގެންދިއުން އެންމެ ގާތީ އިނގިރޭސި ލީގުން ކަމުގައި ގާޑިއޯލާ އޭނާގެ ގާތްރަހުމަތްތެރިންތަކެއްގެ ގާތު މި މަހުގެ ކުރީކޮޅު ބުނެފައިވުމުންނެވެ.