21 Nov 2012, 02:55
ޔުވެންޓަސް އަތުން 3-0 އިން ރޭ ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ޗެމްޕިއަންސްލީގު ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓުމާ ވަރަށް ގާތަށް ހިނގައްޖެ އެވެ.
ގްރޫޕުގައި ބާކީ އެއް މެޗު އޮއްއިރު ޗެލްސީ އަށް ލިބިފައިވަނީ އެންމެ ހަތް ޕޮއިންޓް ލިބިފައިވާތީ އެވެ. މި ގްރޫޕުގައި މިހާރު ވެސް ޔުވެންޓަސް 9 ޕޮއިންޓް އަދި ޓޭބަލުގެ ކުރީގައިވާ ޝަކްޓާ ޑޮނެސްޓް ވަނީ 10 ޕޮއިންޓް ހޯދައިފަ އެވެ.
މި ނަތީޖާގެ ސަބަބުން ޗެލްސީގެ ކޯޗު ރޮބާޓޯ ޑިމަޓިއޯގެ ވަޒީފާ ދެމިނޯންނާނެ ކަމުގެ ވާހަކަތައް ވަނީ ވަރަށް ބޮޑަށް ގަދަވާން ފަށައިފަ އެވެ. ބައެއް ތަޖުރިބާކާރުން ފާހަގަ ކުރާ ގޮތުގައި މެޗަށް ފަހު ކުލަބުގެ ވެރިޔާ އަދި ރަޝިޔާގެ މަހުޖަނު ރޯމަން އަބްރޮމޮވިޗް ޑިމަޓިއޯގެ ވަޒީފާއާ ބެހޭ ގޮތުން މަޝްވަރާކުރުމަކީ ވެސް ވަރަށް ގާތްކަމެކެވެ. ސަބަބަކީ ޗެލްސީގެ ކޯޗަކަށް މިހާރު ޗުއްޓީގައި ހުރި ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ ގެނައުމަށް އަބްރޮމިވިޗް ބޭނުންވެފައި ހުރުމެވެ.
ޑިމަޓިއޯ އަކީ ހުސްވި ސީޒަނުގެ ޗެމްޕިއަންސް ލީގާއި އެފްއޭކަޕް ޗެލްސީއަށް ހޯދައިދިން ކޯޗެވެ. ވަގުތީ ގޮތުން ޓީމާ ހަވާލުވެ އޭނާ ހޯދި މިކާމިޔާބީގެ ސަބަބުން މި އަހަރު ކޯޗުކަންދިނީ ދެ އަހަރުގެ ކޮންޓްރެކްޓަކާއެކުގަ އެވެ.
ނަމަވެސް ޔުވެންޓަސް އަތުން ބަލިވުމުން ކީޕަރު ޕީޓަ ޗެކް ބުނީ ހުސްވި ސީޒަނުގައި މުބާރާތް ކާމިޔާބުކުރީ ވެސް މިކަހަލަ ހާލަތެއްގެ ތެރެއިން ގޮސް ކަމަށާއި ޔުވެންޓަސް އަތުން ބަލިވުމަކީ މުޅި މުބާރާތް ނިމުމަކަށް އައުން ނޫން ކަމަށެވެ.