21 Nov 2012, 00:26
ފެބްރުއަރީ 7، 8 ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ސަލާމަތީ ބާރުތަކުން އަނިޔާކުރި މައްސަލަ ބެލުމަށް އިންޓަ ޕާލަމެންޓްރީ ޔޫނިޔަން (އައިޕީޔޫ)ން ހުށަހެޅި މައްސަލަ އިމްތިޔާޒް ކޮމެޓީން ދިރާސާ ކުރުމަށްފަހު، ސަލާމަތީ ބާރުތަކުން މެންބަރުންނަށް އަނިޔާކުރި ކަމަށް ފެންނާތީ، އެ މައްސަލާގައި ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނަރްއަށް ހުށަހަޅުމަށް އިމްތިޔާޒް ކޮމެޓީން ނިންމައިފި އެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނަށް އަނިޔާ ކުރި ކަމަށް ބުނެ، އެމްޑީޕީން ވަނީ ވީޑީއޯ އާއި ފޮޓޯ ކޮމެޓީއަށް ހުށަހަޅާފަ އެވެ. އަދި މަޖިލީހުގެ ހަތް މެންބަރަކަށް އަނިޔާކުރި ކަމަށް ބުނެ އިންޓަ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ)އިން ވަނީ އެ މައްސަލަ ބަލައިދިނުމަށް މަޖިލީހުގައި އެދިފަ އެވެ.
ދެ ފަރާތުގެ ހުށަހެޅުމުގެ މައްޗަށް ބުރަވެ، އަނިޔާ ލިބުނު މެންބަރުންނާ އިންޓަވިއުކޮށް، ވީޑިއޯ ބެލުމަށްފަހު ކޮމެޓީގެ މެންބަރުންގެ އަގުލަބިއްޔަތުން ނިންމާފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހާއި ރައީސް ވަހީދުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ސަލާމަތީ ބާރުތަކުން މަޖިލީހުގެ ބައެއް މެންބަރުންނަށް އަނިޔާ ކުރި ކަމަށް ސާބިތުވާ ކަމަށެވެ.
ކޮމެޓީން އެ މައްސަލަ ދިރާސާ ކުރުމަށްފަހު މިހާރު ވަނީ އެ މައްސަލައިގެ ރިޕޯޓް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ހުށަހަޅާފަ އެވެ.
ކޮމެޓީގެ ރިޕޯޓްގައި ބުނެފައި ވަނީ މަޖިލީހުގެ މެންބަރުންނަށް އަނިޔާ ކުރި މައްސަލަ ތަހުގީގު ކުރުމަށް ކަމާބެހޭ ފަރާތްތަކާ ހަވާލު ކުރެއްވުމަށްފަހު، ފިޔަވަޅު އަޅުއްވަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުއްވުމަށެވެ.
"...މެންބަރުންގެ އަގުލަބިއްޔަތުން ނިންމާފައި ވަނީ ގާނޫނުގައިވާ ގޮތުގެ މަތިން ޕްރޮސެކިއުޓާ ޖެނަރަލްއަށް ފެނިވަޑައިގަންނަވާ ފަރާތަކާ ހަވާލު ކުރައްވައިގެން، މި މައްސަލަ ތަހުގީގު ކުރެއްވުމަށްފަހު، ފިޔަވަޅު އަޅަން ފެނިވަޑައިގަންނަވާ ފަރާތަކާމެދު ފިޔަވަޅު އެޅުއްވުމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް މި މައްސަލަ ހުށަހެޅުމަށެވެ،" ކޮމެޓީގެ ނިންމުގައިވެ އެވެ.
މެންބަރުންނަށް އަނިޔާކުރި މައްސަލާގައި އަޅަމުންދާ ފިޔަވަޅުތައް ބެލުމަށް އައިޕީޔޫގެ ވަފުދެއް މިހާރުވަނީ ރާއްޖެ ވަޑައިގެންފަ އެވެ.
އަނިޔާ ލިބިފައިވާ ކަމަށް އައިޕީޔޫއިން ފާހަގަކުރަނީ ހަތް މެންބަރަކަށެވެ. އެއީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިވާ އަބްދުﷲ އާއި ތިނަދޫ ދާއިރާގެ މެންބަރު މުހައްމަދު ގަސަމާއި ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒުއާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީއާއި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އެވެ.
އެ މެންބަރުންނަށް ފުލުހުން އަނިޔާކުރި ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ކުރި ތަހުގީގަށްވެސް ސާބިތުވާތީ އެ މެންބަރުންނާއި ދެމެދު އެ އަމަލުތައް ހިންގެވި ވަކިވަކި ފުލުހުންގެ މައްސަލަ ތަހުގީގުކޮށް އެ ފުލުހުންނާއި މެދު ގާނޫނީ ފިޔަވަޅު އަޅަން އެ ކޮމިޝަނުން ވަނީ ކަމާބެހޭ މުއައްސަސާތަކަށް ފޮނުވައިފަ އެވެ.