ފުލުހުންގެ ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖިނާހާއި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒުގެ ސުލޫކީ މައްސަލަތަކެއް ހުރި ކަމަށް ބުނެ، ކްރިމިނަލް ކޯޓު ކުރީގެ ޖިނާއީ ކޯޓުން އެ ދެ އޮފިޝަލުން ސަސްޕެންޑް ކުރަން ނިންމި ނިންމުން ހައިކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން ހުށަހަޅާ މައްސަލަތަކުގައި ކްރިމިނަލް ކޯޓަށް ހާޒިރުވާ ފުލުހުންގެ އެންމެ އިސް ދެ އޮފިޝަލުން ކަމުގައިވާ ޖިނާހާއި ރިޔާޒު އެކޯޓަށް ބަލައިނުގެންނާނެ ކަމަށް ބުނެ ސަސްޕެންޑްކޮށްފައިވަނީ 11 ޖުލައި 2010 އިން ފެށިގެން 31 ޑިސެމްބަރު 2010 ގެ ނިޔަލަށެވެ.

އެގޮތަށް އެކޯޓުން އޭރު ނިންމާފައިވަނީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނާއި މާމިގިނލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ބަންދުކޮށްގެން ގެންގުޅުނު ދުވަސްވަރު އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން އެކޯޓުން އެމައްސަލަ ބެލުމަށްފަހު މިއަދު ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ކުރީގެ ޖިނާއީ ކޯޓް އަދި މިހާރުގެ ކްރިމިނަލް ކޯޓުން ޖިނާހާއި ރިޔާޒުގެ މައްޗަށް އަޅާފައިވާ ފިޔަވަޅަކީ ކޮން ހާދިސާއަކާއި ގުޅިގެން އަޅައިފައިވާ ފިޔަވަޅެއް ކަން އެކޯޓުން ސާފުކޮށްދީފައި ނުވާތީ އާއި އެ ދެ އޮފިޝަލުންގެ މައްޗަށް ޖިނާއީ ކޯޓުން އަޅާފައިވާ ފިޔަވަޅަކީ އެފަދަ މައްސަލަތަކުގައި އަމަލުކުރުމަށް އޮންނަ ގާނޫނީ ހަމަތަކާއި އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ނުވާތީ އެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށެވެ.