14:53


ސައުދީ ސަރުކާރުން މިދިޔަ ރޯދަ މަހު ރާއްޖެއަށް ހަދިޔާކުރި ކަދުރު ނުލިބޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ޝަކުވާކުރަމުން އެބަދެ އެވެ.


އިސްލާމިކް މިނިސްޓްރީން ބުނީ، 150 އެއްހާ ޓަނުގެ ކަދުރު ސައުދީ ސަރުކާރުން ރާއްޖެއަށް މިފަހަރު ހަދިޔާކުރި ކަމަށެވެ. އަދި އެ ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ ހޯމް މިނިސްޓްރީ އާއި އަވަށު އޮފީސްތަކުގެ އިތުރުން އަތޮޅުތަކުގެ ރަށު އޮފީސްތަކާ ގުޅިގެން ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.


ނަމަވެސް، ބައެއް އާއްމުންގެ ފަރާތްތަކުން ބުނަމުންދަނީ، ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށްގެންދިޔަ ގޮތް އެއްވެސް ވަރަކަށް ނޭނގޭ ކަމަށާއި އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ކަމާ ބެހޭ ފަރާތްތަކުން އާއްމުކޮށްފައިނުވާ ކަމަށެވެ. އެގޮތުން ސަންއެފްއެމަށް މައުލޫމާތު ދިން ބައެއް މީހުން ބުނީ، ކަދުރު ބެހިކަމެއް ވެސް ނޭނގޭ ކަމަށާއި އެކަން އެނގުނު ނަމަ، އެހެން އަހަރުތަކެކޭ އެއްފަދައިން ކަދުރު ހޯދަން ދިޔައީސް ކަމަށް. އަދި އަވަށު އޮފީހަކުން ވެސް ކަދުރާ ބެހޭ އެއްވެސް މައުލޫމާތެއް އާއްމުނުކުރާ ކަމަށާއިކަދުރާ ބެހޭ އިއުލާނެއް ރޭޑިއޯ ޓީވީތަކުން އަޑުވެސް ނާހާ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ. ނަމަވެސް، މީގެ ކުރީ އަހަރުތަކުގައި އިއުލާންކުރުމުން، ކަދުރު ބަލައި ދާ ކަމަށް ވެސް އެމީހުން ކިޔައިދިނެވެ.


ކަދުރު ލިބުނު ބައެއް ފަރާތްތަކުން ވެސް ބުނީ، މިފަހަރު ކަދުރު ބެހުމުގެ ކަންތައް ދިޔައީ ކުރީ އަހަރުތަކާ ތަފާތުކޮށް ކަމަށާއި އެކަމާ ބެހޭ މައުލޫމާތު ކުރިއާލާ އެއްވެސް ވަރަކަށް ނުލިބޭ ކަމަށެވެ.


ކަދުރު ނުލިބޭ ކަމުގެ ޝަކުވާ އިސްލާމިކް މިނިސްޓްރީއަށް އެއްވެސް ވަރަކަށް އާއްމުން ހުށަހެޅިތޯ ދެންނެވުމުން އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އަހްމަދުﷲ ޖަމީލު ވިދާޅުވީ، އެކަމާ ގުޅޭ ޝަކުވާއެއް ނުލިބުނު ނަމަވެސް، ބައެއް ފަރާތްތަކުން މައުލޫމާތު ހޯދަން ގުޅި ކަމަށެވެ. އަދި އެހެން އަހަރުތަކާ ޚިލާފަށް އެ މަސައްކަތް ކުރިއަށްގެންދިޔައީ އެ މިނިސްޓްރީން ނޫން ކަމަށާއި ކަސްޓަމްސުން ކަދުރުގެ ޝިޕްމަންޓް ކްލިއަރ ވީ ހިސާބުން ފެށިގެން އެކަމާ ހަވާލުވީ ހޯމް މިނިސްޓްރީން ކަމަށެވެ. އަދި އެކަމާ ބެހޭ އެއްވެސް އިއުލާނެއް އެއްޗެއް ކުރިކަމެއް ވެސް މިނިސްޓްރީއަށް ނެގޭ ކަމަށް އޭނާ ވިދާޅުވި އެވެ.  


މިކަމާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީގެ ބަހެއް ހޯދާލުމަށް ގުޅާލުމުން އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ކަދުރު ބެހުމުގެ ކަންތަކާ ގުޅޭ ގޮތުން ޖަވާބު ދެއްވާނީ "ސިޔާސީ" ބޭފުޅެއް ކަމަށާއި މި ވަގުތު އޮފީހުގައި އެއިން ބޭފުޅެއް ނޫޅުއްވާ ކަމަށެވެ. އަދި އެއިން ބޭފުޅަކު ފަހުން ކޮމެންޓް ދެއްވާނެ ކަމަށް ވެސް އޮފިޝަލުް ވިދާޅުވި އެވެ.


ކަދުރު ބެހުމުގެ މަސައްކަތް މިފަހަރުވެސް ކުރިއަށްގެންދިޔަ ބައެއް އަވަށު އޮފީސްތަކަށް މިއަދު ގުޅާލުމުން ބުނީ، ވަރަށް ގިނަ ފަރާތްތަކުން ކަދުރު ބަލައި ދިޔަ ކަމަށެވެ. އަދި ފުރަތަމަ ބުރު ލިބުނު ކަދުރު ހުސްވެގެން، އީދަށް ފަހު، ކަދުރު ބެހުމުގެ ދެވަނަ ބުރު ފަށާފައިވާ ކަމަށެވެ.


ނަމަވެސް، ކަދުރު ބެހުމާ ގުޅޭ އެއްވެސް އިއުލާނެއް ކުރިންތޯ ދެންނެވުމުން، އެތަނުގެ މުވައްޒަފުން ބުނީ، އެއީ އަބަދުވެސް ރޯދައާ ދިމާކޮށް އަވަށު އޮފީސްތަކުން ކުރާ ކަމެއް ކަމަށްވާތީ އިއުލާނެއް ނުކުރާ ކަމަށެވެ.