21 Nov 2012, 00:03
ރާއްޖޭގެ އިގުތިސާދީ ކަނޑުގެ ސަރަހައްދު (އީއީޒެޑް)ގައި އުޅެނިކޮށް މިއަދު އަތުލައިގަތް ސްރީލަންކާގެ މަސްބޯޓުގައި ގިނަ އަދަދަކަށް މިޔަރާއި އެކި ބާވަތްތަކުގެ މަސް ހުރި ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފްގެ ސްޕޯކްސްޕާޝަން ކާނަލް އަބްދުއްރަހީމް މިރޭ ވިދާޅުވީ " ސީޝޯލް" ނަމަކަށް ކިޔާ އެބޯޓު ރާއްޖޭގެ އީއީޒެޑްގެ ސަރަހައްދަށް ވަދެގެން އުޅުނީ ގަވާއިދާ ހިލާފަށް ކަމަށާއި އެ ބޯޓް ހިފަހައްޓައި ކޯސްޓްގާޑުން އެބޯޓް އިންސްޕެކްޓް ކުރީއިރު ގިނަ އަދަދެއްގެ މަސް ބޯޓަށް ބަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ރާއްޖޭގެ ކަނޑުން ބޭނި މަސް ކަމެއް އެނގޭނީ އިތުރަށް އެމައްސަލަ ތަހުގީގު ކުރުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބޯޓަށް ގިނަ އަދަދެއްގެ މަސް ހުރީ ބަރުކޮށްފައި، އޭގެތެރޭގައި މިޔަރާއި ކަޅު ބިލަ މަހާއި، އެނޫން އެކި ބާވަތްތަކުގެ މަސް ހުރި، އެހެން ނަމަވެސް އެއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭނި މަސް ކަމެއް އެނގޭނީ އެކަންތައް އިތުރަށް ބެލުމުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެމްއެންޑީއެފުން ބުނީ އެބޯޓު މ. އަތޮޅާއި 180 މޭލު ބެރުގައި ވަނިކޮށް މިއަދު ހެނދުނު ފެނުނުއިރު އެ ބޯޓުގައި ފަސް ފަޅު ވެރިއަކު ތިބި ކަމަށާއި އެބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށުގައި މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެބޯޓު ފެނިފައިވަނީ ރާއްޖޭގެ ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ކުރިއަށްދާ އޭރިއަލް ސާވައިލަންސްއެއްގައި މިއަދު ހެނދުނުގެ ވަގުތެއްގައި އިންޑިއަން ނޭވީގެ ޑޯނިއާ ފުލައިޓަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ރާއްޖޭގެ އީއީޒެޑްގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ލަންކާގެ ދެ މަސް ބޯޓެއް މިދިޔަ މަހުގެ ތެރޭގައި ފެނުނު ކަމަށް ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމްއިއްޔާ، ގްރީންޕީސްގެ ބޯޓު ރެއިންބޯ އިން މިދިޔަ މަހުގެ ފަހުކޮޅު ރާއްޖޭގައި ކުރި ސާވޭއަކަށް ފަހު ވަނީ ބުނެފަ އެވެ.