20 Nov 2012, 23:47
މެންބަރުންތަކަކަށް ސަލާމަތީ ބޭރުތަކުން އަނިޔާކުރި ކަމަށް ބުނާ މައްސަލަތައް ބެލުމަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޓަ ޕާލިމަންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ ވަފުދާއި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ބައްދަލުކުރައްވާ މައުލޫމާތު ހިއްސާކުރައްވައިފި އެވެ.
މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި އެ ބައްދަލުވުމާއި ގުޅޭ ގޮތުން މަޖިލީހުގެ އިދާރާއިން ބުނީ އެ ވަފުދުން ޝާހިދަށް ކުރިމަތިކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައްޔިތުން މަޖިލީހުގެ ދެ މެންބަރަކު މިދިޔަ ހަފްތާގައި ހައްޔަރު ކުރުމުގައިކަން ހިނގާދިޔަ ގޮތުގެ މައުލޫމާތު އެ މިޝަންއާ ހިއްސާކުރެއްވި ކަމަށެެވެ. އެގޮތުން މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ ރ ގެ ދަށުން މެންބަރުން އެ ވަގުތު ހައްޔަރު ނުކުރެވޭނެތީ މަޖިލީހުގެ ރައީސް ކޮމިޝަނަރު އޮފް ޕޮލިސްއަށް ފޯނުން ގުޅުއްވައި، މެންބަރުން ދޫކުރެއްވުމަށް އެންގެވި ކަމަށާއި، އަދި އިމްތިޔާޒު ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި އެ ކޮމިޓީންވެސް އެ މެންބަރުން ދޫކުރުމަށް އެންގެވި ކަމުގެ މައުލޫމާތު ދެއްވި ކަމަށް އިދާރާއިން ބުންޏެވެ.
އަދި މަޖިލީހަށް ދިމާވާ ގޮންޖެހުންތަކާއި، މިހާރު ހުށަހެޅިފައިވާ ބައެއް މުހިންމު ބިލުތަކާއި މަޖިލީހުގެ މަސައްކަތްތައް ރޭވި ހިނގަމުންދާ ގޮތުގެ މަޢުލޫމާތުވެސް އެ މިޝަންއާ ޝާހިދު ހިއްސާ ކުރައްވި އެވެ. އަދި އައިޕީޔޫއިން މަޖިލީހަށް ދެއްވާ އެހީތެރިކަމަށް ޝާހިދު ފާހަގަ ކުރައްވާ އައިޕީޔޫއަށް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
ރޭން ފެށިގެން ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ އައިޕީޔޫގެ ވަފުދުގައި ހިމެނޭ މަޖިލީހުގެ މެންބަރުންގެ އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަތައް ދިރާސާކުރެއްވުމަށް ވަޑައިގެންވި ބޭފުޅުން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ. އަދި މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ފަންނީ ލަފާދެއްވުމަށް ވަޑައިގެންނެވި ފަންނީ މާހިރުން އެނބުރިވަޑައިގަންނަވާނީ މި މަހުގެ 28 ގައެވެ.