ޕޮލިސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަން ތަކުގައި މައްސަތުވާތަކެތީގެ 6 މައްސަލައަކާ ގުޅިގެން 12 މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ލިބުނު މައުލޫމާތަކާއި ގުޅިގެން އިއްޔެ ހެނދުނު 6:30 ހާއިރު ހިންގި އޮޕަރޭޝަނެއްގައި ބޮޑުތަކުރުފާނު މަގުން ޕޯސްޓް ބިލްޑިންގް ކައިރިން މީހަކު ހިފަހައްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތް ކުރުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފިލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނެސް ބަލައި ފާސް ކުރިއިރު ލައިގެން ހުރި ޖަނގިޔާ ތެރެއިން ފުރަގަސް ފަރާތާ ދިމާލުން ފޮށިބަންދު ކުރާ ޓޭޕް އަޅާފައިވާ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށެވެ.

އަދި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އިއްޔެ ހަވީރު 5:20 އެހާކަން ހާއިރު ފުލުހުން ހިންގި އޮޕަރޭޝަންގައި ހެންވޭރުގައި ހުރި ފިހާރައެއް ކައިރީގައި ތިބި ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން އުޅުމުން އޭގެ ތެރެއިން ދެ މީހަކު އަތުން ބިން މައްޗަށް އެއްޗެއް ވައްޓާލި ކަމަށާއި އެތަކެތި އެމީހުންގެ ހާޒިރުގައި ބެލިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 2 ޕެކެޓް ފެނިފައިވާ ކަމަށެވެ. އަދި ދެންހުރި މީހާ ފާސްކުރަން އުޅުމުން ފުލުހުންނަށް ނުކިޔަމަންތެރިކަން ދެއްކި ކަމަށާއި ނަމަވެސް ގަދަކަމުން އޭނާގެ މުއް ހުޅުވާ ބެލިއިރު މުށުތެރެއިން މަސްތުވާ ތަކެތިކަމަށް ޝައްކު ކުރެވޭ ދެ ޕެކެޓް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އެ މައްސަލަ އާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 29 އަހަރާއި 32 އަހަރާއި 33 އަހަރުގެ ތިން ފިރިހެނުންނެވެ.

އިއްޔެ ރޭ އިރާކޮޅުވެސް ފުލުހުން ދެ އޮޕަރޭޝަނެއް ހިންގާފައި ވެއެވެ. އޭގެ ތެރެއިން ފުރަތަމަ އޮޕަރޭޝަންގައި ހުޅުމާލެއިން މާލެއަށް އައި ފެރީގައި ތިބި ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސް ކުރިއިރު އޭގެ ތެރެއިން އެކެއްގެ ސޯޓާއި ބަނޑާ ދޭތެރެއަށް ޖަހާފައިހުރި ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 500 އެމްއެލް ބޮނަކުއާ ފެން ހުސްކުރި ފުޅިއަކާއި 500 އެމްއެލްގެ ލައިފް ފެން ހުސްކުރި ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 20 އަހަރާއި 22 އަހަރުގެ ދެ ފިރިހެނުންނެވެ.

މީގެ އިތުރުން އެރޭ 7:40 ހާއިރު ގެއެއްގެ ސިޑި މަތީގައި ބަޔަކު މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުން ދިޔައިރު އެގޭ ސިޑިމަތީގައި ތިބި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތް ކުރުމުން އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންނަށް މަރުގެ އިންޒާރު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެދެ މީހުންގެ ތެރެއިން އެކަކު ބަލައި ފާސް ކުރިއިރު އޭނާގެ ފުރަގަސް ފަރާތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 16 ޕެކެޓް ފެނިފައި ވެއެވެ. ދެން ހުރި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން އުޅުމުން އަމިއްލަޔަށް ވެއްޓިގަނެ ގަދަ ހަނދަން ފެށުމުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއް ޕެކެޓް ވަނީ އޭނާގެ އަތުންވެސް ބިންމައްޗަށް ވެއްޓިފަ އެވެ. އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 21 އަހަރާއި 26 އަހަރުގެ ދެ ފިރިހެނުންނެވެ.

އަދި ރޭ 10:00 ހާއިރު ބަނގުރަލުގެ ވިޔަފާރި ކުރާ ކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި މަޖީދީމަގުން ދިޔަ ސްރީލަންކާގެ ރައްޔިތަކު ހުއްޓުވައި ގަލޮޅު ޕޮލިސް ސްޓޭޝަނަށް ގެނެސް ބަލައި ފާސް ކުރިއިރު އޭނާ އަޅުވައިގެން ހުރި ދަބަހެއްގެ ތެރެއިން ބަނގުރާކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ހައިލޭންޑް ބްރީޒް ބްރޭންޑްގެ ހަތަރު ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ދިރިއުޅޭ ކޮޓަރި ބަލައި ފާސް ކުރިއިރު ބަނގުރާ ކަމަށް ޝައްކު ކުރެވޭ ހައިލޭންޑް ބްރީޒް ބްރޭންޑްގެ ހަތަރު ފުޅި ފެނުނު ކަމަށްވެސް ފުލުހުން ބުންޏެވެ. އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އުމުރުން 31 އަހަރުގެ ސްރީލަންކާ ފިރިހެނެކެވެ.

އަދި ހަމަ އެރޭ 10:00 ޖަހާކަން ހާއިރު މަސްތުވާތަކެތީގެ ވިޔަފާއި ކުރާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މާލޭގެ ގެއެއްގެ ތެރެ ފުލުހުން ފާސްކުރުމުގެ ތެރޭގައި އެގޭ ކޮޓަރިއެއްގައި އެވަގުތު ތިބި ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހުންނާއި ކޮޓަރި ބަލައި ފާސް ކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޕެކެޓް އެތަނުން އެކެއްގެ މުށު ތެރެއިން ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި މަސްތުވާތަކެތި ބޭނުން ކުރުމަށް ބޭނުން ކުރާ ބައެއް ސާމާނުވެސް އެކޮޓަރި ތެރެއިން ފެނިފައިވާ ކަމަށްވެސް ބުންޏެވެ. މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 35 އަހަރާއި 29 އަހަރާއި 28 އަހަރުގެ ތިން ފިރިހެނުންނެވެ.

މާލެ ތެރެއިން ކުއް މަދުކުރުމަށް ފުލުހުން ގެންދަނީ ޚާއްސަ އޮޕްރޭޝަނެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންގައި މިހާތަނަށް ފުލުހުންވަނީ ގިނަ އަދަދެއްގެ ބަނގުރަލާއި، މަސްތުވާ ހިކި އެއްޗެތި އަތުލައިގެންފަ އެވެ.