އޮސްޓުރޭލިއާ ސަރުކާރުގެ ފަރާތުން ހަތަރު ދާއިރާއަކުން 33 ދިވެހިންނަށް އެ ގައުމުގައި މަތީތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދީފި އެވެ.

އެ ގައުމުން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ދިން އެ ސްކޮލަޝިޕްތައް ހުޅުވާލާފައިވަނީ ހަތަރު ދާއިރާ އަކުންނެވެ. އެއީ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ އިތުރުން ތިމާވެށީގެ ދާއިރާ އަދި އިންޖިނިއަރިންގެ ދާއިރާއިންނެވެ. އެ ދާއިރާތަކުން މިފަހަރު 16 ބެޗްލާސް ޑިގްރީ އާއި 17 މާސްޓާޒް ޑިގްރީ އަޑް ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އޮސްޓްރޭލިއާއިން މަތީތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބުނު ދަރިވަރުންގެ ޝަރަފުގައި ޓްރޭޑާޒް ހޮޓަލުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ އޮސްޓްރޭލިއާ އަކީ ރާއްޖެއާ ވަރަށް ގާތްގުޅުމެއް އޮންނަ ގައުމެއް ކަމަށާއި އެގުޅުން ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށްދާނެ ކަމަށެވެ.

"އޮސްޓުރޭލިއާގެ ފަރާތުން ދިވެހި 33 ކުދިނަށް ސުކޮލާޝިޕް މިފަހަރު ދެއްވާތީ އެކަން ފާހަގަކޮށް އަޅުގަނޑުގެ އަމިއްލަނަމުގަ އާއި ދިވެހި ސަރުކާރުގެ ނަމުގައި ވަރަށް ބޮޑަށް އޮސްޓްރޭލިއާގެ ސަރުކާރަށް ޝުކުރުވެރިވަން،" ރައީސް ވިދާޅުވި އެވެ.

އަދި އުގެނުމަށް ލިބުނު ފުރުސަތު ނަގާނުލައި ފަރުވާބަހައްޓައިގެން ކިޔެވުމުގެ ތައުލީމު ހާސިލްކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް ސްކޮލަޝިޕް ލިބުނު ކުދިންނަށް ރައީސް ނަޝޭހަތްތެރިވެ ވަޑައިގަތެވެ.

އޮސްޓުރޭލިއާއިން މިއަހަރު 33 ދިވެހި ދަރިވަރަކަށް މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ދީފައިވާއިރު މިދިޔަ އަހަރުވެސް ވަނީ 42 ދަރިވަރުނަށް މަތީތައުލީމް ހާސިލްކުރުމުގެ ފުރުސަތުދީފަ އެވެ. އަދި އޮސްޓްރޭލިއާގެ ފަރާތުން އަންނަނީ 1972 ވަނަ އަހަރުން ފެށިގެން ތަފާތު ދާއިރާތަކުން މަތީތައުލީމު ހާސިލްކުރުމުގެ ފުރުސަތު ދިވެހިންނަށް ފޯރުކޮށްދެމުންނެވެ.