20 Nov 2012, 22:34
މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ގއ. ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ މުވައްޒަފުން ފަށާފައިވާ ހަޅުތާލާ ގުޅިގެން އެ ރަށުގެ އޮޕަރޭޝަންތައް ހުއްޓިފައިވާތާ ދެ ދުވަސް ވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެ ކުންފުންޏަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ކޫއްޑޫގެ މުވައްޒަފުން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މަސައްކަތް ހުއްޓާލާ ހަޅުތާލު ކުރަން ފެށީ ކޫއްޑޫގައި އަޅަން ނިންމާފައިވާ ކޭނިން ފެކްޓަރީ އައްޑުއަށް ބަދަލުކުރަން ނިންމުމާ ގުޅިގެންނެވެ.
ކޫއްޑޫ ހިންގުމާއި ހަވާލުވެ ހުންނެވި މުސްތޮފާ ޖަމީލް މިއަދު ސަން އޮންލައިންއަށް ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު ފެށި އިހުތިޖާޖާ އެކު އެ ރަށުގެ އެތެރޭގައި ހިންގަމުން އަންނަ މަސް ޕްރޮސެސްކުރުމުގެ ހުރިހާ އޮޕަރޭޝަނަކާއި އަދި ޖެޓީއަށް މަސްކިރުވުމުގެ ހުރިހާ އޮޕަރޭޝަނެއްވެސް ހުއްޓިފައިވާ ކަމަށެވެ.
"މިހާރު ދެ ދުވަސް މިވަނީ އެއްގޮތަކަށްވެސް މި ރަށުގެ އޮޕަރޭޝަން ކުރިއަށް ނުދާތާ. އޭގެ ސަބަބުން މަސްކިރަން އައި އުޅަދުތައްވެސް މަސްނުކުރި އެވަނީ. މި ކުންފުނީގެ އޮޕަރޭޝަންތައް އެއްކޮށް ހުއްޓާލަން ޖެހުމުން ކުންފުންޏަށް ވަރަށް ބޮޑު ގެއްލުމެއް މިވަނީ،" މުސްތޮފާ ވިދާޅުވި އެވެ.
އެ ކުންފުނީގައި 500 މުވައްޒަފުން ހަރަކާތްތެރިވަމުން އަންނަ އިރު އޭގެ ތެރެއިން ގިނަ މުވައްޒަފުންނަކީ ގއ ގެ އަތޮޅުތަކަށް ނިސްބަތްވާ މީހުންނެވެ. އެ ރަށުގެ އޮޕަރޭޝަންތައް ހުއްޓާލުމާއި ގުޅިގެން އަލަށް ހަދަން ފެށި، ފެން ބަންދު ކުރުމުގެ ޕްލާންޓްގެ މަސައްކަތާއި އަދި އެ ކުންފުނީގެ ފިހާރަތަކުގެ ސްޓޮކަށްވެސް އެކަމުގެ ހީނަރުކަމާ ކުރިމަތިވަމުން އަންނަ ކަމަށް މުސްތޮފާ ވިދާޅުވި އެވެ.
ކޭނިން ފެކްޓަރީ އައްޑުއަށް ބަދަލުކުރާ މައްސަލައިގައި މުވައްޒަފުން މަސައްކަތް ހުއްޓާލައި ހަޅުތާޅުކުރަން ފެށީއިރު ގއ ގެ ރައްޔިތުން ވަނީ އެކަން ހުއްޓުވައި ދިނުމަށް އެދި ސަރުކާރަށް ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.
ހަޅުތާޅުކުރަމުން އަންނަ މުވައްޒަފުންގެ ތެރޭގައި އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފަކު ނޫހުގައި ނަންނުޖެހުމަށް އެދި ބުނީ އެންމެ ފުރަތަމަ ހަޅުތާލުކުރަން ފެށީ ބައެއް މުވައްޒަފުން ކަމަށާއި ނަމަވެސް މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ހުރިހާ މުވައްޒަފުންވެސް ހަޅުތާލާ ގުޅި މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ.
"މިއީ މުޅި އަތޮޅުގެ ވިންދާގުޅިފައި ހުރިކަމެއްވީމައި އަޅުގަނޑުމެން މަސައްކަތް މި ހުއްޓާލީ. އެއީ މި އަތޮޅު ރައްޔިތުންގެ ވަރަށް ބޮޑު ހިއްސާއެއް މި ކޫއްޑޫގައި އޮތް އިރު އެކަމަށް ބެލުމެއް ނެތި މިކަން މިކުރަނީ. އެކަމާ ގުޅިގެން މުވައްޒަފުން ހިތްހަމަ މިނުޖެހުނީ،" އޭނާ ބުންޏެވެ.
ކޫއްޑޫ ފިޝަރީޒްގެ މެނޭޖިން ޑިރެކްޓަރު މުހަންމަދު މުއްތޮލިބު މިއަދު ވިދާޅުވީ ކޫއްޑޫގެ އޮޕަރޭޝަންތައް ހުއްޓިފައިވަނީ ބައެއް މުވައްޒަފުންނާއި ކައުންސިލްގުޅިގެން ހިންގި ކަންތައްތަކެއްގެ ސަބަބުން ކަމަށާއި އެކަމާއި އެކުންފުނިން ހިތާމަ ކުރާ ކަމަށެވެ. ނަމަވެސް މާދަމާގެ ވަގުތެއްގައި ކުންފުނީގެ ފަރާތުން މުވައްޒަފުންނާއި ބައްދަލުކޮށް އަލުން މަސައްކަތް ފަށައިގަނެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ކުންފުންޏަށް ފައިދާއެއް ވަނީ ރޯމަސް ގަނެގެން. އެއްމިހާރު ނުލިބޭ. އެކަން ނުހިނގާ ދެ ދުވަސް. އަނެއްކާ ބްރައިންގައި ހުރި މަސް ލޮނަކަށް ނުލެވުނު. އޭގެންވެސް ޑެމޭޖް. މިހެން ގޮސް ޑެމޭޖްތައް ޖެހޭނީ ކަލްކްލޭޓް ކުރަން އޭރުން މުޅި ގެއްލުން ވަޒަންކުރެވޭނީވެސް،" މުއްތޮލިބު ވިދާޅުވި އެވެ.
ގއ އަތޮޅުގެ ރައްޔިތުންގެ ހިތްހަމަ ނުޖެހުން ކޭނިން ފެކްޓްރީއާ މެދު ބޮޑުވުމާ އެކު ކޭނިން ފެކްޓަރީ އައްޑޫގައި އެޅުމަށް ނިންމާފައިވާ ނިންމުމާ މެދު ދެވަނަ ވިސްނުމަކަށް ދާން ކުންފުނިން ވިސްނާފައިވާ ކަމަށާއި ކޭނިން ފެކްޓަރީ އެޅުމަށް ބޭރުބަޔަކާއި ހަވާލުކޮށްގެން އާ ދިރާސާއެއް ކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
"އެ ދިރާސާގެ މައްޗަށް ބަލާފައި އަޅުގަނޑުމެން ނިންމާނީ ކޮންތަނަކުތޯ ފެކްޓަރީ އަޅާނީ. ކުރީގެ ނިންމުން އަޅުގަނޑުމެން މިހާރުމި މަޑުޖައްސާލީ."