ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހައުސިން ޔުނިޓްތަށް ގާއިމްކުރުމަށް ލޯނު ނެގުމުގެ ހުއްދަ ސަރުކާރަށް ދޫކުރުމަށް މާލިއްޔަތު ކޮމެޓީގެ މެންބަރުން މިއަދު ދެކޮޅުހައްދަވައިފި އެވެ.

މާލިއްޔަތު ގާނޫގެ ދަށުން ބަޖެޓްގައި ފާސްކޮށްފައިވާ އެއްވެސް ލޯނެއް ނެގޭނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ހުއްދަދޫކޮށްގެންނެވެ.

މާލިއްޔަތު ކޮމެޓީގައި މިއަދު ބޭއްވި ޖަލްސާގައި ޗައިނާގެ އެގްޒިމް ބޭންކުގެ އެހީގައި އަޅާ 1500 ހައުސިން ޔުނިޓްގެ މަސައްކަތަށް 150 މިލިއަން ޑޮލަރުގެ ލޯނެއްނެގުމުގެ ހުއްދައަށް ސަރުކާރުން އެދިފައިވާތީ އެކަމާ ގުޅޭގޮތުން މެންބަރުން ވަނީ މިއަދު ބަހުސްކުރައްވައިފަ އެވެ.

އެ ހައުސިން ޔުނިޓްތައް ގާއިމްކުރަނީ ހުޅުމާލެ އާއި ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ވިދާޅުވީ ހައުސިން ޔުނިޓްތައް އަޅަން ކަނޑައަޅާފައި ހުރި ގިނަ ރަށްރަށަކީ އާބާދީ ބޮޑުވެ ތޮއްޖެހުމުގެ މައްސަލަ މިހާރުވެސް ދިމާވެފައި ހުރި ރަށްރަށް ކަމަށާއި އެފަދަ ތަންތަނުގައި ހައުސިން ޔުނިޓްއެޅުމުން ނިކުންނާނީ އިތުރު މައްސަލަ ކަމަށެވެ. އެ ޕްރޮޖެކްޓްގެ ދަށުންވެސް ހުޅުމާލޭގައި ގިނަ ފުލެޓްތަކެއް އެޅުމަށް ނިންމާފައިވާއިރު ހުޅުމާލޭން ދޫކުރާ ފްލެޓްތައް މިހާރުވެސް ދޫކުރަނީ ކޮމާޝަލް ރޭޓްގައި ކަމަށްވާއިރު އަލަށް އިމާރާތް ކުރާ ފްލެޓްތަކަށްވާނެ ގޮތަކާ މެދުވެސް އޭނާ ސުވާލުއުފެއްދެވި އެވެ.

"މީގައި އަޅުގަނޑަށް ތާއީދު ކުރެވެނީ މި ލޯނަށް ހުއްދަ ދިނުމުގެ ކުރިން ރަށްތައް ކަނޑައެޅިފައިވާ ގޮތް އަދި އިތުރަށް ބަލަންޖެހޭ. މީގައި ރަށްތައް ކަނޑައެޅިފައިވަނީ ކިހިނެތްތޯއާ މިކަންތައްތައް އަޅުގަނޑުމެން ބަލަންޖެހޭ. އެއީ މިހާރު މިހިރަ ގޮތުން މިކަން ޖަސްޓިފައި ކުރަން އުނދަގޫވޭ،" ޔާމީން ވިދާޅުވި އެވެ.

އަލިފުށީ ދާއިރާގެ މެންބަރު މުހަންމަދު ނާޝިޒް ވިދާޅުވީ ބޯހިޔާވަހި ކަމުގެ މަޝްރޫއުގެ ދަށުން އެތައް ފުލެޓެއް އެޅުމަށް ސަރުކާރުން ލޯނު ނަގައިގެން މަސައްކަތް ކުރާއިރު އެ ސިޔާސަތު ތަންފީޒު ކުރުމަށް ސަރުކާރުން ގެންގުޅޭނެ ޕްލޭނެއް ސާފުނުވާ ކަމަށާއި އެކަމުގައި ސަރުކާރުގެ ސިޔާސަތާއު މަގުސަދު ސާފުނުވާނަމަ އެލޯނަށް ހުއްދެވެން ނޯންނާނެ ކަމަށެވެ.
"އަޅުގަނޑުމެންނަކަށް ނޭންގޭ ޕްލޭނެއް. ކޮން ބޭނުމެއްގައި ކިހިނެތް ކަމެއް ލޯނުތައް މި ނެގެނީ. އެއީ ކޮން ބޭނުމެއްގައި ކުރާ ކަމެއް ނޭންގޭ. އެހެންވީމައި އިތުރު މައުލޫމާތުތައް ސާފުނުކޮށް އިތުރު ލޯނެއް ނެގުމުގެ ހުއްދަ ދޭން ވަރަށް އުނދަގޫވާނެ،" ނާޝިޒް ވިދާޅުވި އެވެ.

އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ އަތޮޅުތެރޭގެ މީހުންނަށް ފުލެޓްތަކެއް ބޭނުންނުވާ ކަމަށާއި އޭގެ ބަދަލުގައި ނެހެދިހުރި ގޯތިތަކުގައި އިމާރާތް ކުރުމަށް ލޯނު ދޫކުރުން މާ ރަނގަޅުވާނެ ކަމަށެވެ.
"އެ މީހުން ފުލެޓެއް ބޭނުން ނުވާނެ. އެމީހުން އުޅެނީ ގޯތި ނުހެދިގެން. އަތޮޅުތެރޭގެ މީހުންނަށް ފުލެޓް އަޅައިގެން އެތަންތަނުގައި އުޅޭނެ މީހަކު ނުވާނެ،" ސަލީމް ވިދާޅުވި އެވެ.

މެންބަރުގެ ވާހަކަތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ އެ މައްސަލައިގައި މެންބަރުންގެ ހިޔާލު ހުރިގޮތް ސާފުވެއްޖެ ކަމަށާއި މެންބަރުން ބޭނުންވާ މައުލޫމާތުތައް އިތުރަށް ކޮމެޓީން ހޯއްދަވާނެ ކަމަށެވެ.