ރައްޔިޔުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ބައެެއް މެމްބަރުންނަށް ސަލާމަތީ ބާރުތަކުން އަނިޔާކޮށްފައިވާ ކަމަށް ބުނެ އިންޓަޕާލިމަންޓްރީ ޔޫނިއަން (އައިޕީޔޫ) އަށް ހުށަަހަޅާފައިވާ މައްސަލަ ބެލުމަށް އައިޕީޔޫގެ ވަފުދެެއް ރާއްޖެ އަތުވެއްޖެ އެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާޝަން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ ރޭގެ ވަގުތެއްގައި އައިޕީޔޫގެ ވަފުދު ރާއްޖެއަށް އައިސްފައިވާ ކަމަށާއި އެ ވަފުދުގެ ބޭފުޅުން ރާއްޖެ ވަޑައިގެންނެވީ 8 ފެބްރުއަރީގައި މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންތަކަށް އަނިޔާކޮށްފައިވާ ކަމަށް ބުނެ އެފަރާތުން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކަންތައްތައް ކުރިއަށްދާ ގޮތް ބެލުމަށް ކަމަަށެވެ. އަދި އެކަންތައްތައް ކުރިއަށްދާ ގޮތް ސަރުކާރުން އެފަރާތާއެކު ހިއްސާކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފެބްރުއަރީ 6،7 އަދި 8 ގައި ހިނގި ދިޔަ ކަންތައްތަކާ ގުޅިގެން މިނިވަން މުއައްސަސާތަކުން އެ ކަންކަން ބަލަމުން ގެންދާ ކަމާއި، ދެ ފުލުހެއްގެ މައްސަލަ ދައުވާކޮށްދިނުމަށް އެދި ޝަރީއަތަށް ހުށަހަޅައިފައިވާ ކަމަށް ސަރުކާރުން ވާނީ އައިޕީޔޫގައި ބުނެފައި،" އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ އައިޕީޔޫގެ ވަފުދުގެ ބޭފުޅުން ސަރުކާރާއެކު މާދަމާ ބައްދަލުކުރާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ޝަރުއީ ދާއިރާތަކުގެ ބައެއް މިނިވަން މުއައްސަސާތަކާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ.

އެމްޑީޕީން ހުށަހެޅި އެ މައްސަލައާ ގުޅިގެން އައިޕީޔޫގެ ވަފުދެއް ރާއްޖެ ފޮނުވާ ގޮތަށް އައިޕީޔޫގެ ޖެނެރަލް އެސެމްބްލީން ވަނީ ފާސްކޮށްފަ އެވެ. ރާއްޖޭގެ އިތުރުން ތުރުކީއަށް ވެސް ވަފުދެއް ފޮނުވާގޮތަށް ޖެނެރަލް އެސެބްލީން ވަނީ ފާސްކޮށްފަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އައިޕީޔޫގެ ވަފުދުގެ ބޭފުޅުން މިއަދުގެ ވަގުތެއްގައި ވަނީ ބައެއް ސިޔާސީ ޕާޓީތަކުގެ ޕާލިމަންްޓްރީ ގްރޫޕާއި ބައްދަލުކޮށްފަ އެވެ.