20 Nov 2012, 16:51
އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފަކަށް އެ ކޮމިޝަންގެ މެންބަރަކު ޖިންސީ ގޯނާ ކުރެއްވި ކަމަށް ބުނާ މައްސަލައެއް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ބެލުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމިން އެދިވެޑައިގެންފި އެވެ.
ޖީންސީ ގޯނާ ލިބުނު ކަމަށް ބުނާ އިލެކްޝަންސްގެ އަންހެން މުވައްޒަފަކު ކުރިން ވަނީ އެ ވާހަކަތައް ކޮމެޓީއާ ހިއްސާކޮށްފަ އެވެ. އެ ވާހަކަތައް ކޮމެޓީއާ ހިއްސާ ކުރީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ގާނޫނާ ހިލާފަށް ކަންތައްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ބުނެ، ކޮމެޓީ އަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހާޒިރު ކުރި މުވައްޒަފުންގެ ތެރެއިން އަންހެން މުވައްޒަފެކެވެ. އޭނާ ކޮމެޓީ އަށް ހާޒިރުވެ އެ ވާހަކަތައް ހިއްސާ ކުރީ ޖޫން 27، 2012 ވަނަ ދުވަހުގެ ރޭ ބޭއްވި ކޮމެޓީގެ ބައްދަލުވުމެއްގަ އެވެ.
ޔާމިންގެ އެދިވަޑައިގަތުމަކަށް އެ މައްސަލާގެ ތަފްސީލް ކޮމެޓީއާ ހިއްސާ ކުރައްވަމުން ކޮމެޓީގެ މުގައްރިރު، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު، މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ އެ މައްސަލައަކީ އަންހެން މުވައްޒަފަކު އިލެކްޝަންސްގެ މެންބަރަކަށް ކޮފީ ތަށި ދެއްވާ ވަގުތަކު "އޭނާގެ މުލައްދަނޑީގައި ހިފާފާފައި ކޮންމެ ވެސް ކަމެއް ކުރައްވާ ވާހަކަ،" ކަމަށެވެ. އަދި އެއީ ބަލައިދިނުމަށް އެދި ވަކި މުވައްޒަފަކު މައްސަލައެއްގެ ގޮތުގައި ހުށަހެޅުއްވި ކަމެއް ވެސް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެ ތުހުމަތު ކުރެވުނު މެންބަރު ކޮމެޓީ އަށް ހާޒިރުކޮށްގެން ސުވާލުތަކެއް ވެސް ކޮމެޓީން ކުރިމަތިކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަންހެން ބޭފުޅަކު ތެދުވެވަޑައިގެން، [ވިދާޅުވީ] އޭނަ ކޮފީ ދެއްވާ އިރު، އަތުގަ މާބޮޑަށް ހިފާވާހަކައެއް، މުލައްދަނޑީގައި ހިފާފައި ކޮންމެވެސް ކަމެއް ކުރައްވާ ވާހަކަ ވިދާޅުވި. ވިދާޅުވެގެން އެވާހަކަ މިތާންގައި ދެކެވުނު... ސައި ތަށީގެ ވާހަކަ ދެކެވުނު މެންބަރާ އެ ސުވާލު [ބިލެތްދޫ ދާއިރާގެ މެންބަރު] ހަމްޒާ ކުރެއްވެވި. އެ ސުވާލު ކުރައްވައިގެން ވަރަށް ދިގުކޮށް މިތާނގައި އެވާހަކަ ދެއްކި،" ނަޝީދު ވިދާޅުވި އެވެ.
އިލެކްޝަންސްގެ މެންބަރާ އެ ސުވާލު ކުރެއްވުމަށް ފަހު ލިބިވަޑައިގެންނެވި ޖަވާބުތަކުން އެއީ މައްސަލައެއް ނޫން ކަމަށް ކޮމެޓީގެ މެންބަރުންނަށް އެދުވަހު ގަބޫލުފުޅު ކުރެއްވުނު ކަމަށް ކޮމެޓީގެ މުގައްރިރު ވިދާޅުވި އެވެ.
ޔާމިން ވިދާޅުވީ އެ ދުވަހު ބޭއްވި ކޮމެޓީގެ ޔައުމިއްޔާ ބެލުމުން ހަތަރުކަމެއް ވާހަކަގަ ކުރެވުނު ކަމަށެވެ. އެ ގޮތުން މުވައްޒަފުންގެ ޒާތީ ގުޅުމާ ބެހޭ ބައިގެ ތެރެއިން އެ މައްސަލަ ބެލެންޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ މައްސަލަ އަލުން ބެލުމަށް ޓަކައި ޖިންސީ ކަމެއްގެ ޝިކާރައަކަށްވި މުވައްޒަފު ކޮމެޓީ އަށް ހާޒިރުކޮށް ތަފްސީލީ މައުލުމާތު ހޯދަން ޖެހޭ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރެއްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވާ އިރު، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ފަހުމީ ހަސަންގެ މައްޗަށް ވަނީ އެފަދަ ތުހުމަތުތަކެއްކޮށް އޭނާ މަގާމުން ވަކިކޮށްފަ އެވެ. އޭނާ މަގާމުން ވަކިކުރީ ސީއެސްސީގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ، ހުށަހެޅި މައްސަލާގައި އެކަން ސާބިތުވާކަމަށް ކޮމެޓީ އަށް ފެނުމުންނެވެ.