ރައީސުލްޖުމްހޫރިއްޔާ ސިޔާސީ ބޭނުންފުޅުތަކުގައި ކުރައްވާ ދަތުރުފުޅުތަކުގެ ހަރަދުތައް ދައުލަތަށް އަތުލުމަށް އުސޫލުތަކެއް ކަނޑައެޅުމަށް އޮޑިޓާ ޖެނެރަލް ނިންމަވައި އެކަމުގެ މަސައްކަތް ފައްޓަވައިފި އެވެ.

ސަން އޮންލައިނާ ވާހަކަ ދައްކަވަމުން އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް މިއަދު ވިދާޅުވީ ދައުލަތުގެ އެންމެ އިސްވެރިއަކަށް ހުންނަވާ ބޭފުޅަކު ވެސް އެބޭފުޅާ ނިސްބަތްވާ ޕާޓީގެ ކެމްޕޭނަށާއި އަމިއްލަ ސިޔާސީ ބޭނުންފުޅުތަކަށް ދަތުފުޅުތައް ކުރައްވާ ކަމަށާއި އެކަން ހުއްޓުވަން ރައީސް އޮފީހުގެ ތެރޭގައި އުސޫލުތަކެއް ކަނޑައަޅަން ޖެހޭ ކަމަށެވެ. އެގޮތުން ރައީސްގެ އަމިއްލަ ދަތުރުފުޅުތަކާއި ސިޔާސީ ދަތުރުފުޅުތަކަށް ދައުލަތުން ކުރާ ހޭދަ އަނބުރާ ދައުލަތަށް ލިބޭނެ އުސޫލެއް ގާއިމް ކުރަން ޖެހޭ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

"މިހާރު ވެސް އަދި ކުރީގައި ވެސް އެބަފެނޭ އަނބިކަބަލުންނާއި ދަރިން ވެސް ދައުލަތުގެ ހަރަދުގައި ރާއްޖޭން ބޭރަށް ވެސް ރައީސްއާ އެކު ދަތުރުކުރައްވާތަން. އެހެންކަމެއް ވެއްޖިއްޔާ އުސޫލެއްގެ ގޮތުން ސްޓޭޓް ވިސިޓް (ރަސްމީ ދަތުރުފުޅެއްގައި) ނޫނީ ރައީސްގެ އަނބިކަބަލުން ވެސް ދައުލަތުގެ ފައިސާގައި ހަރަދުކުރައްވައިގެން ވަޑައިގެންނެވުމަކީ ހަމަޖެހޭ އުސޫލަކަށް ނުވާނެ. އެހެންވީމާ އެ އުސޫލުތައް ކަނޑައެޅި ބަޔާންވެފައި ހުންނަން ޖެހޭތީ އެ އުސޫލުތައް އެކުލަވާ ލުމުގެ މަސައްކަތް މި ކުރެވެނީ،" ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ތަރައްގީވެފައިވާ ބޮޑެތި ގައުމުތަކުގައި ވެސް ރައީސްގެ ރަސްމީ ދަތުރުފުޅުތަކާއި އަމިއްލަ ދަތުރުފުޅުތައް އެނގޭނެ އުސޫލުތަކެއް ނޫނީ ކުރައިޓީރިއާތަކެއް ކަނޑައެޅިފައި ހުންނަ ކަމަށެވެ. އެގޮތުން އެ އޮފީހުން އެކުލަވާލާ އުސޫލުތަކުގެ ދަށުން ރައީސް ކުރައްވާ ދަތުރެއް ސިޔާސީ ދަތުރެއް ކަމަށް ބެލެވޭނެ ގޮތްތަކާއި ރަސްމީ ދަތުރެއްކަން ބެލެވޭނެ ގޮތްތަކެއް ކަނޑައަޅުއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ އުސޫލުތައް ކަނޑައެޅުމުގައި އެމެރިކާ ފަދަ ގައުމުތަކުގެ އުސޫލުތައް ބަލައި ދިރާސާ ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދިރާސާ އަށް ފަހު ދަންނަވާނަން މިހެން ވީމަޔޭ އެހެން ވީމައޭ ސިޔާސީ މަގުސަދުގައި ކުރާދަތުރަކަށް ވަނީ. މިހާރު މިސާލަކަށް ލޯކަލް އިލެކްޝަނަކާއި ވަރަށް ކައިރިވެފައި އޮއްވާ މި ފެންނަނީ ވަރަށް ގިނަ ފަހަރަށް އެ އަތޮޅަކަށް ވަޑައިގަންނަވާތަން. ކަނޑައެޅިގެން މިވެނި ކަމެއް ކޮށްދޭނަމޭ އެވެނި ކަމެއް ކޮށްދޭނަމޭ. މިއީ ހަމަ ކެމްޕޭނުކަން މި އެނގެނީ، މިފަދަ ހާލަތްތަކުގައި އަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅޭނެ،" ނިޔާޒު ވިދާޅުވި އެވެ.

އަދި ރަސްމީ ދަތުރުފުޅުތަކުގައި ވެސް ސިޔާސީ ކަންކަން ވަންނަނަމަ އެ ބޭފުޅަކު ނިސްބަތްވާ ޕާޓީއަކުން އެ ހަރަދުތައް ރިކަވާ ކުރަން ޖެހޭ ގޮތަށް ކަނޑައެޅުމަކީ އެފަދަ އުސޫލުތައް ހުންނަ ގައުމުތަކުގައި ކަނޑައެޅާފައިވާ އުސޫލެއްކަމަށް ވެސް އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ. އަދި ރާއްޖޭގައި އެކުލަވާލާ އުސޫލުތަކުގައި ވެސް އެކަންތައްތައް ހިމަނާނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ މިނިސްޓަރުން ވެސް އަމިއްލަ ސިޔާސީ ބޭނުމަށް ކުރައްވާ ދަތުރުތަކަށް ވެސް އަގުދައްކަން ޖެހޭނެ އުސޫލު ކަނޑައަޅާނެ ކަމަށެވެ.

"މި އުސޫލުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ދަތުރުތަކަށް ހުރަސް އެޅޭނެ އުސޫލުތަކެއް ނޫން. ބަރާބަރަށް ސެކިއުރިޓީއާ މި ހުރިހާ ކަމެއް ފުރިހަމަވެގެން ރައީސްއަށް ދަތުރުތައް ކުރެވޭނެ. މި އުސޫލަކީ ހަމައެކަނި ސިޔާސީ ބޭނުންތަކަށް ކުރާ ހަރަދުތައް ރިކަވާ ކުރަން އެކުލަވާލާ އުސޫލެއް،" ނިޔާޒު ވިދާޅުވި އެވެ.

ރައީސްގެ ސިޔާސީ ދަތުރުފުޅުތަކުގެ ހަރަދު ރިކަވާ ކުރަން އެކުލަވާލައި އުސޫލުތައް މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާ އެ އުސޫލުތަކަށް އަމަލުކުރެއްވުމަށް ރެކޮމެންޑް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ވެސް މެންބަރުން އެންމެ ބޮޑަށް ނެންގެވި މައްސަލައަކީ މިފަހަކަށް އައިސް ރައީސް ކުރައްވަމުން ގެންދަވައި ދަތުރުފުޅުތައް އެމަނިކުފާނުގެ ކެމްޕޭނަށް އަމާޒުކޮށްފައި ހުންނަ މައްސަލައެވެ. އެކަމުގައި ސަރުކާރު ޖަވާބުދާރީ ކުރުވަން ރައީސްގެ ހަރަދުތަކުގެ ތަފްސީލް މާލިއްޔަތު ކޮމެޓީއަށް ހޯދާ ދިރާސާ ކުރުމަށް ވަނީ ނިންމައިފަ އެވެ.