20 Sep 2010, 08:51
އިދާރީ ގޮތުން ރަށްތައް އެއްކޮށްލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ވޯޓުލުން އަންނަ މަހުގެ 9 ވާ ހޮނިހިރު ދުވަހު ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ސަންއެފްއެމް އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤު މިއަދު ވިދާޅުވީ އިދާރީ ގޮތުން ރަށްތައް އެއްކޮށްލުމަށް، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ގޮތުން ވޯޓް ނަގާނެ ރަށްތަކުގެ ލިސްޓު މިހާރު ފައިނަލް ކުރައްވާފައިވާ ކަމަށާއި އެ ގޮތުން އިދާރީ ގޮތުން ގުޅައިލުމުގެ ފުރުސަތު 99 ރަށަކަށް އެބަ އޮތް ކަމަށެވެ. އަދި އޭނާ ވިދާޅުވީ ސިޓީ ކައުންސިލް އުފެއްދުމުގެ ވޯޓުލުން 11 ރަށެއްގައި އޮންނާނެ ކަމަށެވެ.
ފުއާދު ވިދާޅުވީ، އެ މީހަކު ހުރި ތަނެއްގައި ހުރެގެން ވޯޓު ދިނުމުގެ ފުރުސަތު މި ވޯޓުގައި ނުލިބޭނެ ކަމަށެވެ. އެ ގޮތުން ވޯޓު ދެވޭނީ އެ މީހަކު ރަށްވެހި ވެފައިވާ ރަށެއްގައި ނުވަތަ މާލޭގައި ކަމަށާއި އޭގެ އިތުރުން އެ މީހަކު ނިސްބަތްވާ އަތޮޅެއްގެ ވެރިކަން ކުރާ ރަށުގައި ވޯޓު ދެވޭނެ އިންތިޒާމެއް ހަމަޖައްސަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަތޮޅު ވެރިކަން ކުރާ ރަށްރަށުގައި ވޯޓު ލުމުގެ ފުރުސަތު ދެއްވަން ޚިޔާލު ކުރައްވަނީ އެ ރަށަކުން ވޯޓު ދިނުމަށް ވަކި ޢަދަދަކަށް މީހުން ރަޖިސްޓްރީ ކޮށްފައިވާ ނަމަ ކަމަށާއި އެހެން ނަމަވެސް އެއީ ކިހާ ވަރެއްގެ އަދަދެއް ކަމެއް އަދި ކަނޑަ އަޅުއްވާފައި ނުވާ ކަމަށް ފުއާދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އިދާރީ ގޮތުން ރަށްތައް އެއްކޮށްލުމަށް ނަގާ ވޯޓަށް ހިނގާ ޚަރަދު ކުޑަ ކުރުމަށް ވަރަށް ބޮޑަށް އިސްކަން ދެއްވާނެ ކަމަށާއި އެ ގޮތުން ރަށްރަށުގެ މީހުން މާލޭގައި ވޯޓު ދިނުމަށް ބަހައްޓާ ވޯޓް ފޮށިތައް، ދެ ރަށް ނުވަތަ ތިން ރަށެއްގެ މީހުންނަށް އެއް ފޮށި ބަހައްޓަވާނެ ކަމަށެވެ. އެފަދަ ފޮށިތަކުގައި ރަށްތައް ވަކި ކުރުމަށް ޓަކައި ވޯޓު ކަރުދާހުގެ ކުލަ ތަފާތު ކުރައްވާނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.
ކޮމިޝަނާ ވިދާޅުވި ގޮތުގައި ރަށްތައް އެއްކޮށްލުމަށް ނަގާ ވޯޓަށް ޖުމްލަ 11 މިލިއަން ރުފިޔާ ހަރަދު ވާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނެފައިވާ ގޮތުގައި ރަށްތައް އެއްކޮށްލުމަށް ނަގާ ވޯޓަށް ހަރަދުވާ ފައިސާގެ އިތުރަށް ލޯކަލް ކައުންސިލްގެ އިންތިހާބަށް 62 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.