އަހަރެމެން އެއްމެންނަކީވެސް ހަމަ ދިވެހީންނެވެ. ދިވެހީންނަށް ދިވެހިރާއްޖޭގެ ގާނޫނާއި ދިވެހި ސަރުކާރުގެ އަމުރު ތަކާއި ދިވެހި ކޯޓު ތަކުގެ ޝަރީއަތާއި ހުކުމް ހިނގާނެއެވެ. ހިނގަން ވާނެވެސް މެއެވެ. އެކަމަކު މިހާރަކަށް އައިސް އަހަރެމެންގެ ތެރޭގައި އުޅޭ ބައެއް މީހުންނަކީ އެމީހުން އަމިއްލައަށް ގަބޫލު ކުރާ ގޮތުގައި މިރާއްޖޭގައި އުޅޭ "ކަޅު ޔޫރަޕު" މީހުންނޭ ނުވަތަ އަނެއް/ދިވެހިން ނޭ ބުނެވޭނެ ޖާގަ އެބަ އޮތެވެ. ރާއްޖޭގެ އެއްވެސް ކަމެއް، ތަނެއް، ގޮތެއް، ހަމައެއް، އަދި މި ދިވެހިބަސް ވެސް އެފަދަ މީހުންނަކަށް ކަމަކުނުދެ އެވެ. އެފަދަ ބައެއްމީހުން އެގޮތަށް އެވާހަކަ ހަމަ ފާޅުގައި ބުނަމުންވެސް ގެންދެއެވެ.

ކީކޭ ކަމަށް ހެއްޔެވެ! މިރާއްޖެ ކަމުނުދާ ވާހަކައެވެ. ދިވެހިބަސް ތާކުންތާކު ނުޖެހޭ ކަމުގައެވެ. ގާނޫނުތަކާއި ގަވައިދުތައް ދެކޮޅު ނުޖެހޭތީއެވެ. މިހެން ވަކިވަކި މިހާކުދި ރަށްތަކެއް މިއީ އުޅެން ކަމުދާވަރުގެ ތަނެއް ކަމުގައި ގަބޫލުނުކުރެވިގެންނެވެ. މި ވާހަކަތައް ދެއްކުމުގައި އެފަދަ މީހުން ބޭނުން ކުރަނީ ފޫއްސާއި ނަފުރަތާއި މަލާމާތުގެ ބަހުރުވައާއި ރާގެވެ. މިތާނގައި އުޅެންޖެހުނީތީ ދެރަވެ ހިތާމަކުރާ ކަމުގައި ކަނޑައަޅާ ބުނަމުން ގެންދަނީ ހިތުގެ އަޑިން ކަމުގައި ޔަގީންކޮށް ދެމުންނެވެ. އަދި މިވަރަކުން ވެސް އެކަހަލަ ބައެއްމީހުން ނިންމައެއް ނުލައެވެ. ދިވެހިކާބަފައިންނަށް ހެއްދެވި ނުހެއްދެވިއަށް ގޮވުމާއި ދިވެހިން ގަބޫލު ކޮށްގެން މިތިބޭ ގަބޫލުކުރުމަށް ވެސް އާޑަކިޔާ ފުރައްސާރަ ކޮށްލަނީ ކުޑަވެސް ޖެހިލުމެއް ނެތިއެވެ.

އަޅައިގަނެވުނީ ހައިރާންވެ އަންތަރީސް ވެވޭތީ އެވެ. އުފަންވެ ބޮޑުވި ވަޒަނުގެ އަގުވައްޓާލައި ކަނޑައެޅިގެން އެނގެންއޮތް އުސޫލާއިވެސް ދެކޮޅު ހަދާއިރު އެފަދަ ގިނަމީހުންނަކީ ތަނެއްދޮރެއް، އުޑެއް ބުޑެއްނުދަންނަ ގަބުގަމާރުން ކަމުގައި އެއްބަސްނުވެވޭ ކަމަށްޓަކައެވެ. ސެޓިފިކެޓުތަކާއި ފާސްތަކުގެ އިތުރަށް އެކިއާ ޑިގުރީއަކާއި ހަމައަށްވެސް ކިއަވައިގެން ތިބެ، މިހާ ދަށުފެންވަރުގެ ވިސްނުމާއި ފިކުރާއި ގަބޫލުކުރުން ގެންގުޅޭތީއެވެ.

އެއްމެ ފުރަތަމަ މިރާއްޖެ ކަމުނުދާ ކަމުގައި ބުނާއިރު އުފަންވީ މިތަނަށެވެ. ހެދިބޮޑުވީ މިޖައްވުގެ ވައިފެނާއި ކާނާގެ ބޭނުން ކޮށްގެންނެވެ. ގަރުބަގަތީ ދިވެހި ބަނޑެއްގައެވެ. އަމިއްލަ އެއްވެސް ބާރެއް ގޮތެއް ނެތްއިރު (ތުއްތު އިރާއި ކުޑައިރު) ހުރިހާ ކަމެއް ކޮށްދީ ބަލަހައްޓާ ހެދީ ދިވެހި މައަކާއި ބަފައެކެވެ. ހެދިބޮޑުވެގެން އައީ އެމައިމީހާގެ ލެއިން އުފެދޭ ކިރުބޯންދީ އަޅާލީތީ އެވެ. އޮރިޔާން ނިވާކޮށްދީ ބޭނުންވާ އިތުރު އެތައްއެތައް ބާވަތް ތަކެއް އަބަދާއި އަބަދު ހޯދާދީ ހެދީ އެ ބައްޕަ ބުރަ މަސައްކަތް ކޮށް ދާއޮހޮރުވައިގެން ހޯދި ފައިސާ އިންނެވެ. އެ ދެމީހުން ކޮށްދިން މަސައްކަތާއި ވީ ބޮޑު ގުރުބާނީ އާއި ކުރިހާ ހޭހަމުގެ އަގަކީ އަދާ ކުރެވޭނެ އެއްޗަކަށް ނުވެއެވެ.

އެއްމެ ބޮޑަށް ފާހަގަކުރަން ޖެހެނީ މިދިވެހި ގައުމުގައި މިއޮތް އުސޫލު މިގޮތަށް އޮތަތީ މިއަދުގެ އަހަރެމެންނަށް ލިބިފައިމިވާ މޮޅާއި ރަނގަޅާއި ހެވެވެ. ސަލާމަތުގެ މަގުގައި ތިބެން އެޅިފައިވާ ބިންގަލެވެ. ތިލަކޮށް ތަފުސީލަކަށް ދާނަމަ، މި ދިވެހިރާއްޖޭގައި އިސްލާމްދީން އޮތްކަމެވެ. މާތްﷲ ގެ އިރާދަފުޅުން މިގޮތަށް އަހަރެމެންނަށް ލައްވާފައި މިވާ ހެއޮ ރަޙުމަތެވެ.

ދެރަވެވެއެވެ. އެފަދަ މީހުން ރަނގަޅަށް ވިސްނާނުލާތީ އެވެ. އަހަރެމެންގެ ބާރުގެ ދަށުގައި ނެތް ކަންކަމާއި ދޭތެރޭ އެގޮތުގައި ދެން ކުރެވެން އޮތް ކަމެއް ކޮށްގެން ދިރިއުޅުމުގެ ހަމަޖެހުމަކާއި ހަމައަށް ދެވޭތޯ މަސައްކަތް ކުރުމުގެ ބަދަލުގައި ރުޅިއާއި ދެކޮޅުވެރިކަމުގައި އަމިއްލަ ސިކުނޑިއަށް ފިއްތުންތައް ކުރިމަތި ކުރަމުން ގެންދާތީއެވެ. މުޅިދުނިޔޭގައި ހެން ވަޒަންދެކެ ލޯބިވުމުގެ މޮޅުކަމާއި އެކަމުގެ ފައިދާތަކުގެ ވާހަކަ ދައްކައި އެގޮތުގައި ކުރިއަރައިދާން ކުރާ ބުރަ މަސައްކަތް އެފަދަމީހުންނަށް ނޭނގޭތީ އެވެ. ވަޒަން ނުވަތަ ގައުމުދެކެ ލޯބިވުމުގެ ނަތީޖާގައި އެތަނަކަށާއި އެތަނެއްގެ މީހުންނަށް ލިބިފައިވާ އަރުތައާއި ލާބައާއި މަންފާ ތަކުގެ ސާބިތު ހެކިތައް ފެންނަން ހުރިއިރު އެފަދަތަކެތި ބަލައި ކިއައި ލޮލުންދެކެ އަތުން ނުހިފައި ތިބީތީއެވެ.

ގަބޫލުކުރާށެވެ. ނޫނީ ހޯދައިބަލައި ދެނެގަންނާށެވެ. ހަގީގަތަކީ މިއެވެ. ވިސްނާ ފިކުރުކުރާ ހަމަ ކޮންމެމީހަކު އެމީހެއްގެ ގައުމު ދެކެ ލޯބިވާނެއެވެ. ތިމާއާއި ތިމާގެ އާއިލާއާއި އެއްމެންގެ ފައިދާއަށް ޓަކައެވެ. އަހަރެމެންގެ މި ދިވެހިރާއްޖެ އަކީވެސް ގައުމެކެވެ. އަހަރެމެން ދިވެހީންނަކީ މިގައުމުގެ ރައްޔިތުން ނެވެ. މިގައުމުގައި ހުރިއްޔާ ހުރި ނުބައެއް ރަނގަޅު ކުރަން ތިބީ ހަމަ އަހަރެމެންނެވެ. ނުބައިތަކުން ގެއްލުން ލިބޭނީ އަހަރެމެން ނަށެވެ. ރަނގަޅު ތަކުގެ ފައިދާވެސް ލިބޭނީ ހަމަ އަހަރެމެން ދިވެހިންނަށެވެ. ދިވެހިން ދިވެހިގައުމަށްޓަކައި ގުރުބާން ވާންވީ އެއްމެ ބޮޑު ސަބަބަކީ އަހަރެމެންގެ މި މާތް ދީން އަހަރެމެންގެ ރާއްޖޭގައި އޮތްކަމެވެ. އެގޮތުން އަހަރެމެންނަށް ސަލާމަތުގެ މަގުގައި ތިބުމުގެ ފުރުސަތު ފަހިވެފައިވާ ކަމެވެ.

މިހެންކަންހުރުމާއި އެކު އަހަރެމެން އެއްމެންމެ އެހެން ބަޔަކަށް ވުމުގެ ބަދަލުގައި މައްދިވެހީން ކަމުގައިވެ އަމިއްލަ ތިމާއާއި ގައުމު، ހަލާކާއި ގެއްލުމުގެ ތެރެއަށް ދިއަނުދީ އެމީހަކަށް ކުރެވުނު ކޮންމެކަމެއް ގައުމަށްޓަކއި ކޮށްދޭން މިއަދު މިތިބީ ވަކިން ބޮޑަށް މަޖުބޫރު ވެފައެވެ. ހަމަގަބޫލުކުރާ ކޮންމެ މީހަކުމެ މިއަދުގެ ދިވެހިގައުމު މިއޮތީ ނާޒުކުފައްތަރެއްގައި ކަމާއިމެދަކު ދެބަހެއް ނުވާނެއެވެ. ވީމާ މިއަދަކީ އަހަރެމެން އެއްމެން މެ އަހަރެމެން ގެ މި ދިވެހިގައުމަށް ޓަކައި އާހިއްވަރަކާއި ވަރުގަދަ ޖޯޝަކާއި އެކު އަތާއިއަތް ގުޅާލައި އެއްބައެއްކަމުގައިވެ ބުރަމަސައްކަތްތަކެއް ކުރަން ވީ ދުވަހެވެ. ވެވިފައި ހުރިނަމަ ހުރި ފޫއްސަކާއި އައުދެވިފައި ހުރިނަމަ ހުރި ރުޅިތައް ފިލުވާލައި އެއްބައެއްވަންތަ ވާންވީ ދުވަހެވެ.

ގަބޫލުކުރާށެވެ. އަހަރެމެން އެއްމެންނަކީ ވެސް ހަމަ ދިވެހީންނެވެ. ދިވެހިލޭ ނާރުތަކުގައި ހުރި ކެރޭހަރަކާތްތެރި ދިވެހި ކާބަފައިންގެ ދަރިކޮޅުން އައިސްތިބި މައްދިވެހީންނެވެ. ހަގީގަތަކީ މިއީއެވެ.