20 Nov 2012, 15:14
ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު އަމީން ދީދީ އާއި އޮލިމްޕިކް ކޮމެޓީގެ އޮނަރަރީ ރައީސް މުހައްމަދު ޒާހިރު ނަސީރުގެ ނަމުގައި ބާސްކެޓް ދެ މުބާރާތެއް ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ރޭ ތައާރަފްކޮށްފި އެވެ.
ރާއްޖޭގެ ބާސްކެޓްބޯޅަ އެސޯސިއޭޝަނަށް 60 އަހަރު ފުރިގެން ރޭ ނަސަންދުރަ ޕެލެސް ހޮޓަލްގައި ބޭއްވި ހަފްލާގައި މި ދެމުބާރާތް އިފްތިތާހްކުރި އިރު، އަމީން ދީދީގެ ނަމުގައި ތައާރަފް ކުރި މުބާރާތަކީ އަމީން ދީދީ އިންވިޓޭޝަނަލް ބާސްކެޓްބޯޅަ މުބާރާތެވެ.
އަމީން ދީދީ އިންވިޓޭޝަނަލް ބާސްކެޓްބޯޅަ މުބާރާތަކީ މީގެ ކުރިން ބާއްވަމުންއާ އެމްބީއޭ އިންވިޓޭޝަނަލް މުބާރާތް އުވާލުމަށް ފަހު ތައާރަފްކުރި މުބާރާތެކެވެ. އެގޮތުން ރޭގެ ހަފުލާގައި "އަމީން ދީދީ އިންވިޓޭޝަނަލް ބާސްކެޓްބޯޅަ މުބާރާތް" އިފްތިތާހު ކޮށްދެއްވީ އަމީން ދީދީގެ ކާފަ ދަރިކަލުން އިބްރާހިމް ފައިސަލް އެވެ.
ޒާހިރު ނަސީރުގެ ނަމުގައި ތައާރަފްކުރީ ޒާހިރު ނަސީރު އިންޓަ ސްކޫލް އިންވިޓޭޝަނަލް ބާސްކެޓްބޯޅަ މުބާރާތެވެ. އަދި މިމުބާރާތް އިފްތިތާހުކޮށްދެއްވީ ވެސް އޭނައެވެ.
މީގެ އިތުރުން ރޭ ހަފްލާގައި ބާސްކެޓްބޯޅައިގެ "އަހަރެމެންގެ އަޒުމް"ގެ ނަމުގައި މުޅިން އާލަވައެއް ތައާރަފްކުރި އިރު، ރާއްޖޭގައި އެންމެ ފުރަތަމަ ބާސްކެޓް މެޗެއް ކުޅުނު ބައިވެރިންނަށާއި އެންމެ ފުރަތަމަ އެކުލަވާލި ގައުމީ ބާސްކެޓް ޓީމުގެ ސްކޮޑަށް އެރިކުޅުންތެރިންނަށް ވަނީ ހަނދާނީ ފިލާ ދެއްވާފަ އެވެ. އެގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ ބާސްކެޓް ކުޅުނު މީހުންގެތެރެއިން ރޭގެ ހަދާނީ ފިލާ ލިބިވަޑައިގެން ބޭފުޅުންގެ ތެރޭގައި ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު އުމަރު ޒާހިރު ހިމެނެ އެވެ. އަދި އޭނާ އަށް ރޭގެ ހަފްލާގައި ހަނދާނީ ފިލާ ދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ.
އެންމެ ފުރަތަމަ އެކުލަވާލި ގައުމީ ބާސްކެޓް ޓީމުގައި ހިމެނިގެން ރޭ ފިލާ ލިބުނު ކުޅުންތެރިންގެ ތެރޭގައި މޫސާ ސަމީރާއި ހުސެއިން ރަޝީދާއި އަހުމަދު މަނިކާއި މުހައްމަދު ޝާހިދު ހަލީމާއި އަހުމަދު މުހައްމަދު (ދޮނާ) އާއި އަލީ ޝަރީފާއި ހަސަން އަލީ އާއި ހުސެއިން ނައީމް އަދި އެ ޓީމުގެ ކޯޗު އަދި މެނޭޖަރު ކާމިނީޕޫލް އަބްދުލްޝުކޫރު ހިމެނެ އެވެ.
ރޭގެ ހަފްލާ ކުރިއަށް ދިޔައިރު، ބާސްކެޓް ބޯޅަ އެސޯސިއޭޝަނުން ވަނީ ވީމީޑިއާ އާ އެކު މީޑިއާ ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކުރި އެވެ. އެގޮތުން ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ ރައީސް އަހުމަދު ހާފިޒެވެ. ވީމީޑިއާގެ ފަރާތުން ސޮއި ކުރީ ޗެއާމަން އަމީން އިބްރާހީމެވެ.