20 Nov 2012, 15:05
އަންނަ އަހަރު ނިއު އަށް ކުޅެން ސޮއިކުރި ކުރުމަށް ފަހު ރިލީޒް ހޯދީ އެ ޓީމު މާބޮޑަށް ވަރުގަދަވުމުން ކަމަށް އަސްއަދު އަލީ (އަޑުބަރޭ) ބުނެފި އެވެ.
މި އަހަރު ވީބީގެ ކެޕްޓަންކަން ވެސް ކުރި ކުޅުންތެރިޔާ މިހެން ބުނީ އަންނަ އަހަރު ބީޖީ އަށް ކުޅެން ނިންމުމަށްފަހު އެވެ.
"އަދި ސޮއިނުކުރަން. އެކަމަކު ބީޖީން ފެންނާނީ. އަހަރެން ނިއުއިން ބަދަލުވީ މާބޮޑަށް ޓީމު ވަރުގަދަވީމަ. އަހަރެން އަބަދުވެސް ބޭނުންވޭ 150 ޕަސެންޓް ދޭންޖެހޭ ޓީމަކަށް ކުޅެން،" ކޮންމެ މަގާމަކަށް ވެސް މޮޅަށް ކުޅެމުން އަންނަ އަޑުބަރޭ މިއަދު ބުންޏެވެ.
އޭނާ ބުނީ ބީޖީ އަށް ކުޅެން ނިންމީ ވަރަށް ބޮޑަށް ވިސްނާފައި ކަމަށެވެ.
އަޑުބަރޭ އަށްވުރެ ކުރިން ބީޖީއާ ގުޅިފައިވަނީ ވީބީގެ ފަރުހާދު އިސްމާއީލް އާއި އަހުމަދު އަޝްފާން އާއި ވިކްޓަރީގެ
މުހައްމަދު ޝައްފާޒު (ސައްޕޭ) އާއި އީގަލްސްގެ ކީޕަރު މުހައްމަދު ޔަމާނާއި އަހުމަދު ރިލްވާން ފަދަ ކުޅުންތެރިންނެވެ.
ބީޖީ އަކީ މި އަހަރު އަލަށް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި ޓީމެކެވެ.