ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެގެން އުޅުނު ލަންކާގެ މަސް ބޯޓެއް އެމްއެންޑީއެފްގެ ކޯސްޓްކާޑުން އަތުލައިގެންފި އެވެ.

އެމްއެންޑީއެފްގެ ފަސްޓް ލެފްޓިނެންޓް އަބްދުﷲ އަލީ މިއަދު ވިދާޅުވީ މ. އަތޮޅުގެ އިރުމަތިން 180 މޭލު ބޭރުން ކޯސްޓްގާޑަށް ބޯޓެއް ފެނިގެން އެ ސަރަހައްދަށް ގޮސް، އެ ބޯޓް އެމްއެންޑީއެފްގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެ ބޯޓު ފެނުނު އިރު ބޯޓުގައި މަސް ހުރިކަމެއް އަދި މަސްވެރިކަން ކުރަމުން ދިޔަކަން އަދި ސާފުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ބޯޓް ރާއްޖޭގެ ސަރަހައްދުގައި އޮތީ ގަވާއިދާ ހިލާފަށް ކަމެއް އަދި ނޭނގޭ. ފުލުހުންނާ ގުޅިގެން އެ މައުލޫމާތުތައް ސާފުކުރަމުން މިގެންދަނީ. މިވަގުތު ބޯޓް އޮތީ ސިފައިންގެ ކޮންޓްރޯލްގައި،" އަބްދުﷲ އަލީ ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓާ ބެހޭ އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ބޯޓް ރާއްޖޭގެ ސަރަހައްދަށް ވަދެގެން އުޅޭނީ ގަވާއިދާ ހިލާފަށް ކަމެއް އަދި ނޭނގޭ ކަމަށެވެ.

ރާއްޖެ ހާއްސަ އިގުތިސާދީ ކަނޑުގެ ސަރަހައްދު (އީއީޒެޑް)ގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ލަންކާގެ ދެ މަސް ބޯޓު ފެނުނު ކަމަށް ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމްއިއްޔާ ގްރީންޕީސްގެ ބޯޓު ރެއިންބޯ އިން މިދިޔަ މަހުގެ ފަހުކޮޅު ރާއްޖެ އަށް ކުރި ޒިޔާރަތް ކުރުމަށް ފަހު ނެރެފައިވާ ބަޔާނެއްގައި ވެސް ބުނެފައިވެ އެވެ.