އަމަން ބަލަހައްޓަން ހުރި ފުލުހެއްގެ މޫނުމަތީގައި ޖެހި މީހަކު 5000ރ. އިން ޖޫރިމަނާ ކުރުމަށް ފަހު ހަތަރު މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ފުލުހެއްގެ މޫނުމަތީގައި ޖެހުމުގެ ކުށުގައި ޖޫރިމަނާ ކުރުމަށް ފަހު ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ތ. ވިލުފުށީ ނާރިގުވިލާ މައުމޫން ސުލައިމާންގެ މަށްޗަށެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނަނީ މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ޝަހީދު ހުސެއިން އާދަމް ބިލްޑިންގް ކައިރީގައި އަމަން ބެލެހެއްޓުމަށް ތިބި ފުލުހުންގެ ތެރެއިން ފުލުހެއްގެ މޫނުމަތީގައި އޭނާ ޖެހިކަމަށް ދައުލަތުން ހުށަހެޅި ތިން ހެއްކަކު ހެކިބަސްދީފައިވާ ކަމަށެވެ. އެހެންކަމުން އޭނާ ދައުވާ އަށް އިންކާރު ކުރި ނަމަވެސް ހެކީންގެ ހެކިބަހުން އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.

ފުލުހުންގެ ގާނޫނުގެ 73 ވަނަ މާއްދާއާ ހަވާލާދީ، އެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން އޭނާގެ މައްޗަށް ކޮށްފައި ވަނީ ފުލުހުންގެ ދައުރު އަދާކުރަން ހުރި މީހަކަށް ހަމަލާ ދިނުމުގެ ކުށުގެ ދައުވާ އެވެ.

ފުލުހުންގެ ގާނޫނުގެ 75 ވަނަ މާއްދާގައި ބުނަނީ އެފަދަ ދައުވާއެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 12000ރ. ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ހަ މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުން ނުވަތަ 12000ރ. ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމާ އެކު ހަމަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލުމެވެ.