20 Nov 2012, 14:04
އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރަމުންދާ ގޮތުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ވަރަށް ބޮޑެތި ގެއްލުން ތަކެއް ވަމުންދާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ސްޕޯކްސް ޕާސަން އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވީ ފޯމުތަށް ހުށަހަޅަން އޮތް ވަގުތު ކުޑަކަމުން މިމަހުގެ 29 އަށް އިތުރު ކޮށްދިނުމަށް އެދި މިމަހުގެ 13 ވަނަ ދުވަހު އެ ކޮމިޝަނަށް އެންގި ކަމަށާއި، ނަމަވެސް ވަގުތު ހަމަވި އިރުވެސް އެއްވެސް ޖަވާބެއް ނުދޭ ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ފިންގަ ޕްރިންޓް ނުޖަހާ ގޮތަށް ނިންމިކަން މިދިޔަ އާދިއްތަ ދުވަހުގެ 3:30 ވީއިރުވެސް އެ ޕާޓީ އަށް އަންގާފައިނުވާ ކަމަށެވެ. މަހުލޫފް ވިދާޅުވީ އެ ޕާޓީގެ 8000 އަށް ވުރެ ގިނަ ފޯމުގައި ފިންގަޕްރިންޓް މައްސަލަ ހުރިކަމަށްބުނެ ރިޖެކްޓް ކުރުމާއި ގުޅިގެން އެ ފޯމުތަށް އިސްލާހް ކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޮނުވާފައި ވާކަމަށެވެ.
"މިދިޔަ އާދިއްތަ ދުވަހުގެ 3:30ވީ އިރުވެސް ފިންގަޕްރިންޓް ޖަހަން ޖެހޭތޯ ނުވަތަ ނޫންތޯ ވެސް ކަނޑައަޅާ ފައެއްނެތް. އެހެންވީމައި ކުރިންވެސް އަޅުގަނޑުމެންގެ އެތަށް ފޯމެއް ރިޖެކްޓް ކޮށްފައި އޮތީމައި އަޅުގަނޑުމެން ބޭނުންވީ ސާފުކޮށް އެނގެން ފޯމު ހުށަހަޅަންދިން މުއްދަތުގެ ކުރިން ފިންގަޕްރިންޓް ޖަހަން ޖެހޭނެތޯ ނުވަތަ ނޫންތޯ. އިލެކްޝަނުން ފޯމުތަށް ބަލައިގަތުމުގައި ބަލާނީ ކޮން މިންގަނޑެއްތޯ ފިންގަޕްރިންޓް ޖަހަން ޖެހޭތޯ ނުވަތަ ނޫންތޯ ސާފު ކޮށްދިނުމަށްވެސް އެދުނިން،" މަހުލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިމަހުގެ ހަވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހާއި ހަމައަށް އިލެކްޝަނަށް ފޮނުވި 5500 ފޯމުގައި ތިބި މީހުންގެ ތެރެއިން އެމީހަކު ނިސްބަތްވާ ޕާޓީއަކުން ވަކިކޮށް އަލުން ޕީޕީއެމް އަށް ވެއްދުމުގެ މަސައްކަތް މިހާރު ކުރަންޖެހިފައިވާ ކަމަށެވެ. އެ ޕާޓީން ފޮނުވި ފޯމުތަކުގެ ތެރެއިން 95 ޕަސެންޓު މެމްބަރުންނަކީ ޑީއާރުޕީން އެ ޕާޓީ އަށް ބަދަލުވި މެމްބަރުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ނޮވެންބަރު 18 ވަނަ ދުވަހާއި ހަމައަށް ފޮނުވި ފޯމުތަށް އަލުން މިޖެހެނީ އެމީހުން ނިސްބަތްވާ ޕާޓީން ކަނޑާފައި އަލުން ޕީޕީއެމަށް ވެއްދުން. އަޅުގަނޑު މި ދައްކަނީ ހަމައެކަނި ޕީޕީއެމުން ފޮނުވި 5500 އެއްހާ ފޯމަށް ހަދަންޖެހޭ ގޮތް. އަޅުގަނޑަށް ޔަގީން އަޅުގަނޑުމެންގެ ފޯމު ތަކުގެ ތެރެއިން 95 ޕަސެންޓު ފޯމަކީ ޑީއާރުޕީން މި ޕާޓީއަށް ބަދަލުވެފައިތިބި މީހުން. ދެން ކިހިނެއްތޯ މިއަދު އޭގެން ކޮންމެ މީހެއް ކައިރިއަށްގޮސް އެމީހުން ޕާޓީން ކަނޑަން ސިޓީއެއް ލާނި. ތިމަންނަ ޑީއާރުޕީން ވަކި ކޮށްދޭށޭ ކިޔާފައި ތަސްމީނަށް ސިޓީއެއް ލީމައި އެ ޕާޓީން އެމީހަކު ވަކިކޮށް ދިނިއްޔާ ނޫނީ އަޅުގަނޑުމެންނަކަށް ނެތް އެމީހަކު ޕާޓީ އަކަށް ވެއްދޭކަށް،" މަހްލޫފް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުން އެ ކޮމިޝަނަށް ހުށަހަޅާ ފޯމްތަކުގައި މެމްބަރުންގެ އިނގިލީގެ ނިޝާން ޖަހަން ނުޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށާއި، އެ ގޮތަށް ނިންމީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އެކަން ކުރަން ނުފެންނަ ކަމަށް ނިންމައި އެ ކޮމިޝަނަށް އަންގާފައިވާތީ ކަމަށެެވެ.