20 Nov 2012, 13:37
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ފަހުމީ ހަސަން އެ ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލާގައި އޭނާ މަގާމުން ވަކިކުރުމަށް ކޮމެޓީން ހުށަހެޅި ރިޕޯޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ފަހުމީ މެންބަރުކަމުން ވަކިކޮށްފި އެވެ.
ސީއެސްސީގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަން ސާބިތުވާ ކަމަށް ކަނޑައަޅައި، މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފޮނުވި ރިޕޯޓް ފާސް ކުރަން ވޯޓް ދިނީ މިއަދުގެ ޖަލްސާއަށް ހާޒިރުވި 72 މެންބަރުންގެ 38 މެންބަރުންނެވެ. އަދި ރިޕޯޓް ފާސް ކުރުމާ ދެކޮޅަށް 32 މެންބަރުން ވޯޓް ދެއްވި އެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވާ ދެ މެންބަރުން ތިއްބެވި އެވެ.
ފަހުމީ މަގާމުން ވަކި ކުރަން ފެނޭތޯ ވޯޓަށް އެހުމުގެ ކުރިން، އޭނާ މަގާމުގައި ހުންނަވައިގެން ކުރައްވައިގެން ނުވާނެ ފަދަ އަމަލެއް ހިންގާފައިވާ ކަމަށް ބުނެ ސީއެސްސީގެ މުވައްޒަފު، އާމިނަތު ޝަހުމާ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީ އަށް ހުށަހަހެޅި މައްސަލަ ބެލުމަށް ފަހު ތައްޔާރު ކުރި ރިޕޯޓް މަޖިލީހަށް ހުށަހަޅައި އެ ރިޕޯޓާ މެދު މެންބަރުން ބަހުސްކޮށްފަ އެވެ.
ފަހުމީ ހިންގާފައިވާ ކަމަށް ތުހުމަތުކުރާ އަމަލުތައް ބެލުމަށް ފަހު މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީން ތައްޔާރުކުރި ރިޕޯޓް ހުށަހަޅުއްވަމުން އެ ކޮމެޓީގެ މުގައްރިރު ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު، ވިދާޅުވީ އެކަމަކީ ފަހުމީގެ މައްޗަށް ތުހުމަތު ކުރެވުނު ކަމަކީ އޭނާ "ނުހިންގުމަށް ވުރެ ހިންގައިފާނެ ކަމެއް" ކަމަށް ކޮމެޓީން ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ އަމަލު މުވައްޒަފަކާ މެދު ހިންގާފައިނުވާނެ ކަމަށް ފަހުމީ ވިދާޅުވި ނަމަވެސް އެކަން ކޮމެޓީ އަށް ސާބިތުކޮށްދެއްވިފައި ނުވާ ކަމަށެވެ.
ފަހުމީ ހިންގާފައިވާ ކަމަށް ބުނާ އަމަލަކީ ޖިނާއި ކުށެއް ކަމުގައި ވިއަސް އޭނާ މަގާމުން ވަކި ކުރުމަށް ކޯޓަށް ސާބިތުވާން ނުޖެހޭނެ ކަމަށާއި އެފަދަ އަމަލެއްކޮށްފި ކަން މަޖިލީހަށް ސާބިތުވުމުން އޭނާ މަގާމުން ވަކިކުރަން ފުދޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ރައްޔިތުން މަޖިލިހަށް ކަށަވަރުވާން ޖެހެނީ، ރައްޔިތުން މަޖިލީހަށް ޔަގީންވާން ޖެހެނީ އެ މަގާމުގައި ހުރި މީހާ އެކަށީގެންުވާ ވަރުގެ ކަމެއް ކުރިކަމަށް،"ނަޝީދު ވިދާޅުވި އެވެ.
ފަހުމީ މަގާމުން ވަކިކުރަން ޖެހޭ ކަމަށް ވާހަކަ ދެއްކެވި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ވިދާޅުވެފައި ވަނީ އަންހެނުންނަށް ލިބިދޭން ޖެހޭ ހައްގުތައް ރައްކާތެރި ކުރުމުގައި އަންހެނުންނަށް ކުރާ ގޯނާތައް ހުއްޓުވުމަށް އެއްބާރުލުން ޖެހޭ ކަމަށެވެ. ހަމަ އެހެންމެ ފަހުމީ މަގާމުން ވަކި ކުރުމަށް ތައީދު ކުރައްވަމުން ޑީއާރުޕީގެ ޕާލަމެންްޓްރީ ގުރޫޕްގެ މެންބަރު ރޮޒައިނާ އާދަމް ވެސް ވަނީ އަންހެންގެ ހައްގުތައް ހިމާޔަތް ކުުރުމަށް އެފަދަ ތުހުމަތުތައް ކުރެވި މަޖިލީހަށް އެކަން ކުރިކަމަށް ކަމަށް ފެނިއްޖެ ނަމަ މަގާމުން ވަކި ކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
އެހެން ނަމަވެސް ކޮމެޓީ ނެރުނު ރިޕޯޓާ ދެކޮޅަށް ވާހަކަ ދެއްކެވި ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަހްމަދު ޝަރީފް އާދަމް ވިދާޅުވީ މިނިވަން މުވައްސާތަކާ ބެހޭ ކޮމެޓީން ނިންމާފައިވާ ރިޕޯޓަށް އޭނާ ތާއީދު ނުކުރައްވާ ކަމަށާއި ކޮމެޓީން ނިންމާ ނިންމުމަކަށް ބެލުމަށް ފަހު މަގާމުން ވަކި ކުރުމުގެ ކުރިން ފުޅާދާއިރާއެއްގައި އެ މައްސަލަ ތަހްގީގު ކުރެވެން ޖެހޭނެ ކަމަށެވެ. ހަމަ އެހެންމެ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މާވަށު ދާއިރާގެ މެންބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުުރު ވިދާޅުވީ ފަހުމީއާ މެދު ކުރެވިފައިވާ ތުހުމަތުތަކަކީ ސިޔާސީ މަގުސަދެއްގައި ކޮށްފައިވާ ތުހުމަތުތަކެއް ކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.