20 Nov 2012, 13:31
ހަނުހުރުމުގެ ހައްގާއި ޝަރީއަތުގައި ބަޔާން ނުދިނުމުގެ ހައްގު ބޭނުން ކުރާނެ އުސޫލުތަކާއި އެ ހައްގުތައް އެކަށާއަޅާނެ ގޮތްތައް ބާޔާންކޮށްފައިވާ "ހަނު ހުރުމުގެ ހައްގުގެ ބިލް" ރައްޔިތުން މަޖިލީހަށް ބަލައިގެންފި އެވެ.
ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހުށަހެޅުއްވި އެ ބިލް މަޖިލީހަށް މިއަދު ބަލައިގަތީ މަޖިލީހުގައި އެވަގުތު ތިއްބެވި 74 މެންބަރުންގެ ތެރެއިން 46 މެންބަރުން ވޯޓްު ދެއްވައިގެންނެވެ. އެ ބިލް ބަލައި ގަންނަން ނުފެންނެ ކަމަށް 27 މެންބަރަކު ވޯޓް ދެއްވި އިރު ވަކި ކޮޅަށް ވޯޓު ނުދެއްވާ އެއްވެސް މެންބަރަކު ނެތެވެ.
އެ ބިލާ އެއްކޮޅަށް ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވަމުން ގެންދެވީ އެ ބިލްގެ ސަބަބުން ހަނުހުރުމުގެ ހައްގު ނިގުޅައިނުގަންނަ ކަމަށާއި އެ ބިލްގެ ސަބަބުން އެ ހައްގުގެ ބޭނުން ކުރާނެ އިންތަކެއް ކަނޑައެޅިގެންދާނެ ކަމަށެވެ.
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ވިދާޅުވީ ޖިނާއީ ކުށްތައް އިތުރުވެރުވެގެން ގޮސްފައިވާ މިދުވަސް ވަރު ހަނުހުރުމުގެ ހައްގުގެ ބޭނުން ކުރާނެ ގޮތްތަކެއް ކަނޑައަޅަން ޖެހޭ ކަމަށް ގަބޫލުކުރަން ޖެހޭ ކަމުގަ އެވެ. އަދި އެބިލާ ދެކޮޅު ހެއްދެވި މެންބަރުން ދެކޮޅު ހައްދަވަނީ ސިޔާސީ ހިޔާލު ތަފާތުވުން ތެރެއިންކަން މަހްލޫފް ފާހަގަ ކުރެއްވި އެވެ.
"އެއްވެސް ހާލެއްގައި މި އުޅެނީ ހަނު ހުރުމުގެ ހައްު ނިގުޅައިގަންނާކަށް ނޫން. އަޅުގަނޑުމެން މި މަޖިލީހުގައި ތިބެގެން ފާސްކޮށްފައި އޮތް ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުުރުމާ ބެހޭ ބިލްގައި ހަނު ހުރުމުގެ ހައްގު ނިގުޅައިގަންފައި އޮންނާނެ. ކޮން ވާހަކައެއްތޯ މި ދައްކަނީ. އެކަމު މި ގާނޫނަކު ނެތް ސާފުކޮށް ބަޔާން ކޮށްދީފައި ހަނު ހުރުމުގެ ހައްގު ނިގުޅައިގަންނަނީ ކަމަކަށް. މީގައި މި އޮތީ އެކަން ކަން ތަފްސީލް ކޮށްދީފައި،" މަހްލޫފް ވިދާޅުވި އެވެ.
ހަނު ހުރުމުގެ ހައްގު މިހާރު އޮތް ގޮތުން ނަމާއި އެޑްރެސް ބުނުމަށް ފަހު އެ ހައްގު ބޭނުން ކުރެވުނު ނަމަވެސް ހަނު ހުރުމުގެ ހައްގުގެ ބިލްގައި އިނގިލީގެ ނިޝާން ދިނުމާއި ޑީއެންއޭ ޓެސްޓް ކުރަން ބޭނުންވާ އެއްޗެހި ފުލުހުންނަށް ދިނުމަކީ ހަނު ހުރުމުގެ ހައްގުގެ ތެރޭގައި ހިމެނޭ ކަންކަން ނޫން ކަމަށް އެ ބިލްގައި ވާކަން މެންބަރުން ވަނީ ފާހަގަ ކުރައްވަފަ އެވެ.
ތުލުސްދޫ ދާއިރާގެ ޑީއާރުޕީ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ކުށް ކުރުމުގެ އަދަދު އިތުުރުވެގެންގޮސްފައިވާ އިރު ކުށްވެރިނަށް ހަނުހުުމުގެ ހައްގު ދީފައި އޮތުމަކީ ގަބޫލު ކުރެއްވޭނެ ކަމެއްނޫން ކަމަށެވެ.
"ކީއްވެތޯ ޖަވާބު ދާރީ ނުވެވޭންވީ. އެ މީހެއްގެ ގައިގައި އެއްޗެއް ހުރުމުން ނުވަތަ އެ ކުށަކާ އެމީހަކާ އެހާ ބޮޑަށް ގުޅިގެން އަންނަ އިރު ވެސް އެއީ އެމީހަކާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ދެއްކުމަށް އެއްޗެއް ނުބުނެވެންވީ ސަބަބެއް އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނުވިސްނޭ. އެހެންވީމާ ހަނުހުރުމުގެ ހައްގަގަކީ ކުށްކުރާވާ މީހުނަށް ސަލާމަތްވެ ގަންނަ ބޭނުންކުރާ ރައިޓެއް [ ހައްގެއްގެ ގޮތުގައި ] ބޭނުން ކުރުން އެއީ މުޖުތަމައުގެ ދެން ތިބި މީހުން ބިރުވެރި ކަމެއްގެ ތެރެއަށް ވެއްޓެން ޖެހޭ ކަމެއް،" ރޮޒައިނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރުން ވަނީ އެ ބިލާ ދެކޮޅު ހައްދަވައި ވާހަކަފުޅު ދައްކަވައިފަ އެވެ. ހަނު ހުރުމުގެ ހައްގުގެ ބޭނުން ކުރާނެ ގޮތްތަކެއް ކަނޑައެޅުމަކީ ހަނު ހުރުމުގެ ހައްގު ނިގުޅައިގަތުން ކަމަށް އެ މެންބަރުން ވަނީ ސިފަ ކުރައްވައިފަ އެވެ.
އެ ބިލް މިއަދު މަޖިލީހުން ބަލައި ގަތުމާ ގުޅިގެން މަޖިލީހުގެ ގަވާއިދުގެ މަތީން ގައުމީ ސަލާމަތު ކޮމެޓީ އަށް އެ ބިލް ވަނީ ފޮނުވުމަށް ނިންމައިފަ އެވެ.