ލަކުޑި ބުރިއަކުން ޖަހައި މިދިޔަ އަހަރުގެ އެޕްރީލް މަހު ނ. މާޅެންދޫ ވައިޓް ހައުސް އަހުމަދު މިރުޒާ މަރާލިކަމަށް ތުހުމަތު ކުރެވޭ ދެމީހަކާއި ދެކޮޅަށް މީހަކު ހެކިބަސް ދީފި އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވިލިމާލޭ ޕާކްތެރޭގައި ލަކުޑި ބުރިއަކުން ބޮލުގައި ޖަހައި މިރުޒާ މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކާއި ދެކޮޅަށް މީހަކު ހެކިބަސް ދީފައިވަނީ ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގަ އެވެ.

މިރުޒާގެ މަރާގުޅިގެން ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވާ ޏ. ފުވައްމުލަކު ޒާވިޔާ އަބްދުﷲ ނަސީފާއި، ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ވ. ފަޒީލާމަންޒިލް މުހައްމަދު ޝިފާއުއާ ދެކޮޅަށް ހެކިބަސް ލިބުނު ނަމަވެސް ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ގދ. ގައްދޫ ބޮކަރުގޭ އަލީ ރިފްޝާންއާ ދެކޮޅަށް އެއްވެސް ހެކިބަހެއް މިއަދު ލިބިފައެއް ނުވެ އެވެ.

ކާކުކަން ނޭނގޭގޮތަށް އަޑުބަދަލުކޮށްގެން މިއަދު ހެކިބަސް ދިން މީހުންގެ ތެރެއިން އެކަކު ބުނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ އެގާރަ ވަނަ ދުވަހު ވިލިމާލޭ ޕާކްކައިރީގައި މިރުޒާ ހުއްޓާ ޝިފާއު މިރުޒާގެ ގައިގައި ހިފަހައްޓައިގެން ހުރެ ލަކުޑިބުރިއަކުން އޭނާއަށް ހަމަލާދިން މަންޒަރު އޭނާއަށް ފެނުނު ކަމަށެވެ. އަދި އެވަގުތު ނަސީފް ވެސް މިރުޒާއަށް ލަކުޑިބުރިއަކުން ހަމަލާދިން މަންޒަރު އޭނާއަށް ފެނުނުކަމަށް ހެކިބަސް ދެމުން އެ މީހާ ބުންޏެވެ. ނަމަވެސް ދައުވާ ލިބޭ ރިފްޝާން އެތަނުން ނުފެންނަ ކަމަށް ވެސް ހެކިބަސް ދެމުން އެމީހާ ބުންޏެވެ.

ހެކިބަސް ދިން ދެވަނަ މީހާ ބުނީ މާރާމާރީ ހިންގިތަން އޭނާއަށް ނުފެންނަ ކަމަށާއި މާރާމާރީ ހިންގި ކަމަށް މުސްކުޅި ދައްތައަކު ބުނުމުން އޭނާ ހޮސްޕިޓަލަށް ދިޔައިރު އެތަނުން މީހަކު ފެންނަން ނެތްކަމަށެވެ. އޭނާ އެހެން ބުނުމުން ތަހުގީގަށް ބަޔާނެއް ދިނިންތޯ ދައުލަތުން ކުރި ސުވާލުގެ ޖަވާބުގައި އޭނާ ބުނީ ތަހުގީގަށް އޭނާ ބަޔާން ދިނީ މަރާލާނެ ކަމަށް ބުނެ ބަޔަކު ބިރުދެއްކުމުން ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ވެސް އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ.

މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދިން ދެ މީހުންގެ ތެރެއިން އެކަކު ބުނެފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ އެގާރަ ވަނަ ދުވަހު އިރުއޮއްސި 5:40 އެހާކަންހާއިރު ވިލިމާލޭ ޕާކްކައިރީގައި މިރުޒާ ހުއްޓާ އޭނާގެ ބޮލުގައި ދައުވާ ލިބޭ މީހުންގެ ތެރެއިން ޝިފާއު ލަކުޑިބުރިއަކުން ޖެހިތަން ވަރަށް ރަނގަޅަށް އޭނާއަށް ފެނުނު ކަމަށެވެ.

ހެކިބަސް ދެމުން އެދުވަހު އޭނާ ބުނެފައި ވަނީ ޝިފާއު މިރުޒާގެ ބޮލުގައި ޖެހުމުން އޭނާ ބިންމައްޗަށް ވެއްޓުނު ކަމަށާއި ދެން ނަސީފު ފުންމައިގެން ގޮސް މިރުޒާގެ ގައިމައްޗަށް އަރައިގަތްކަމަށެވެ. އަދި އެވަގުތު އެތަނުގައި ކޮންބައެއްކަން ނޭނގޭ ހަތަރެއް ނޫނީ ފަސްވަރަކަށް މީހުން ތިބި ކަމަށާއި ނަމަވެސް ދައުވާ ލިބޭ މީހުންގެ ތެރެއިން ރިފްޝާން އެތަނުން ފެނިފައި ނުވާކަމަށް އޭނާ ބުންޏެވެ.